ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަނާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރާ ހިލާފަށް ދައުލަތުގެ މުއައްސަސާތަކުން ނިންމާފައިވާ ހުރިހާ ނިންމުމެއް ބާތިލް ވާނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރެއްގައި ބުނެފައިވަނީ ސުޕްރީމް ކޯޓުން ފަނޑިޔާރު ދީދީގެ މައްސަލާގައި މީގެކުރިން ނެރެފައިވާ އަމުރަކީ ގާނޫނު އަސާސީގެ 159 ވަނަ މާއްދާއާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނީ ޒިންމާއަށް ހުރަސްއަޅާ އަމުރެއް ކަމަށް ބުނެ އެ ކޮމިޝަނުން ނިންމި ނިންމުމަކީ ސުޕްރީމް ކޯޓުގެ އަމުރަށް ގޮންޖެހުން ކަމަށެވެ. ޖޭއެސްސީގެ އެ ނިންމުމަކީ ގާނޫނީ ގޮތުން ޖޭއެސްސީއަށް ލިބިފައިވާ އިހްތިސޯސްގެ ބޭރުން ކޯޓުގެ ހުރުމަތް ކެނޑޭގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށްވެސް ސުޕްރީމް ކޯޓުގެ މިއަދުގެ އަމުރުގައި ފާހަގަކޮށްފައިވެ އެވެ.
މީގެއިތުރުން ޖޭއެސްސީގެ ނިންމުމަކީ އެ ކޮމިޝަންގެ މެމްބަރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް އަދުލުއިންސާފަށް ހުރަސްއެޅޭ ގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށްވެސް ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައިވެ އެވެ. ސުޕްރީމް ކޯޓުގެ އަމުރާ ހިލާފަށް ޖޭއެސްސީން ނިންމާ ނިންމުމެއްގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން ނުވަތަ ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ނިންމާ ކޮންމެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅާ ޖޭއެސްސީއަށާއި ރައްޔިތުންގެ މަޖިލީހުގެ އިތުރުން ކަމާ ގުޅުން ހުރި އިދާރާތަކަށް އަންގާ ކަމަށްވެސް ސުޕްރިމް ކޯޓުގެ އަމުރުގައި ވަނީ ބުނެފަ އެވެ.
ޖޭއެސްސީގެ ފަސް މެންބަރުންގެ އިއްތިފާގުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ނިންމުމާ ގުޅިގެން ސުޕްރީމް ކޯޓުން ވަނީ އެ ނިންމުމަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އަމަލުނުކުރުމަށް އަންގާ އަމުރުކޮށްފަ އެވެ. ނަމަވެސް ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓުން އެގޮތަށް އަމުރުކުރި ނަމަވެސް ޖޭއެސްސީގެ ނިންމުން ދެމިއޮންނާނެ ކަމަށް ބުނެފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވެސް ވަނީ ޖޭއެސްސީގެ ނިންމުން ރަނގަޅު ކަމަށް ކަނޑައަޅާފަ އެވެ.
ދީދީގެ މައްސަލާގައި އަމުރާ ޚިލާފަށް ނިންމި ހުރިހާ ކަމެއް ބާތިލް: ސުޕްރީމް ކޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ