މާލެއާއި ހުޅުމާލޭގެ ކަރަންޓުގެ ނިޒާމު އެއް ވިއުގައަކުން ގުޅުމުގެ މަސައްކަތް ފަށައިފި

ދިވެހިރާއްޖޭގެ އާބާދީގެ ބޮޑުބައެއް ދިރިއުޅެމުން އަންނަ މާލޭގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވަމުން އަންނަ ނިސްބަތަށް ބަލާއިރު ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށާއި ކެޕޭސިޓީ އިތުރުކުރުމަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް މާލޭގެ ކަރަންޓު ވިއުގަ ޒަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މިގޮތުން، މާލެއާއި ހުޅުމާލޭގެ ކަރަންޓުގެ ވިއުގަ ގުޅުވާލުމަށްޓަކައި ހިންގާ ޕްރޮޖެކްޓުގެ ޑީޓެއިލްޑް ޑިޒައިނާއި ޓެންޑަރ ޑޮކިއުމެންޓްތައް ތައްޔާރުކުރުމަށް ބޭނުންވާ ކޮންސަލްޓެންޓުން ހޯދުމަށް 8 ފެބްރުއަރީ 2016 ވީ ހޯމަދުވަހުގެ ގެޒެޓްގައި ޝާއިޢު ކުރެވިފައިވާ ކމަށެވެ.
މިމަސައްކަތަށް ކުރިމަތިލުމުގެ މުއްދަތު ހަމަވަނީ 21 މާރޗް 2016 ގައެވެ. މާލެއާއި ހުޅުމާލޭގެ ކަރަންޓު ވިއުގަ ގުޅުވާލުމަށް ހަމަޖެހިފައިވަނީ މާލެއާއި ހުޅުމާލެއާއި ދެމެދު އަޅާ ބްރިޖްގެ ތެރެއިން ހައިވޯލްޓޭޖް ކޭބަލް އަޅައިގެންނެވެ.
މި ކޮންސަލްޓެންސީގެ ދަށުން މާލެއާއި ހުޅުމާލޭގެ ކަރަންޓު ވިއުގަ ގުޅުވާލުމަށް ބޭނުންވާ އިންޓަރކަނެކްޝަން ކޭބަލްގެ ޑިޒައިންގެ ތަފްޞީލު އަދި ބިޑިންގ ޑޮކިއުމަންޓް ހެދުމަށް ހަމަޖެހިފައިވާކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ