އެމެރިކާގެ ކުރީގެ ނައިބު ރައީސް ވޯލްޓާ މޮންޑޭލް އަވަހާރަވެއްޖެ

ވޮޝިންޓަން (އޭޕްރިލް 20): އެމެރިކާގެ ކުރީގެ ނައިބު ރައީސް ވޯލްޓާ މޮންޑޭލް އުމުރުން 93 އަހަރުގައި އަވަހާރަވެއްޖެ ކަމަށް އޭނާގެ އާއިލާއިން އިއުލާންކޮށްފި އެވެ. އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓާގެ ވެރިކަމުގައި 1977އިން 1981އަށް ނައިބު ރައީސްކަން ކުރެއްވި މޮންޑޭލް އަވަހާރަވި ސަބަބެއް އޭނާގެ އާއިލާއިން ހާމަނުކުރެ އެވެ. މޮންޑޭލްގެ އާއިލާއަށް ތައުޒިޔާ ވިދާޅުވަމުން ކާޓާ ވަނީ އޭނާ އަކީ "އެމެރިކާގެ ތާރީހުގައިވެސް އެންމެ ފާހަގަކޮށްލެވޭ ނައިބު ރައީސް" ކަމަށް ވިދާޅުވެފަ އެވެ. އަދި ރައީސް ޖޯ ބައިޑެން އާއި ފަސްޓް ލޭޑީ ޖިލް ބައިޑެން ވަނީ ގައުމަށް އެންމެ ހިދުމަތްތެރި ބޭފުޅުންގެ ތެރޭގައި މޮންޑޭލް ހިމެނޭ ކަމަށާއި އެއީ އެ ދެ ބޭފުޅުންގެ އެކުވެރިއެއްގެ އިތުރުން މުޝީރެއް ކަމަށް ވިދާޅުވެފަ އެވެ. މޮންޑޭލް ނައިބު ރައީސް ކަމަށް ހޮވުމުގެ ކުރިން އޭނާ ވަނީ މިނިސޯޓާގެ އެޓާނީ ޖެނެރަލްކަން 1960އިން 1964އަށް ކުރައްވާ، އެ ސްޓޭޓުގެ ސެނެޓަރުކަން 1964އިން 1976އަށް ކުރައްވާފަ އެވެ. އަދި ނައިބު ރައީސް ކަމުގައި އޭނާ ވަނީ އޭގެ ކުރިން އެ މަގާމު ފުރުއްވި ބޭފުޅުންނަށް ވުރެ ބޮޑަށް ސަރުކާރުގައި މަޝްއޫލުވެ، މަސައްކަތް ކުރައްވާފަ އެވެ. ކާޓާގެ ވެރިކަމަށް ފަހު، 1984ގައި މޮންޑޭލް ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ރައީސް ކަމަށް ވާދަ ކުރެއްވި އެވެ. ނަމަވެސް ރޮނަލްޑް ރޭގަންއާ ވާދަ ކުރެއްވި އެ އިންތިހާބުގައި އޭނާ ބޮޑު ތަފާތަކުން ނާކާމިޔާބުވި އެވެ. އެގޮތުން ރޭގަންއަށް 525 އިލެކްޓޯރަލް ވޯޓު ލިބުނު އިރު މޮންޑޭލް އަށް ލިބުނީ 13 އިލެކްޓޯރަލް ވޯޓެވެ. އޭގެ ފަހުން ރައީސް ބިލް ކްލިންޓަންގެ ވެރިކަމުގައި 1993އިން 1996އަށް މޮންޑޭލް ޖަޕާނުގެ ސަފީރުކަން ކުރައްވާ، ދެ ގައުމުގެ ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރަން މަސައްކަތް ކުރެއްވި އެވެ. މޮންޑޭލްގެ އަނބިކަނބަލުން ޖޯއާން ވަނީ 2014 ވަނަ އަހަރު އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އަވަހާރަވެފަ އެވެ. އަދި އެ ދެ ބޭފުޅުންނަށް ލިބުނު ތިން ދަރިންގެ ތެރެއިން ދެ ބޭފުޅުން ދުނިޔޭގައި ތިއްބެވި އިރު އަންހެން ދަރިފުޅު އެލެނާ 2011 ވަނަ އަހަރު ކެންސަރު ބަލީގައި އަވަހާރަވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ