މާމެންދޫ ކަރަންޓު ކެނޑޭ މައްސަލަ މާދަމާ ހައްލު ކޮށްދޭނެ: ކައުންސިލް

ލ. މާމެންދޫގައި ކަރަންޓު ކެނޑޭ މައްސަލަ އާދިއްތަ ދުވަހު މެންދުރު ހައްލު ކޮށްދޭނެ ކަމުގެ ޔަގީންކަން ފެނަކަ ކޯޕްރޭޝަނުން ދީފައިވާ ކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ. 
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މާމެންދޫ ކައުންސިލްގެ ނާއިބު ރައީސް ހުސައިން ހަބީބު ވިދާޅުވީ ކަރަންޓު ކެނޑޭ މައްސަލައަށް ދާއިމީ ހައްލެއް ނުލިބެނީސް ކަރަންޓު ދޫނުކުރުމަށް ނިންމި ނަމަވެސް ފެނަކައިން ޔަގީން ކަމާ އެކު ދެ ގަޑިން ދެ ގަޑިން ކަރަންޓު ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ހަބީބު ވިދާޅުވީ މުޅި ރަށަށް ކަރަންޓު ދެވޭވަރުގެ ރަނގަޅު އައު ޖަނަރޭޓަރެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނައިން ބުނެފައިވާ ކަމަށާއި، ހޮނިހިރު ދުވަހުގެ ރޭގަނޑު 8:00 އާއި 10:00 އާ ދޭތެރޭ އައު ޖަނަރޭޓަރު ލިބޭނެ ކަމަށެވެ. އަދި މާދަމާ މެންދުރު ދާއިމީ ހައްލެއް ލިބޭނެ ކަމުގެ ޔަގީންކަން ފެނަކައިންދީފައިވާ ކަމަށް ވެސް އޭނަ ވިދާޅުވިއެވެ.
"މިބަލަނީ 400 ނޫނީ 300 އަށް ވުރެ މަތީ ކިލޯވޯޓުގެ ޖަނަރޭޓަރެއް ކަމަށް މިގެންނަނީ. ދެގަޑިން ދެގަޑިން ކަރަންޓު ދިނުމަށް ނިންމީ ފެނަކައިން މިދިން ޔަގީން ކަމުގެ ސަބަބުން ރައްޔިތުންނާ މަޝްވަރާ ކޮށްފަ. މިކަމުގަ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭ" ހަބީބު ވިދާޅުވިއެވެ.
މާމެންދޫ އިން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވުމާ ގުޅިގެން އެރަށުގެ ރައްޔިތުން ހުކުރު ދުވަހުގެރޭ އިންޖީނުގޭގެ ކުރިމަތީގައި ވަނީ މުޒާހަރާ ވެސް ކޮށްފައެވެ.
މާމެންދޫ އިންޖީނުގޭގައި 160 ކިލޯވޮޓުގެ ޖަނަރޭޓަރަކާއި، 400 ކިލޯވޮޓުގެ ޖަނަރޭޓަރަކާއި، 180 ކިލޯވޮޓުގެ ޖަނަރޭޓަރެއް ހުރެއެވެ. ނަމަވެސް 160 ކިލޯވޮޓުގެ ޖަނަރޭޓަރާއި، 180 ކިލޯވޮޓުގެ ޖަނަރޭޓަރު ހަލާކުވެފައި ހުންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ