މުޒާހަރާ ވަކި ގަޑިއެއްގައި ހުއްޓުވަން އުމަރު އަންގަވައިފި

އިދިކޮޅު އެމްޑީޕީން ހުކުރު ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "މިންޖުވާން" މުޒާހަރާ އެރޭ މެންދަމު 12:00 ޖަހާއިރު ހުއްޓުވަން ހޯމް މިނިސްޓަރު އުމަރު ނަސީރު ފުލުހުންނަށް އަންގަވައިފި އެވެ.
އުމަރު މިއަދު ކުރެއްވި ޓްވީޓެއްގައި ފުލުހުންނަށް މިގޮތަށް އަންގާފައިވާ ކަން ވަނީ ޔަގީންކޮށްދެއްވާފަ އެވެ.
އުމަރުގެ ޓްވީޓުގައި ވިދާޅުވީ މުޒާހަރާ މެންދަމު 12:00 ޖަހާއިރު ހުއްޓުވުމުގެ އިތުރުން މުޒާހަރާގެ ބައިވެރިންނަށް އާޓިފިޝަލް ބީޗް ސަރަހައްދު ނޫން އެހެން ސަރަހައްދެއްގައި މުޒާހަރާކުރުމުގެ ފުރުސަތު ނުދިނުމަށްވެސް ފުލުހުންނަށް އަންގާފައިވާނެ ކަަމަށެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނަރަލް އަނަސް އަބްދުއްސައްތާރު ރޭ ވިދާޅުވީ އެމްޑީޕީގެ މުޒާހަރާގެ ނޯޓިސް އާއި މުޒާހަރާ ކުރިއަށްދާނެ ގޮތުގެ މައުލޫމާތު ފުލުހުންނަށް ދީފައިވާނެ ކަމަށެވެ. އަދި މުޒާހަރާ ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދޭނެ ކަމަށާއި މުޒާހަރާގެ ޕްލޭނަށް ބަދަލު ގެނައުމަށް ފުލުހުން އެދިފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
އެމްޑީޕީން ހުކުރު ދުވަހު ހަވީރު 4:00 ޖަހާއިރު މުޒާހަރާ ފަށާ ގޮތަށް 73 ގަޑިއިރަށް މުޒާހަރާ ކުރިއަށްދާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ. އަދި އާޓިފިޝަލް ބީޗުގެ އިތުރުން މާލޭގެ އެހެން ސަރަހައްދުތަކުގައިވެސް މުޒާހަރާ ކުރިއަށްދާނެ ކަަމަށްވެސް އެމްޑީޕީން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ