ބްރެޒިލްގެ ރައީސް، މާސްކު އަޅުއްވަން ކޯޓުން އަމުރުކޮށްފި

ބްރެޒިލްގެ ރައީސް ޖައިރު ބޮލްސެނާރޯ އާންމުންގެ ތެރެއަށް ނުކުންނަވާއިރު މާސްކު އެޅުއްވުމަށާއި، އެގޮތަށް މާސްކު ނާޅުއްވާ ނަމަ ޖޫރިމަނާއާއި ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ބްރެޒިލްގެ ވެރިރަށް ބްރެސީލިއާގެ މަރުކަޒީ ފަނޑިޔާރަކު، ބްރެޒިލްގެ ރައީސަށް އަމުރު ކުރައްވައިފިއެވެ.
ފަނޑިޔާރު ރިނާޓޯ ކޮއެލްހޯ ބޮރެއްލީ، ރައީސްގެ މައްޗަށް ކުރެއްވި އަމުރުގައިވަނީ، ވެރިރަށް ބްރެސީލިއާގައި ގެއިން ބޭރަށް، އާންމުންގެ ތެރެއަށް ނުކުމެވަޑައިގަންނަވާއިރު ފޭސްމާސްކް އަޅުއްވައިގެން ނުކުމެވަޑައި ގަތުމަށެވެ. އެ އަމުރުގައި ވަނީ އެގޮތަށް އަމަލު ނުކުރަށްވާ ނަމަ ދުވާލަކު 368 ޑޮލަރުގެ ޖޫރިމަނާއެއް ކުރެވިދާނެ ކަމަށެވެ.
ބްރެޒިލްގައި ބަލީގެ ހާލަތު ނުހަނު ގޯސްވެފައިވާއިރު، ރައީސް ބޮލްސެނާރޯ ސަބަބުން އާންމު އެތައް ރައްޔިތުން އެއްތަންވުމަށް މަގުފަހިވެ، ބަލީގެ ނުރައްކަލަށް އެތައް ރައްޔިތުން ހުރަހޮޅެމުންދާ ކަމަށް ފަނޑިޔާރުގެ އަމުރުގައި ވިދާޅުވެފައި ވެއެވެ.
މިއަމުރުވަނީ ވެރިރަށް ބްރެސީލިއާގެ ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މައްޗަށްވެސް ވަނީ ހިންގާފައެވެ.
ބްރެޒިލްގެ ކޮންގްރެސްއާއި އަދި ސުޕްރީމް ކޯޓާ ދެކޮޅަށް މިދިޔަ ހަފްތާތަކުގައި މަގުތަކުގައި ބޭއްވި މުޒާހަރާތަކުގައިވެސް ރައީސް ބޮލްސެނާރޯ ވަނީ މާސްކުވެސް ނާޅުއްވައި ބައިވެރިވެވަޑައި ގެންފައެވެ. އަދި އެއްވުންތައް ބޭއްވި ސަރަހައްދުތަކުގައި ހުރި ކާބޯތަކެތި ވިއްކާ ފިހާރަތަކަށްވެސް ރައީސް ވަޑައިގެންފައިވަނީ މާސްކު ނާޅުއްވައި ހުންނަވައިގެންނެވެ.
ލާމަރުކަޒީ ނިޒާމަށް ވެރިކަންކުރާ ބްރެޒިލްގައި ބަލީގެ ހާލަތު ވަރަށް ގޯސްވެފައި ވީނަމަވެސް، ރައީސް ބޮލްސެނާރޯ ގެންދަވަނީ ސަޕޯޓަރުންނާއެކު މަގުމައްޗަށް ނުކުމެވަޑައި ގަންނަވަމުންނެވެ.
ކޯވިޑް-19 އެ ޤައުމުގައި ފެތުރުން ހުއްޓުވަން އަޅުއްވަމުން ގެންދެވި ފިޔަވަޅުތަކާއި އަދި އެ ފިޔަވަޅުތަކަށް ރައީސް އަމަލު ނުކުރައްވާތީ އެކަމަށް ނުރުހުން ވެވަޑައިގަތުމުން ރައީސް ބޮލްސޮނާރޯވަނީ ކުރިން ހުންނެވި ހެލްތު މިނިސްޓަރުވެސް މަގާމުން ވަކި ކުރައްވާފައެވެ. އަދި އޭގެފަހުން ހެލްތު މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަރާތްވެސް ވަނީ 20 ދުވަސްވެސް ނުވަނީސް އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައެވެ.
ބްރެޒިލްއަކީ މިހާރު ދުނިޔެއިން ދެވަނައަށް އެންމެ ގިނަ މީހުންނަށް މިބަލި ޖެހިފައިވާ ޤައުމެވެ. އެ ޤައުމުގެ 1،151،479 މީހުންނަށް މިހާތަނަށް މިބަލި ޖެހިފައިވާއިރު މިބަލީގައި 52،771 މީހުން ވަނީ އެ ޤައުމުން މަރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ