ގާސިމް ވަގަށްނެގި މައްސަލާގައި ޓެރަރިޒަމްގެ ދައުވާ އުފުލޭނެ: މަހުލޫފު

ގާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒު ގާނޫނާއި ޚިލާފަށް ރައީސް ޔާމިންގެ ސަރުކާރުން ވަގަށް ނަގާ ރަހީނުކޮށްފައިވާ ގާސިމް އިބްރާހީމް ވަގުތުން މިނިވަން ކުރުމަށް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ގޮވާލައްވައިފިއެވެ.
މެންބަރު މަހުލޫފް ގާސިމް މިނިވަންކުރުމަށް ގޮވާލެއްވީ މާފުށީ ޖަލުގެ ޔުނިޓް 10ގައި އޮންނަވައިގެން މިއަދު ނެރުއްވާފައިވާ ނޫސްބަޔާނެއްގައެވެ.
މެންބަރު މަހުލޫފްގެ ބަޔާނުގައި ވިދާޅުވެފައިވަނީ ފުންނާބު އުސް ގާނޫނީ ވަކީލުން ވިދާޅުވާ ގޮތަށް ގާސިމް ހައްޔަރުކުރުމުގެ ގައިރު ގާނޫނީ އަމަލު ހިންގި ކަމުގެ ދައުވާ ރައީސް ޔާމިނާއި، ހޯމް މިނިސްޓަރު އަޒްލީން އަހްމަދާއި، ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު އަރީފްގެ އިތުރަށް ހައްޔަރުކުރުމުގެ އަމުރު ނެރި މުއްދަތު ޖެހި ފަނޑިޔާރާއި، ހައްޔަރު ކުރަން އަމުރު ކުރި ފުލުހުން އަދި ހައްޔަރު ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި ފުލުހުންގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް ކަނޑައެޅިފައިވާ ޓެރެރިޒަމްގެ ދައުވާ ކުރެވޭނެކަން އެއީ ފެންނަން އޮތް ހަގީގަތްކަމަށެވެ.
މީގެ އިތުރަށް މުޒާހަރާއެއް ނިންމާފައި ގޮސް މަހުލޫފް މިސްކިތުގައި އިންދާ އެއްވެސް ކޯޓު އަމުރެއް ނެތި، އިމްތިޔާޒު ގާނޫނާ ޚިލާފަށް ދޫނިދޫ ގޮޅީގައި ހައްޔަރު ކުރިކަން ދިވެހި ފުލުހުންނަށް ހަނދާން ކޮށްދެމުން މަހުލޫފްގެ ބަޔާނުގައި ވިދާޅުވީ އިންސާނުންނަކީ ކުށް ކުރެވޭ ބަޔަކަށް ވީހިނދު، ހެދިފައިވާ ގޯސް ވީ އެންމެ އަވަހަކަށް ރަގަޅު ކުރުމަކީ ހަމަގައިމުވެސް އެކަމުގެ ފައިދާ ލިބޭނެ ކަމެއްކަމަށެވެ.
މަހުލޫފް ވިދާޅުވީ އޮނަރަބަލް ގާސިމް އިބްރާހީމް ވަގަށް ނެގުމުން ސާބިތު ކޮށްދެނީ އަބްދުﷲ މަސީހު މަގާމުން ދުރުކުރުމަށް ނެގި ވޯޓުގައި ސަރުކާރު ބައިވެރިވި ކަންކަމަށާ މިކަމުން ދޭހަވަނީ އިދިކޮޅު އިއްތިހާދު އުފެދުމުން ރައީސް ޔާމިން ބިރުފުޅު ގަނެފައިވާ މިންވަރުކަމަށެވެ.
"އިދިކޮޅު ސިޔާސީ ލީޑަރުން ޖަލަށްލާ، ބިރު ދައްކާ އަދި ކުރަމުންދާ ގޯނާ އާއި ދުއްތުރާއިން ހާމަކޮށްދެނީ މި ސަރުކާރު ބަލިކަށިވެ، ވީރާނާވެ އަދި ހުލިވަމުންދާ ކަމެވެ. ﷲގެ އިރާދަފުޅާއެކު މިހަރަކާތް ދާނީ ދުވަހެއް ދުވަހަކަށް ވަރުގަދަވެ ބޮޑުވަމުންނެވެ. ރައްޔިތުންނާ އެކު އަޅުގަނޑުމެން މި ކުރާ މަސައްކަތް ނިންމާނީ ﷲގެ އިރާދަފުޅާއެކު ހުދުމުހުތާރު ރައީސްގެ ވެރިކަން ބަދަލުކުރުމަށް ފަހުއެވެ." މަހުލޫފް ވިދާޅުވިއެވެ.
މަހުލޫފްގެ ބަޔާނުގައި އިތުރަށް ވިދާޅުވީ ހަތަރު ޕާޓީގެ ލީޑަރުންގެ ފަހަތްޕުޅުގައި އެންމެހާ ލޮބުވެތި ރައްޔިތުން ވެވަޑައިގަންނަވާ ގުރުބާނީއަށް ހިތުގެ އިޚްލާސްތެރި ޝުކުރު ދަންނަވާކަމަށެވެ. އަދި އެންމެހާ ބޭފުޅުންގެ ހިތްވަރުން ހިތްވަރު ވަނީ ގަދަވެފައިވާކަމަށެވެ.
"ރައީސް ޔާމިންގެ ވެރިކަން ނިންމުމުގެ ސިއްކަ ޖެހުމަށް މެއި މަހުގެ 6 ވަނަ ދުވަހު ހަމަ އެންމެ ބޭފުޅަކު ވެސް ގޭގައި ނުއިންނަވާ، އިދިކޮޅު ކެނޑިޑޭޓުންނަށް ވޯޓު ދެއްވުމަކީ ގައުމީ ވާޖިބެއް ކަމުގައި ހައްދަވާށެވެ. ތަފާތު ބޮޑު ނަތީޖާއަކުން ރައްޔިތުންގެ އަޑު އިއްވާ ދެއްވާށެވެ. 2013 ވަނަ އަހަރުގެ އިންތިޚާބުގައި ރައީސް ނަޝީދަށް ވޯޓު ދެއްވި %49 ރައްޔިތުންނާއި، ގާސިމް އިބްރާހީމް އަށް ވޯޓު ދެއްވި %25 ރައްޔިތުންނާއި، އަދި ރައީސް މައުމޫން އާއި އަދާލަތު ޕާޓީގެ ސަޕޯޓަރުންގެ ތާއީދާއެކު %90 އާއި ގާތްކުރާ ނަތީޖާއަކުން މި އިންތިޚާބު ކާމިޔާބުވުމުގެ ކުލަވަރު މި ދަނީ ފެންނަމުންނެވެ." މަހުލޫފްގެ ބަޔާން ނިންމަވާއްވަމުން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ