ސައުދީ އަރަބިއްޔާއަށް އައި ތޫފާނަކާއި ގުޅިގެން ޖެހެމުން ދިޔަ ބާރުވައިގައި ހަރަމްފުޅު ބޮޑުކުރުމުގެ މަސައްކަތުގައި ބޭނުންކުރާ ކްރޭން ހަރަމް ފުޅުގެ ތެރެ އަށް ވެއްޓުނު ހާދިސާގައި ޒަހަމްވީ މީހުންނަށް ލޭ ހަދިޔާ ކުރަން ގިނަ އަދަދެއްގެ މައްކާ ރައްޔިތުން ހޮސްޕިޓަލްތަކުގައި ކިޔު ހަދައިފި އެވެ.
ސައުދީ ގެޒެޓުގައި ބުނެފައިވާ ގޮތުން، މައްކާގެ ހަރަމްފުޅު ތެރެއަށް އިއްޔެ ކްރޭނެއް ވެއްޓުމުން މަރުވި މީހުންގެ އަދަދު 107 އަށް އަރާފައިވާއިރު، މި ހިތާމަވެރި ހާދިސާގައި 230 ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށެވެ. އަދި ޒަހަމްވި މީހުންނަށް ފަރުވާދޭ ހޮސްޕިޓަލްތަކުގައި ލޭ ހަދިޔާކުރަން ކިޔު ހަދާފައިވާއިރު ސޯޝަލް މީޑިއާގައިވެސް ލޭ ހަދިޔާ ކުރުމަށް ގޮވާލާ ކެމްޕޭންތައްވެސް ވަނީ ފަށާފައި ކަމަށް އެނޫހުން ރިޕޯޓް ކުރެއެވެ.
މައްކާ ހެލްތް ޑިޕާޓްމަންޓްގެ ތަރުޖަމާން އަބްދުލް ވައްހާބް ޝަލްބީ ވިދާޅުވީ، އިއްޔެ ހިނގި ހިތާމަވެރި ހާދިސާގައި ސީރިއަޒް ޒަހަމްތައް ލިބުނު މީހުންނަށް ފަރުވާދެނީ އަޖްޔާދު ހޮސްޕިޓަލުގައި ކަމަށައި ސްޓޭބަލް މީހުން ވަނީ އެހެން ހޮސްޕިޓަލްތަކަށް ގެންގޮސްފައި ކަަމށެވެ. އަދި 2،000 ޔުނިޓްގެ ލޭ ވަނީ ހޮސްޕިޓަލްތަކަށް ދޫކޮށްފައި ކަމަށާއި އިތުރު 340 ޔުނިޓްވެސް ދޫކޮށްފައިވާނެ ކަމަށް ވައްހާބް ވިދާޅުވި އެވެ.
ހާދިސާގައި މަރުވެ އަދި ޒަހަމްވި މީހުންނާ ބެހޭ މައުލޫމާތު ސައޫދީން ރަސްމީކޮށް އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު އޭގެ ތެރޭގައި ޕާކިސްތާނާއި ބަންގްލާދޭޝް އާއި އިންޑިއާ މީހުން ހިމެނޭ ކަމަށް އެ ދެ ގައުމުގެ އޮފިޝަލުންނާ ހަވާލާދީ ސައޫދީ ގެޒެޓްގައި ބުނެފައިވެ އެވެ.
މިހާދިސާގެ ވީޑިއޯއާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ދަނީ ފެތުރެމުންނެވެ. ކެރޭންގެ މަތީބައި ވެއްޓި ޖެހުނު ހިސާބުގެ ފޮޓޯތަކުން ފެންނަނީ ލޭގެ ކޯރުތައް ދެމިގެން ގޮސްފައިވާ ތަނެވެ. ވީޑިއޯތަކުން މީހުންގެ ހަޅޭކުގެ އަޑުތައް އިވެމުން ދިޔަ އެވެ.
އާންމުކޮށް ހުކުރު ދުވަހަކީ މާތްވެގެންވާ ހަރަމްފުޅަށް މީހުން ގިނައިން ޖަމާވާ ދުވަހެކެވެ. އަދި މިއަހަރުގެ ހައްޖުގެ އަޅުކަމަށް އެތައް ހާސް މީހުން މައްކާއަށް ޖަމާވެފައިވާއިރު އިއްޔެގެ ހާދިސާ ހިނގާފައިވަނީ މަޣުރިބު ނަމާދަށް ބަންގި ގޮވަން ގަޑިއެއްހާއިރު ހުއްޓާ ކަމަށްވެ އެވެ. އެއީ ސައުދީ ގަޑިން އިއްޔެ ހަވީރު 5:10 ގައެވެ. ނަމާދު ވަގުތަކާ ދިމާވިނަމަވެސް މިހާދިސާގައި މަރުވި މީހުންގެ އަދަދު އެތައް ގުނަ އިތުރުވާނޭ ކަމަށް މީޑިއާއިން ބުނެ އެވެ.
ސައުދީ ރަސްމީ ނޫސް އޭޖެންސީން ބުނެފައިވަނީ މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމަށް އިއްޔެގެ ނިޔަލަށް އެގައުމަށް 800،000 ހައްޖުވެރިން ޖަމާވެފައިވާ ކަމަށެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަމަށް ދެމިލިއަނަށް ވުރެ ގިނަ މީހުން މައްކާއަށް އަންނާނެ ކަމަށް ލަފާކުރެވިފައިވާއިރު ނިމުނު 2014 ވަނަ އަހަރުވެސް ދެމިލިއަނަށްވުރެ ގިނަ މީހުން ހައްޖުވެފައިވެ އެވެ.
މައްކާ އަށް އިއްޔެ ހަވީރު ކުރި ވިއްސާރައިގައި އާދަޔާ ހިލާފާށް ބޯކޮށް ވާރޭ ވެހި ބައެއް ހިސާބުތަކުގައި ފެން ބޮޑުވެ ބައެއް ގެއްލުންތައް ވަނީ ލިބިފައެވެ. ސައުދީއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން މައްކާގެ ބައެއް ސަރަހައްދު ތަކުން ފޯނުގެ ހިދުމަތްވެސް މެދުކެނޑިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ހަރަމް ފުޅުގައި އިއްޔެ ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ އަޙްމަދު ޒިޔާދު ވިދާޅުވީ މިފަހަރު ރާއްޖެއިން ހައްޖަ ދިޔަ އެންމެންގެ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށާ ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅުކަމަށެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ރާއްޖޭން 2000 މީހުން ބައިވެރިވެ އެވެ.
ޒަހަމްވީ މީހުންނަށް ލޭ ހަދިޔާ ކުރަން މައްކާ ރައްޔިތުން ހޮސްޕިޓަލްތަކުގައި ކިޔު ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ