އިސްލާމްދީނާ ދެކޮޅު ދިވެހިންގެ މަދު ބަޔަކު އެއްވެ ލާދީނީ މިނިވަންކަމަށް ގޮވާލައި ހިންގި ޖަރީމާ އާމެދު ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ރައްޔިތުން ކަންބޮޑުވުން ފާޅުކުރަނީ

އިސްލާމްދީން ޙިމާޔަތްކުރުމަށާއި މިދީނަށް ފުރައްސާރަކުރާ މީހުންނަށް ރާއްޖޭގައި ޖާގަ ނުދިނުމަށް ގޮވާލައި މިދިޔަ މަހު 25 ގައި މާލޭގެ މަގުމަތީގައި ޒުވާނުން މުޒާހަރާ ކުރަނީ – ދިއިސްލާމް ފޮޓޯ / މުޙައްމަދު ވަސީމްރާއްޖޭގައި ބާޠިލް ދީންތަކުގެ މިނިވަންކަން އޮންނަން ޖެހޭ ކަމަށް ގޮވާލައި އިއްޔެ ހަވީރު މާލޭ އާޓިފިޝަލް ބީޗަށް އެއްވެ، އިސްލާމްދީނާ ދެކޮޅު ދިވެހިންގެ މަދު ބަޔަކު ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ހިންގި ޖަރީމާ އާމެދު ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ގިނަ ޢަދަދެއްގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން އެބަދެއެވެ.މެލޭޝިއާގައި ކިޔަވާ ވިދާޅުވަމުންދާ ޝައިޚް އާދަމް ޝަމީމްގެ ފޭސްބުކް ޕޭޖްގައި ރޭ ލިޔުއްވާފައިވަނީ، އިއްޔެ ފެނިގެން އެދިޔައީ އަޅުގަނޑުމެން ބިރުން އުޅުނު ކަންތައްތައް ކަމަށާއި، ދިވެހިން ލާދީނީ މިނިވަންކަން ހޯދުމަށް އެއްވެ ފާޅުގައި ކުފުރުގެ ޝިޢާރުތައް އުފުލަން ފެށިތަން ކަމަށެވެ.  އަދި އެކަން ދިވެހި ފުލުހުން މަނާކުރަން ޖެހޭ ކަމަށާއި، ނަމަވެސް އޭގެ ބަދަލުގައި ފެނިގެން ދިޔައީ އެކަން ހުއްޓުވަން އުޅުނު މީހުން ހޯދުމަށް ފުލުހުން އުޅުނު ތަން ކަމަށް ޝައިޚް ޝަމީމް ވިދާޅުވި އެވެ.ޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ރޭ ވިދާޅުވީ ރާއްޖޭގެ ޤާނޫނާއި ޤަވާއިދާއި، އާދަކާދަތަކާ ޚިލާފަށް ހިންގަމުންދާ މިފަދަ ޢަމަލުތައް ދައުލަތުގެ މުއައްސަސާތަކުން ނުހުއްޓުވުން މީ ވަރަށް ނުރައްކާތެރި ބޮޑު މަންޒަރެއްގެ ހިޔަނި ކަމަށެވެ.“ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާއިދާއި، އާދަކާދަތަކާ ޚިލާފަށް ހިންގަމުންދާ މިފަދަ ޢަމަލުތައް ދައުލަތުގެ މުއައްސަސާތަކުން ނުހުއްޓުވުން މީ ވަރަށް ނުރައްކާތެރި ބޮޑު މަންޒަރެއްގެ ހިޔަނި. މިކަމާ މެދު ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ވިސްނާ އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭނެ ކަމަށް ދެކެން” ޝައިޚް ޝަހީމްގެ ފޭސްބުކް ސްޓޭޓަސްގައި ލިޔުއްވާފައި ވެއެވެ.ކަމާބެހޭ ފަރާތްތަކުން މި އެއްވުން ނުހުއްޓުވީ ކީއްވެގެންތޯ ޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ސުވާލުކުރައްވާފައެވެ.މެލޭޝިއާގައި ކިޔަވާ ވިދާޅުވަމުންދާ ޝައިޚް ޢަލީ ޒާހިރު ޢަބްދުލް މަންނާން ރޭ ވިދާޅުވީ ޚުދު އެބޭފުޅާ ވަނީ ކަމާބެހޭ ފަރާތްތަކަށް މިލާދީނީ ހަރަކާތުގެ ވާހަކަ މާކުރިން ވެސް އަންގަވާފައި ކަމަށެވެ. އަދި “ޣައިރު ޤާނޫނީ މިފަދަ އެއްވުންތައް ދުރާލައި އިއުލާންކޮށްގެން ބާއްވާއިރު ސަލާމަތީ ބާރުތައް ކޮބައިތޯ” އާއި “ދެންވެސް ޓޮލަރޭޓް ކޮށްލައިގެން ތިބެންވީތޯ”، ޝައިޚް ޢަލީ ޒާހިރު ވަނީ ސުވާލުކުރައްވާފައެވެ.މި ޖަރީމާ ކުށްވެރިކޮށް ޢަދާލަތު ޕާޓީން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މިކަން ހިންގި މީހުންނާ ދެކޮޅަށް ފިޔަވަޅު ނާޅައިފިނަމަ އެކަމަކީ ސަރުކާރުން ހިންގާ ޖަރީމާއެއް ކަމާމެދު ޝައްކުކުރާނޭ އެއްވެސް ޖާގައެއް ނެތް ކަމަށެވެ.ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އިންސާނީ ހައްގުތަކުގެ ދުވަހާ ގުޅުވައިގެން ކަމަށް ބުނެ، އެހެންދީންތަކުގެ މިނިވަންކަމަށް ގޮވާލައި ހަރަކާތެއް ބޭއްވުމަށް އިސްލާމްދީނަށް ފުރައްސާރަކުރަމުންދާ 10 ވަރަކަށް މީހުން އިއްޔެ އާޓިފިޝަލް ބީޗަށް ދިޔައެވެ. އިސްލާމްދީނާ ދެކޮޅަށް ލިޔެ ވާހަކަދައްކަމުންދާ މަޝްހޫރު ބްލޮގަރ ހިލްއަތު ރަޝީދު ވެސް މި އެއްވުމުގައި ބައިވެރިވި އެވެ.މުއުތަބަރު ގޮތެއްގައި މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިހަރަކާތް އިސްވެ ހިންގުމުގައި އެމްޑީޕީގެ ކުރީގެ އަމީން ޢާއްމުގެ ނައިބު އަދި އެޕާޓީގެ އޭރުގެ ޗެއާޕާސަން މުޙައްމަދު ނަޝީދު (އަންނި) ގެ ޚާއްޞަ ސެކްރެޓެރީ “ޢާއިޝަތު” އާނިޔާ ހިމެނެ އެވެ. އެމްޑީޕީން ހިންގާ މިނިވަން ނޫހުގައި  20މާރޗް 2007 ގައި “އަންހެނުންނަކީ އިޖްތިމާއީ ބަލި ފަތުރާ ޖަރާސީމެއްތަ؟” މިސުރުޚީގެ ދަށުން އާނިޔާ ވަނީ އިސްލާމްދީނަށާއި، ކީރިތި ޤުރްއާނަށާއި، މުސްލިމުންނަށް ފާޅުކަންބޮޑު ގޮތެއްގައި ފުރައްސާރަކޮށް ލިޔެ ހަޖޫޖަހާފައެވެ. އެކަމުގެ ސަބަބުން އާނިޔާ މުރުތައްދުވެފައިވާ ކަމަށް ދީނީ ޢިލްމުވެރިން އޭރު ވަނީ ބަޔާންކޮށްފައެވެ. އޭރުގެ އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލިހަށް 6 މެއި 2007 ގައި އާނިޔާ ހާޒިރުކޮށް ނަސޭހަތް ދީފައި ވެއެވެ.އަދި މަޝްހޫރު ދާޢީ ޑރ.ޒާކިރު ނައިކް މިދިޔަ އަހަރު ރާއްޖެ ވަޑައިގެން ދެއްވި ދަރުސްގައި ތިމަންނަ އަކީ މުސްލިމެއް ނޫން ކަމަށް ބުނެ މުރުތައްދުވެފައިވާ ކަން އިއުލާނުކޮށް، ފަހުން އިސްލާމްވެފައިވާ  މުޙައްމަދު ނާޒިމް ވެސް މި ހަރަކާތް ހިންގުމުގައި ބައިވެރިވި ކަމަށް މަޢުލޫމާތު ލިބެއެވެ.މި ލާދީނީ އެއްވުން ބާއްވާނެކަން އިއުލާންކޮށް ފޭސްބުކްގައި ހަދާފައިވާ އިވެންޓް ޕޭޖްގައި ލިޔެފައިވާ ގޮތުގައި އެމީހުން ބޭނުންވަނީ އިސްލާމްދީނުން ބޭރުވެ، މުރުތައްދުވާ މީހުންނަށް ރާއްޖޭގެ ރައްޔިތަކަށް ވުމުގެ ޙައްޤު ގެއްލޭތީ އެކަމާ ދެކޮޅު ހަދައި އެހެން ދީންތަކުގެ މިނިވަންކަމަށް ގޮވާލުމެވެ.ލާދީނީ މީހުންގެ އަޑުއުފުލުމުގެ މިހަރަކާތް ރަނގަޅަށް ނުފެށެނީސް ބަޔަކު މީހުން ވަނީ އެބައިމީހުންނާ ދިމާއަށް ގާއުކައި އެ ހަރަކާތް ހުއްޓުވާލާފައެވެ. އަދި ގާއުކުމުގެ ސަބަބުން ހިލްއަތުގެ ބޯ ފަޅައިގެން ގޮސް ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ވެއެވެ.ރާއްޖޭގައި ލާދީނީ ކަންތައްތައް ފަތުރަން ސަރުކާރުން މަސައްކަތް ކުރަމުންދާތީ އިސްލާމްދީން ޙިމާޔަތްކުރުމަށް ގޮވާލައި ގިނަ ޢަދަދެއްގެ ޖަމްޢިއްޔާތަކާއި ސިޔާސީ ޕާޓީތައް ގުޅިގެން ރާއްޖޭގެ ކަންކޮޅުތަކުގައި މިމަހު 23 ގައި ބޮޑު މުޒާހަރާ އެއް ބޭއްވުމަށް ދަނީ ތައްޔާރު ވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ