ދައުލަތުގެ ހަރަދު ކުޑަ ކުރުމަށް އެންމެ ފުރަތަމަ ހުއްޓާލަންވީ ވައްކަން: މެމްބަރު ޒާހިރު

ދައުލަތުގެ ހަރަދު ކުޑަ ކުރުމަށް އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ވައްކަން ކުރުން ހުއްޓާލުން ކަމަށް އެމްޑީޕީއަށް ނިސްބަތްވާ ގދ.ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ހަރަދު ކުޑަ ކުރުމަށް އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ވައްކަން ކުރުން ހުއްޓާލުން ކަމަށް ވިދާޅުވި ނަމަވެސް އެކަމުގެ އެއްވެސް ތަފްސީލެއް ޒާހިރު ނުދެއްވައެވެ. އަދި އެެހެން ވިދާޅުވި ސަބަބެއް ވެސް ހާމައެއް ނުކުރައްވައެވެ.
ނަމަވެސް ޒާހިރު މިހެން ވިދާޅުވިއިރު ކޮވިޑް-19 އާއި ގުޅިގެން ސަރުކާރަށް ވަނީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައެވެ. އެތުހުމަތުތައް ކުރައްވާ ފަރާތްތަކުގެ ތެރޭގައި އެމްޑީޕީ އަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ ގިނަ މެންބަރުން ވެސް ހިމެނެއެވެ.
ހާއްސަކޮށް ކޮވިޑް-19 އާއި ގުޅިގެން ވެންޓިލޭޓަރުތަކާއި ބައެއް އެހެން ސިއްހީ ސާމާނުތައް ގެނައުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިނގާފައިވާ ކަމަށް އެމްޑީޕީ އަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެފައި ވެއެވެ.
ދައުލަތުން ކުރާ ހަރަދުތަކާއި ދަރަންޏާއި އެހީގެ ގޮތުގައި ލިބޭ ފައިސާ ހަރަދުކުރާ ގޮތް އަހަރުގެ ކޮންމެ ކުއާޓަރެއް ވަކިވަކިން ފައިނޭންޝަލް އޮޑިޓެއް ކުރަން ރައްްޔިތުންގެ މިޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވެސް މިހާރު ވަނީ ހުށަހަޅުއްވާފައެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ބޭނުންވާ މެޑިކަލް ސަޕްލައިސް ގަތުމުގައި އެސްޓީއޯ މެދުވެރިކޮށް ހަރަދުކުރި ގޮތުގެ ހާއްސަ އޮޑިޓެއް ކުރަން އަންގަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ވަނީ ފާސްކޮށްފައެވެ. އެސްޓީއޯ މެދުވެރިކޮށް ހަރަދުކޮށްފައިވާ ގޮތުގެ އޮޑިޓެއް ކުރަން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތަށް އަންގަން އެ ކޮމިޓީ އަށް ހުށަހެޅުއްވީ ކޮމިޓީގެ މެމްބަރު، ދާންދޫ ދާއިރާގެ ޔައުގޫބް އަބްދުﷲ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ