ސުޕްރީމް ކޯޓުގެ ހުކުމަށް ހުރިހާ ފަރާތްތަކަކުންވެސް ތަބާވުމަށް ގާސިމް އިލްތިމާސްކުރައްވައިފި

ސުޕްރީމް ކޯޓުން މިރޭ ކޮށްފައިވާ ހުކުމަށް ހުރިހާ ފަރާތްތަކަކުންވެސް ފުރިހަމައަށް ތަބާވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އިލްތިމާސްކުރައްވައިފި އެވެ.
ބޭސް ފަރުވާއަށް މިވަގުތު ޖަރުމަންގައި ހުންނެވި ގާސިމް އިބްރާހީމް ވިދާޅުވީ ސުޕްރީމް ކޯޓުން މިރޭ ހުކުމަކީ ދިވެހި ގައުމުގެ ހާލަތު މިއަދު އޮތް ގޮތުން ދިވެހި ގައުމަށް ހަމަޖެހުމާއި ކުރިއެރުން ގެނުވާނެ ހުކުމެއް ކަމަށެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ދިވެހި ގައުމުގެ މަސްލަހަތަށް ބައްލަވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ނެރުނު ހުކުމާ ގުޅިގެން އެބޭފުޅުންގެ ޒިންމާ ވަރަށް ފުރިހަމައަށް އަދާކުރައްވައިފި ކަން ގަބޫލުކުރައްވާ ކަމަށެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމަށް ދައުލަތުގެ ހުރިހާ މުއައްސަސާއަކުންނާއި، ދިވެހި ރައްޔިތުން ތަބާވާނެ ކަމަށް އެމަނިކުފާނު ޔަގީންކުރައްވާ ކަމަށެވެ. ގައުމަށް ހަމަޖެހުމާއި ކުރިއެރުން އޮތީ ސުޕްރީމް ކޯޓުގެ ހުކުމަށް އަމަލުކޮށްގެން ކަމަށްވެސް ވިދާޅުވި އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ސުޕްރީމް ކޯޓުން މިރޭ ކުރި ހުކުމާ ގުޅިގެން މިމަހުގެ ފަސްވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާގެ ކުރިން އެމަނިކުފާނު މާލެ ވަޑައިގަންނަވާނެ ކަމަށެވެ. އަދި މިވަގުތު ހިފަހައްޓާފައިވާ އެމަނިކުފާނުގެ ޕާސްޕޯޓް މިރެއިން ފެށިގެން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ގާސިމް ވަނީ ވިދާޅުވެފަ އެވެ.
މީގެއިތުރުން ރާއްޖެއިން ބޭރުގައި މިވަގުތު ތިއްބެވި ރާއްޖޭގެ ސިޔާސީ ބޭފުޅުން ރާއްޖެ ވަޑައިގަތުމަށްވެސް ގާސިމް ވަނީ އެދިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ