ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރު ބާޠިލް ކުރުމަށް ސުޕްރީމް ކޯޓުން ޙުކުމް ކޮށްފި

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބާޠިލް ކުރަން ސުޕްރީމް ކޯޓުން މިރޭ ޙުކުމްކޮށްފިއެވެ.ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރު ބާޠިލް ކުރަން ޙުކުމް ކުރެއްވީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ހަތަރު ފަނޑިޔާރުންގެ އަޣްލަބިއްޔަތުންނެވެ. ސުޕްރީމް ކޯޓުގެ ޙުކުމްގައި ވަނީ މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން އިންތިޚާބުގެ ފުރަތަމަ ބުރު ބޭއްވުމަށާއި ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ އަންނަ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ކުރިން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ޙުކުމް ކުރައްވާކަމަށެވެ.ސުޕްރީމް ކޯޓުގެ ޙުކުމްގައި ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ގާނޫނު އަސާސީއިން ކަށަވަރު ކޮށްދީފައިވާ ވޯޓްލުމުގެ އަސާސީ ހައްގުން ގިނަ ޢަދަދެއްގެ ރައްޔިތުން މަޙްރޫމް ވެފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ފުރަތަމަ ބުރުގައި 5623 ވޯޓް އޮޅުވާލައިފައި ވާކަމަށާއި އޭގެ ތަފްޞީލްވެސް އެ ޙުކުމްގައިވެއެވެ.ސުޕްރީމް ކޯޓުގެ ޙުކުމް އިއްވުމަށްފަހު ދެން ބާއްވާ އިންތިޚާބަކަށް އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރަންޖެހޭ ކަންތައްތަކުގެ ގައިޑްލައިނެއްވެސް ވަނީ ކަނޑައަޅާފައެވެ.އެ ހުކުމްގައި ބުނެފައި ވަނީ އިންތިޚާބުގެ ވޯޓުލުން ކުޑަތަންވެފައި ވަނިކޮށް އިލެކްޝަންސް ކޮމިޝަނުން ނެރުނު ސިއްރު ސާކިއުލާގައި، ވޯޓުލާ މީހުންގެ ލިސްޓުގައި އޮތް އައިޑީކާޑު ނަންބަރާއި އަސްލު އައިޑީ ކާޑުގައި އޮތް ނަމްބަރާ ދިމާނުވިޔަސް ނަމާއި އެޑްރެސް ދިމާވާ ނަމަ ވޯޓުލުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތަށް ލާފައިވާ ވޯޓުތައް ސައްޚަ ނުވާނެ ކަމަށް ވެސް އެ ހުކުމްގައި ވަނީ ކަނޑައަޅާފަ އެވެ.ޑިޕާޓްމެންޓް އޮފެ ނޭޝަނަލް ރެޖިސްޓްރޭޝަންގެ ލިސްޓުގައި 18 އަހަރު ނުފުރޭ ކުދިން ތިބިތޯ އިލެކްޝަނުން ޔަގީން ކުރުމަށް ޙުކުމްގައިވާއިރު މިހާރު ބޭނުން ކުރަމުންދާ ވޯޓް ކަރުދާސް އުވާލައި ސަލާމަތީ ސިފަތައް ހިމެނޭ ވޯޓް ކަރުދާހެއް ތައްޔާރު ކުރުމަށާއި ވޯޓް ފޮށިތަކުގެ ކައިރީ ތިބޭ މުވައްޒަފުންނަކީ ކެންޑިޑޭޓުންގެ އިތުބާރު ލިބި، ވަކި އަތަކަށް ނުޖެހޭފަދަ ބަޔަކަށް ހެދުމަށްވެސް ޙުކުމްގައި ބަޔާންކޮށްފައިވެއެވެ.ސުޕްރީމްކޯޓުގެ ޙުކުމަށްފަހު އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ވަނީ އެ ކޮމިޝަންގެ ގާނޫނީ ޓީމާއި ބައްދަލުކޮށްފައެވެ. ނަމަވެސް އެ ބައްދަލުވުމުގެ ތަފްސީލް މީޑިއާއަށް ލިބޭގޮތެއް އަދި ވަނީ ނުވެފައެވެ.ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އިންތިޚާބުގެ ފުރަތަމަ ބުރު ބާޠިލްކުރަން ނުފެންނަކަމަށް ނިންމެވި ތިން ފަނޑިޔާރުންނަކީ، އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން އާއި ފަނޑިޔާރު އަބްދުﷲ އަރީފްގެ އިތުރުން ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނެވެ.އިންތިޚާބު ބާތިލް ކުރުމަށް ރައުޔު ދެއްވި ހަތަރު ފަނޑިޔާރުންނަނީ އަބްދުﷲ ސައީދާއި އާދަމް މުހައްމަދު އަބްދުﷲ އާއި އަލީ ހަމީދު މުހައްމަދާއި ޑރ. އަހްމަދު އަބްދުﷲ ދީދީ އެވެ.އުއްތަމަ ފަނޑިޔާރު ފާއިޒު އަދި އަރީފްގެ ރައުޔުގައި ބުނެފައި ވަނީ އެ މައްސަލައަކީ ސުޕްރީމް ކޯޓަށް ހުށަހަޅަން ޖެހޭ މައްސަލައެއް ނޫންކަމަށާއި އެއީ ގާނޫނުގައި ބުނެފައިވާ ގޮތަށް ހައިކޯޓަށް ހުށަހަޅަން ޖެހޭ މައްސަލައެއް ކަމަށެވެ.ސުޕްރީމްކޯޓުން އިންތިޚާބު ބާޠިލްކުރުމަށް ޙުކުމް ކޮށްފައިވާއިރު ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ހޯއްދެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވަނީ ސުޕްރީމްކޯޓުގެ ޙުކުމް ގަބޫލް ނުކުރައްވާނެކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ