ގާނޫނާއި ޚިލާފަށް ވަކި ފަރާތަކުން އަންގައިގެން ނެރޭ އަމުރުތައް ސިފައިންނާއި ފުލުހުން ތަންފީޒު ކުރަމުން ދާ މަންޒަރުކަމަށާ ރައްޔިތުން ބާއްވާ އެއްވުންތަކާއި ޖަލްސާތަކާއި ހަރަކާތްތައް ހުއްޓުވައި ފުލުހުން އާދަޔާ ޚިލާފަށް ބާރުގެ ބޭނުންކުރާކަމީ ވަރަށް ހިތާމަހުރި ކަމެއްކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ އެމަނިކުފާނުގެ އޮފީހުން ނެރުއްވާފައިވާ ބަޔާނެއްގައެވެ.
މައުމޫންގެ ބަޔާނުގައި ވިދާޅުވީ ދައުލަތުގެ އެންމެ މަތީވެރިޔާ އާއި ސަރުކާރުގެ ވުޒާރާތަކާއި ސަރުކާރު ހިންގަވަން ތިއްބެވި ވެރިން ބަލަހައްޓައި މަސްއޫލުކުރުވާ، ޒިއްމާދާރުކުރުވާ ފަރާތަކީ އެންމެހާ ރައްޔިތުންކަމަށާ އެންމެހާ ރައްޔިތުންގެ ހައްގުގައި އެކަންކުރާ ފަރާތަކީ ރާއްޖޭގައި މިހާރު މަސައްކަތްކުރަމުން އަންނަ ގިނަ ޕާޓީތައް އެކުލެވޭ ނިޒާމްގެ ތެރެއިން ގުޅިފައިވާ ސިޔާސީ ޕާޓީތައްކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އަގްލަބިއްޔަތު މިހާރުގެ ސަރުކާރަށް ގެއްލުމާއެކު، މަޖިލީހުގެ ތެރެއިން ކުރެވެން ހުރި މަސައްކަތްތައް ކުރިޔަ ނުދޭން ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންކަމަށާ އެގޮތުން މަޖިލީހުގެ ބައެއް މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށްބުނެ، މަޖިލީހުގެ ރައީސް ގެ އިތުބާރު ނެތް ކަމުގެ ވޯޓަށް ހުރަސް އަޅައި، މަޖިލީހުގައި ތަޅު އަޅުވާ ދިވެހި ރާއްޖޭގެ ކޯޓު ތަކާއި ސަލާމަތީ ބާރުތައް މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ބާރުފޯރުވާ، އަދި މަޖިލީހުގެ މެންބަރުންނަށް އެކިއެކި ތުހުމަތުކޮށް އަނިޔާކޮށް ފުލުސް އޮފީހަށް ހާޒިރުކުމަކީ ސަރުކާރުން ހިންގާ ގާނޫނު އަސާސީ އާއީ ގާނޫނާ ޚިލާފު ކަންކަންކަމަށެވެ.
3 ބާރު ވަކިވެފައިވާ ނިޒާމެއްގައި ކުރެވިގެން ނުވާނެ އެތައްކަމެއް ސަރުކާރުން ކުރަމުންދާ ކަމީ ދިވެހި އެންމެހާ ރައްޔިތުން ހެކިވާނެކަމެއްކަން ފާހަގަކުރައްވާ މައުމޫންގެ ބަޔާނުގައި ވިދާޅުވެފައިވަނީ ދިވެހި ސަރުކާރުން މިއަދު ގާނޫނު އަސާސީއާ ގާނޫނުތަކުގެ ބޭރުން ހިންގަމުންދާ އެންމެހާ ކަންކަން ހުއްޓުވުމަކީ އިދިކޮޅު ފަރާތްތަކުގެ ކޮނޑުގައި އެޅިފައިވާ ގައުމީ ވާޖިބެއްކަމަށެވެ. އަދި އެ މަސައްކަތް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރަމުން ގެންދަނީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ގާނޫނީ އިމުގެ ތެރެއިންކަމަށެވެ.
މައުމޫން ވިދާޅުވީ ގާނޫނުން މަނާ ނުކުރާ ކަންކަން ކުރުމުގެ ހައްގު ގުޅިފައިވާ ސިޔާސީ ޕާޓީތަކާއި ރައްޔިތުންނަށް އޮތް އިރު، ގާނޫނު އަސާސީ އާއި ޚިލާފަށް އެކަންކަން ކުރުމުގެ މިނިވަންކަން ނިގުޅައިގަތުން ފަދަ ކަންކަން ސަރުކާރުން ކުރަމުން ދިއުމަކީ ދިވެހިރައްޔިތުން ކަންބޮޑުވާ ކަމެއްކަމަށާ ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހަލަބޮލިވެފައި މިވާ ދަނޑިވަޅުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުންނާއި ރައްޔިތުން ބާއްވާ އެއްވުންތަކާއި ޖަލްސާތަކާއި ހަރަކާތްތައް ހުއްޓުވައި ފުލުހުން އާދަޔާ ޚިލާފަށް ބާރުގެ ބޭނުންކުރާކަމީ ވަރަށް ހިތާމަހުރި ކަމެއްކަމަށެވެ.
"އެހެނީ ފުލުހުންގެ އެ އަމަލަކީ ގާނޫނު އަސާސީއާ ގާނޫނުތަކާއި ޚިލާފަށް ހިންގަމުންދާ ކަންކަމެވެ. ފުލުހުންނަކީ ރައްޔިތުންގެ ޚިދުމަތުގައި ތިބެންޖެހޭ ބަޔަކަށްވެފައި، ވަކި ފަރާތަކުން އަންގައިގެން ސިޔާސީ ބޭނުމަކަށް ގާނޫނާއި ޚިލާފަށް ނެރޭ އަމުރުތަކަށް ތަބާވުމަކީ ފުލުހުންގެ މުއައްސަސާ ބަދުނާމުވާނެ ސަބަބެކެވެ. ވީމާ މިފަދަ އަނިޔާވެރި އަމަލުތައް ވަގުތުން ހުއްޓާލަން ގޮވާލަމެވެ." މައުމޫންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
މިއަދުގެ ހާލަތަށް ބަލާއިރު ފެންނަނީ ވަކި ފަރާތަކުން އަންގައިގެން ނެރޭ އަމުރުތައް ސިފައިންނާއި ފުލުހުން ތަންފީޒު ކުރަމުން ދާ މަންޒަރުކަމަށާ އެގޮތުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގާނޫނު އަސާސީ އިން ލިބިދީފައިވައި އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ބޭނުން ކުރަމުން ދާއިރު، ފުލުހުން އެ މަސައްކަތް ހުއްޓުވުމަށް ޓަކައި އެތައް ނޫސްވެރިންނަށާއި އެތައް ރައްޔިތަކަށް އަނިޔާވެރިކަމާއި އެކު ކުރިމަތިލާކަމީ މިއަދު ފެންނަން އޮތް ހަގީގަތްކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
އެކި އެކި މުއައްސަސާތައް މެދުވެރިކޮށް މިކަހަލަ ޢަމަލުތައް ހިންގަނީ، އެކަމަށް އަމުރުކުރާ ފަރާތްތައް ގޮތް ހުސްވުމުން ކަމުގައި ނޫނީ ނުވާނެކަމަށާ އެހެންކަމުން އަނިޔާވެރި ކަމާއި އެކު ދިވެހި ރައްޔިތުންނާއި ކުރިމަތި ނުލުމަށާއި، އެއްވެސް ފަރާތަކުން އަންގާ ގައިރު ގާނޫނީ އަމުރުތަކަށް ތަބާ ނުވުމަށް ހުރިހާ މުއައްސަސާ އަކަށް ގޮވާލާކަމަށް ރައީސް މައުމޫންގެ ބަޔާން ނިންމަވާލައްވަމުން ވިދާޅުވެފައިވެއެވެ.
ގާނޫނާއި ޚިލާފަށް ނެރޭ އަމުރުތައް ފުލުހުންނާއި ސިފައިން ދަނީ ތަންފީޒުކުރަމުން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ