ދިރާގު ރޯޑްރޭސް މާދަމާ ހަވީރު

ތަފާތު ގިނަ ސަބަބުތަކާ ގުޅިގެން އެކިފަހަރު މަތިން ފަސްކުރި ދިރާގު ރޯޑްރޭސް މާދަމާ ހަވީރު އޮންނާނެ ކަމަށް ދިރާގުން ބުނެފި އެވެ.
ދިރާގާއި އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން "ދިރާގު މޯލްޑިވްސް ރޯޑްރޭސް"ގެ ނަމުގައި 2007ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މިރޭސް ކުރިން ބާއްވަން ނިންމާފައި އޮތީ ހުސްވި ޖޫން މަހުގެ 12 ވަނަ ދުވަހު އެވެ.
ދިރާގުން ބުނީ، މިހާރު މިރޭސް ބާއްވަން ނިންމާފައި ވަނީ މާދަމާ ހަވީރު 3:00އިން 6:30 އަށް ކަމަށެވެ. އަދި މިރޭސް ކުރިއަށް ގެންދިޔުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ނިމިފައިވާ ކަމަށް ވެސް ދިރާގުން ބުންޏެވެ.
ދިރާގު މޯލްޑިވްސް ރޯޑްރޭހަކީ "ކުޑަކުދިން ހިމާޔަތްކުރުން" މި ޝިޔާރުގެ ދަށުން މުޖުތަމައުގައި އަޑު އުފުލާ އިޖްތިމާއީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ރާއްޖޭގެ ތަފާތު އަށް ޖަމިއްޔާއަކާއި ގުޅިގެން ދިރާގުން ކުރިޔަށް ގެންދާ ވަރަށް މުހިންމު އިޖްތިމާއީ ހަރަކާތެކެވެ. އަދި މިރޭހަކީ ބައިނަލްއަގްވާމީ ދުވުމެއް ގޮތުގައި ރަޖިސްޓަރ ކުރެވި، ބައިނަލްއަގުވާމީ ދުވުންތެރިންނަށްވެސް ހުޅުވާލެވިގެން ކުރިޔަށްގެންދެވޭ ދުވުމެކެވެ. އަދި ވޭތުވެ ދިޔަ 2014 ވަނަ އަހަރު ދުނިޔޭގެ ތަފާތު 31 ގައުމަކުން 3000 އަށް ވުރެން ގިނަ ދުވުންތެރިން ވަނީ މި ދުވުމުގައި ބައިވެރިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ