މިއަދު އިރުއޮއްސި ހައެއްޖެހުމުގެ ކުރިން ޕީޕީއެމްގެ ރައީސްގެ ނަމުގައި ހުޅުވާފައިވާ އޮފީސް ބަންދުކޮށް ދިދަ އާއި ނަންބޯޑް ނަގަން މޯލްޑިވްސް ޕޮލިސް ސާރވިސްއިން އަންގައިފިއެވެ.
ފުލުހުން ރައީސް މައުމޫންގެ އޮފީހަށް ފޮނުވާފައިވާ އެންގުމެއްގައި ބުނެފައިވަނީ ޕީޕީއެމްގެ ހިންގުން ރައީސް އަބްދުﷲ ޔާމީނާއި ހަވާލްކޮށް ކޮށްފައިވާ ހުކުމުގައި ކަނޑައަޅާފައިވާގޮތާއި ޚިލާފަށް ޕީޕީއެމްގެ ރައީސްގެ ނަމުގައި އޮފީހެއް ހަދާ، ޕީޕީއެމްގެ ދިދައާއި ލޯގޯ ބޭނުންކޮށްގެން އަދި ޕީޕީއެމްގެ ނަމުގައި ޖަލްސާ ބާއްވައި އެއްވެސް ހަރަކާތެއް ހިންގާނަމަ އެކަމެއް ހުއްޓުވުމަށާއި، ޕީޕީއެމްގެ ނަމުގައި ހ.ތެމާގައި ހަދާފައިވާ ޕީޕީއެމްގެ ރައީސްގެ އޮފީސް ހިންގުން ހުއްޓުވުމަށާއި، އެތަނުގައި ނަގާފައިވާ ޕީޕީއެމްގެ ދިދަ އެތަނުން ނަގާ އެފަދަ އެއްވެސް ހަރަކާތެއް ހިންދިޔަ ނުދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ސިވިލްކޯޓުން އަމުރުކޮށްފައިވާކަމަށެވެ.
އެހެންކަމުން މިއަދު އިރުއޮއްސި ހައެއްޖެހުމުގެ ކުރިން ޕީޕީއެމްގެ ރައީސްގެ ނަމުގައި ހުޅުވާފައިވާ އޮފީސް ބަންދުކޮށް ދިދަ އާއި ނަންބޯޑް ނަގަން އަންގާކަމަށް ފުލުުހުން ވަނީ ބުނެފައެވެ. އަދި މި ވަގުތުގައި އެކަން ނުކޮށްފިނަމަ ފުލުހުން އެތަކެތި ނަގާނެކަމަށާ އަދި އެތަކެތި ނެގުމުގެ ތެރޭގައި ލިބޭ އެއްވެސް ގެއްލުމަކަށް ފުލުހުން ޒިންމާނުވާނެކަމަށް ވަނީ ބުނެފައެވެ.
މައުމޫންގެ އޮފީސް ބަންދުކޮށް، އެ އޮފީހުގައިވާ ޕީޕީއެމްގެ ދިދައާއި ނަންބޯޑް ނެގުމަށް ސިވިލް ކޯޓުން އަމުރުނެރެފައިވާއިރު، ރައީސް ޔާމީނަށް ވަފާތެރި ޕީޕީއެމްގެ ސުލޫކީ ކޮމެޓީން ވަނީ މިދިޔަ ހަފްތާގައި ރައީސް މައުމޫން ޕާޓީންވެސް ވަކިކޮށްފައެވެ.
އަދި މީގެ ކުރިން މައުމޫންގެ އޮފީހުގައި ނަގާފައިވާ ގައުމީ ދިދަވެސް ގައުމީ ދިދަ ބޭނުންކުރުމުގެ އުސޫލާއި ޚިލާފުކަމަށް ބުނެ ފުލުުހުން ވަނީ ބާލާފައެވެ.
މިކަމާއި ގުޅިގެން ރައީސް މައުމޫން ވިދާޅުވީ ޝަރުއީ ދާއިރާ މެދުވެރިކޮށް، ސިޔާސީ މަގްސަދުތައް ހާސިލްކުރުމަކީ ގާނޫނުތަކާއި ގާނޫނުއަސާސީވެސް ތަންދޭކަމެއް ނޫންކަމަށެވެ. އެހެންކަމުން އެފަދަ ކަންކަން ކުރުން ވަގުތުން ހުއްޓާލުމަށް ރައީސް މައުމޫން ވަނީ ގޮވާލައްވާފަ އެވެ.
ހައެއްގެ ކުރިން މައުމޫން އޮފީސް ބަންދުކޮށް ދިދަ އާއި ނަންބޯޑް ނަގަން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ