ހުމާމުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި މަރުގެ ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި

މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލިހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފުރާޝީމް އަލީ ރަހުމް ކުޑަ ގޮތަކަށް އަވަހާރަކޮށްލި ހާދިސާއާއި ގުޅިގެން ހ. ލޮބީ ހުސައިން ހުމާމު އަހުމަދުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި މަރުގެ ހުކުމަށް ހައިކޯޓުން ހޯމަ ދުވަހު ތާއިދުކޮށްފިއެވެ.
މި މައްސަލަ ހައިކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުން ބައްލަވާ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ހުމާމުގެ މައްޗަށް އިއްވި ހުކުމުގައި ބުނެފައިވަނީ ހުމާމުގެ ފަރާތުން އިސްތިއުނާފަށް މައިގަނޑު ހަތަރު ނުކުތާއެއް ހުށަހެޅި ނަމަވެސް ހުމާމުގެ ފަރާތުން ހައިކޯޓުގައި ވާހަކަ ދައްކާފައިވަނީ އޭގެ ތެރެއިން ތިން ނުކުތާއަކަށް ކަމަށެވެ. އެހެން ކަމުން ހުކުމުގައި ހަތަރު ވަނަ ނުކުތާއަށް ރިއާޔަތް ކޮށްފައިނުވާނެ ކަމަށް ހައިކޯޓުގެ ހުކުމުގައިބުނެފައިވެއެވެ.
މިމައްސަލައިގެ ހުކުމް އިއްވަވަމުން އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އަލީ ސަމީރު ވިދާޅުވީ ޑރ. އަފްރާޝީމް އަވަހާރަކޮށްލި ކަމަށް އެތައް ފަހަރެއްގެ މަތިން ފަނޑިޔާރެއްގެ ކުރިމަތީގައި ހުމާމް އިއުތިރާފްވެފައިވާއިރު އެ އިއުތިރާފު އަނބުރާ ގެނެވޭނެ ސަބަބެއް ހުމާމްގެ ފަރާތުން ހައިކޯޓުގައި ދެއްކިފައިިނުވާ ކަމަށެވެ. އަދި ހުމާމު އަފްރާޝީމް އަވަހާރަކޮށްލި ކަމަށް އެއްބަސްވީ ބިރު ދެއްކުމުން ކަމަށް ހުމާމްގެ ފަރާތުން ބުނެފައިވީނަމަވެސް ހުމާމްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު ވަކި ގޮތަކަށް ބުނުމަށް ހުމާމަށް ބިރު ދައްކާފައިވާ ކަމަށް ބެލެވެން ނެތް ކަމަށް ހުމާމުގެ މައްޗަށް އިއްވި ހުކުމުގައިބުނެފައި ވެއެވެ.
މީގެ އިތުރުން ދެ ފަހަރެއްގެ މަތިން ފަނޑިޔާރަކު ކުރިމަތީގައި ހުމާމް ކުށަށް އެއްބަސްވެފައިވާއިރު އެއިން އެއްވެސް ފަހަރަކު ފުލުހުން ބިރު ދެއްކި ވާހަކަ ހުމާމް ބުނެފައިނުވާކަން ވެސް ހުކުމުގައި ވަނީ ފާހަގަކޮށްފައެވެ. އަދި ކުރިމިނަލް ކޯޓަށް ދައުލަތުގެ ފަރާތުން ހުށަހެޅި ހުމާމުގެ ޖިންސުން ނަގާފައިވާ ޑރ. އަފުރާޝީމް އަލީގެ ޑީއެންއޭ ރިޕޯޓް ނަފީ ކުރުމަށް ހުމާމުގެ ފަރާތުން މަސައްކަތް ކޮށްފައި ނުވާ ކަމަށްވެސް ހައިކޯޓުގެ ހުކުމުގައި ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ހުމާމުގެ މައްޗަށް ހުކުމް އިއްވަމުން ފަނޑިޔާރު ސަމީރު ވިދާޅުވީ ދަށު ކޯޓުން މައްސަލަ ނިންމާފައިވަނީ ހުމާމްގެ އިއުތިރާފަށް އެކަނި ބިނާކޮށްގެން ނޫން ކަމަށާއި، ހެކިންގެ ހެކިބަހަށް ވެސް ދަށު ކޯޓުން ބަލާފައިވާ ކަމަށެވެ. އަދި ކުރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ޑރ. އަފްރާޝީމް އަވަހާރަކޮށްލި ގޮތް ހުމާމް ކިޔައިދީފައިވާ ގޮތާއި ހެކިންގެ ހެކިބަހާ ދިމާވުމަކީ ހެއްކަށް ބާރު ލިބޭނެ ކަމެއް ކަމަށެވެ.
ހެކި ބަލައިގަތުމާއި ހެކިން ހާޒިރު ކުރުމަކީ ފަނޑިޔާރުންގެ ބާރުގެ ތެރޭގައި އޮންނަ ކަމެއް ކަމަށް ސުޕްރީމް ކޯޓާއި ހައި ކޯޓުން ވެސް ކުރިން ކަނޑައަޅާފައިވާތީ ހުމާމްގެ ދިފާއީ ހެކިން ހާޒިރު ނުކުރަން ނިންމި ނިންމުން ވެސް ރަނގަޅު ނޫން ކަމަށް ނުބެލެވޭ ކަމަށް ހައިކޯޓުގެ ހުކުމުގައިވަނީ ބުނެފަ އެވެ.
މީގެ އިތުރުން ޑރ.އަފްރާޝީމް އަވަހާރަކޮށްލުމާއި ހަމައަށް އެއީ ދިރިހުރި އިންސާނެއް ކަމަށާއި، ޑރ.އަފްރާޝީމްގެ ލޭ އޮހޮރުވުން ހުއްދަވެފައި ނުވާ ކަމާއި، ޑރ.އަފްރާޝީމް އަވަހާރަވީ ތޫނު އެއްޗަކުން ދިން ހަމަލާއިން ލިބުނު ޒަޚަމްތަކުގެ ސަބަބުންކަން ޑރ.އަފްރާޝީމް ޢަލީގެ މެޑިކަލް ރިޕޯޓަށް ބަލާއިރު އެނގެން އޮންނަ އިރު، އަދި އަފްރާޝީމަށް ހަމަލާ ދީފައި ވަނީ އާންމުކޮށް މީހަކު މަރާލެވިދާ ފަދަ ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ކަން އެނގޭ އިރު އަދި ހާދިސާ ހިނގާފައިވާ ގޮތުން ހުމާމުގެ ނިޔަތަކީ ޑރ.އަފްރާޝީމް އަވަހާރަކޮށްލުން ކަމާއިމެދު ސުވާލު އުފައްދާނެ ޖާގައެއް ނެތުމުން ޤަތުލް ޢަމުދުގައި ފުރިހަމަ ވާންޖެހޭ ހުރިހާ ޝަރުތެއް ފުރިހަމަ ވާކަމަށް ހައި ކޯޓުން އިއްވި ހުކުމުގައި ވަނީ ބުނެފައެވެ. އަދި ޑރ.އަފްރާޝީމްގެ ހުރިހާ ވާރިސުންވެސް ގިޞާޞް ހިފަން ބޭނުން ކަމަށް ބުނެފައި ވާއިރު، އިސްލާމީ ޝަރީޢަތުގައިވާ ގޮތަށް ބަލާއިރު ހުމާމްގެ މައްޗަށް ސާބިތުވި މިކުށުގެ އުގޫބާތަކީ މަރަށް މަރުކަމަށް ކަނޑައަޅައި، އޭނާ މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަކީ ޝަަރުއީ އަދި ގާނޫނީ ހަމަތަކާއި އެއްގޮތްވާގޮތުގެމަތިން ކުރައްވާފައިވާ ހުކުމެއްކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އެގަޒިއްޔާ ބެއްލެވި ފަނޑިޔާރުންގެ މަޖިލީހުގެ ހުރިހާ ފަނޑިޔާރުންނަށް އެއްވެސް ހިލާފެއްނެތި އިއްތިފާގު ވެވިފައި ވާކަމަށް ހައި ކޯޓުގެ ހުކުމްގައިވެއެވެ. .
ހައި ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ފަނޑިޔާރު ސަމީރު ރިޔާސަތު ބެލެހެއްޓެވި އެ މައްސަލާގެ ފަނޑިޔާރުންގެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްގެ އިތުރުން ފަނޑިޔާރު ޝުޖާއު އުސްމާނެވެ.
ޑރ. އަފުރާޝީމް އަލީ އަވަހާރަ ކޮށްލުމާއި ގުޅިގެން ކުރިމިނަލް ކޯޓުން 16 ޖަނަވަރީ 2014 ގައި ހުމާމު މެރުމަށް އިއްވި ހުކުމް ހުމާމުގެ ފަރާތުން ހައިކޯޓަށް އިސްތިއުނާފަށް ހުށަހަޅާފައިވަނީ 25 މެއި 2014ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ