ފޭދޫފިނޮޅު ޕިކްނިކް ރަށެއްގެ ގޮތުގައި ބާއްވަން މައުމޫން ފެކްޝަނުން އެދެފި

ތިން މިލިއަން ޑޮލަރަށް ވިއްކާލަން ނިންމާފައިވާ ފޭދޭ ފިނޮޅު ޕިކްނިކް ރަށެއްގެ ގޮތުގައި ބާއްވައި ދިނުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ފެކްޝަނުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ ކިބައިން އެދިއްޖެ އެވެ.
ފޭދޫ ފިނޮޅަކީ މީގެ ކުރިން ފުލުހުންގެ ހާއްސަ ބޭނުމަށް ބޭނުންކުރަމުން ދިޔަ ރަށެކެވެ. މިރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ނިންމާ އިއުލާން ކޮށްފައިވަނީ ބިޑް ކުރުމަކާ ނުލައި ޓޫރިޒަމްގެ ބޭނުމަށް ރަށްތައް ކުއްޔަށް ދޫކުރެވޭ ގޮތަށް ޓޫރިޒަމް ގާނޫނަށް މިއަހަރު ގެނައި އިސްލާހުގެ ދަށުންނެވެ.
މިދިޔަ ބުދަ ދުވަހު މައުމޫން ފެކްޝަނުން ފޮނުވި ސިޓީގައި ބުނެފައިވަނީ މާލެ ސަރަހައްދުގެ އިޖްތިމާއީ މައްސަލަ ތަކަށް ވިސްނައި ދަތރު ދިއުމަށާއި މުނިފޫހި ފިލުވުމަށާއި ސްކޫލް ކުދިންގެ ކޭމްޕިންގް އަށް މާލެ ކައިރިން ރަށްތަށް ކަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް ކުރިން ދަތުރު ދިޔުމާއި އެފަދަ އިޖްތިމާއީ ކަންކަމަށް ކަނޑައަޅާފައިވާ ކުޑަ ބަނޑޮސް ރިސޯޓަކަށް ބަދަލުކޮށް ދެން އެގޮތަށް އޮތް ހަމައެކަނި ރަށް ކަމުގައިވާ ފޭދޫ ފިނޮޅުވެސް ރިސޯޓެއްގެ ގޮތުގައި ތަރއްގީކުރަން ނިންމައި ވިއްކާލުމުން ހެޔޮ އަގުގައި ދަތުރު ދިޔުމާއި މުނިފޫހި ފިލުވުމުގެ ފުރުސަތު ޒުވާނުންނަށް ގެއްލިދާނެ ކަމަށްވެސް އެ ފެކްޝަނުން ފޮނުވި ސިޓީގައި ބުނެފައިވެ އެވެ. އެހެން ކަމުން އެތަން ޕިކްނިކް ރަށެއްގެ ގޮތުގައި ބާއްވައިދޭން އެ ސިޓީގައި އެދިފައިވެ އެވެ.
" އަދި ދަންނަވަމެވެ. މާލެ ސަރަހައްދުގައި މިހާރު ދިރިއުޅޭ ސްކޫލް ކުދިންނާއި ޒުވާނުންގެ ނިސްބަތަށް ބަލާ މިފަދަ ރަށެއް މާލެ ކައިރީގައި ސްކޫލް ކުދިންގެ ކޭމްޕިންގް އަދި ޒުވާނުންނާއި އާއިލާތަކުގެ ދަތުރުދިޔުން ފަދަ ބޭނުންތަކަށް ކަނޑައަޅާ ބެއްވުމަކީ މުހިންމު ކަމެއް ކަމަށް މި ޕާޓީގެ މެމްބަރުން ދެކެއެވެ. އަދި މިރަސް ރިސޯޓެއްގެ ގޮތަށް ދޫކުރެވިއްޖެނަމަ މި ސަރަހައްދުގައި ހަމަ އެކަނި މިފަދަ ފުރުސަތެއް ލިބޭ ގޮތަށް އޮތް ރަށްވެސް ގެއްލިދާނެ ކަމުގެ ބިރު އޮތްވާހަކަ ދަންނަވަމެވެ." ޓޫރިޒަމް މިނިސްޓަރަށް ފޮނުވި ސިޓީގައި ބުނެފައި ވެއެވެ.
އެތަން ޕިކްނިކް ރަށެއްގެ ގޮތުގައި ނުބޭއްވޭ ނަމަ މާލެ ސަރަހައްދުން އެފަދަ އެހެން ތަނެއްގައި ކަނޑައެޅުމަށް އެ ސިޓީގައި އެދިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ