ރައީސް ޔާމީން ފުލުހަށް ހާޒިރުކުރުން ކެންސަލްކޮށްފި

މިއަދު ފުލުހުން ކުރިއަށް ގެންދާ އެމްއެމްޕީއާރުސީގެ މައްސަލާގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ފުލުހުންގެ އިދާރާއަށް ހާޒިރުކުރުން މިއަދު ކެންސަލްކޮށްފިއެވެ.
ރައީސް ޔާމީން ހާޒިރުކުރުމަށް، ފުލުހުންގެ މައި އިދާރާ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގު ހުރި ސަރަހައްދު މިއަދުވެސް ބަންދުކޮށްފައިވެއެވެ. ރައީސް ޔާމީން ގެނައުން ކެންސަލްކުރުމާއެކު އެ ސަރަހައްދު ހުޅުވާލާފައިވެއެވެ.
މައުލޫމާތު ލިބިފައި އޮތް ގޮތުގައި ޝަހީދު ޙުސައިން އާދަމް ބިލްޑިންއަށް ގެނައުމަށްފަހު ރައީސް ޔާމީން ގެކޮޅަށް ގެންދަން ނިންމާފައިވެއެވެ. މާފުށީ ޖަލުން ރައީސް ޔާމީން ފުލުހަށް ހާޒިރުކުރުން މިއަދު ކެންސަލްކޮށްފައިވާ ސަބަބެއް ފުލުހުން ހާމަނުކުރައްވައެވެ.
ފެބްރުއަރީ މަހުގެ 02 ވަނަ ދުވަހުގައިވެސް ރައީސް ޔާމީންވަނީ ފުލުހަށް ހާޒިރުކޮށްފައެވެ. އެ ދުވަހު ރައީސް ޔާމީން ހާޒިރުކުރީ އެމްއެމްޕީއާރުސީ މައްސަލާގައި ބަޔާނެއްގައި ސޮއިކުރަން ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވިއެވެ.
މިއަދު ރައީސް ޔާމީން ހާޒިރުކުރީ ކޮންކަމަކާ ގުޅިގެން ކަމެއް ސާފުނުވެއެވެ. ފުލުހުން އެ މައުލޫމާތު މިޑިޔާއާ ހިއްސާނުކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ