އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ސަސްޕެންޑް ކޮށްފި

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
ޖޭއެސްސީން ބުނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ސަސްޕެންޑް ކުރީ ދައުލަތުގެ ތަހުގީގީ އިދާރާތަކުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އެ އިދާރާތަކުން ގޮތެއް ކަނޑައަޅައި ނިމެންދެން ކަމަށެވެ.
ޖޭއެސްސީން ބުނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ސަސްޕެންޑް ކުރީ ގައުމަށް ހިޔާނާތްތެރިވުމާއި, ރިޝްވަތުހިފުމުގެ އިތުރުން ގާނޫނީ ސަރުކާރު ބަޣާވާތަކުން ވައްޓާލަން މަސައްކަތް ކުރިކަމުގެ ސާބިތު ހެކި ލިބިފައިވާތީ ކަމަށެވެ.
ޖޭއެސްސީން އުއްތަމަ ފަނޑިޔާރު ސަސްޕެންޑް ކުރަން ނިންމިއިރު މިދިޔަ ހޯމަ ދުވަހުގެ ރެއިން ފެށިގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން އެމަނިކުފާނު ހުންނެވީ ފުލުހުންގެ ބަންދުގަ އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުގެ ތެރޭގައި ހިމެނެނީ ރިޝްވަތުގެ ގޮތުގައި ފައިސާ ހިއްޕެވުމަށްފަހު ޝަރުއީ ހުކުމްތައް ވަކި ގޮތަކަށް ކުރެއްވުމާއި، ގާނޫނާ ހިލާފަށް ސަރުކާރު ބަދަލުކުރުމަށް މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މަސައްކަތް ކުރެއްވުމާއި، ދައުލަތާއި ޖިނާއީ އަދުލުގެ ނިޒާމު ހިންގުމަށް ގަސްދުގައި ހުރަސް އެޅުއްވުމެވެ. މިކަންކަމާ ގުޅޭ ހެކިބަހާއި އިތުރު ހެކިތައްވެސް ލިބިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެެވެ.
ޖޭއެސްސީން އިއްޔެ ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުވެސް ސަސްޕެންޑް ކުރަން ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ