ޕާޓީތައް ރުހިގެން އަނެއްކާވެސް ކޮމެޓީތައް އެކުލަވާލައިފި

ޑީއާރުޕީއާއި ޕީއޭގެ ކޯލިޝަން ރޫޅާލުމާއެކު މަޖިލީހުގެ ދާއިމީ ކޮމިޓީތައް ޕާޓީތަކުގެ ވެރިން އެއްބަސްވާ ގޮތުގެ މަތިން އަލުން އެކުލަވާލައިފައިވާ ކަމަށާއި ދާއިމީ ކޮމިޓީތައް އެކުލަވާލި ގޮތާ މެދު މާދަމާ ވޯޓު ނަގާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
"އެގޮތަށް ހަމަޖެހިފައި މިހާރު އޮތީ. އެ މައްސަލައިގައި އަޅުގަނޑު މާދާމާ ވޯޓަށް އަހާނަން، އެކަން ވާނީ މާދަމާއަށް އެޖެންޑާކޮށްފައި" ސަންއަށް ދެއްވި އިންޓަވިއުއެއްގައި މަޖިލިސްގެ ރައީސް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ އެމަނިކުފާނު ރިޔާސަތު ބެލެހެއްޓެވި ބައްދަލުވުމެއްގައި މިއަދު ޕާޓީތަކުގެ ލީޑަރުން އެއްބަސްވެވަޑައިގެންނެވި ގޮތުގެ ލިޔުމުގައި އެފަރާތްތަކުން ސޮއިކޮސް މިއަދު ހަވީރުގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ. އެއްބަސްވުމުގައި އެމްޑީޕީ އާއި ޑީއާރުޕީ އާއި ޕީއޭ އާއި ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުންނާއި ގައުމީ ޕާޓީގެ ރިޔާޒް ރަޝީދު ސޮއިކުރައްވާފައިވެ އެވެ.
"އެލިޔުން މަޖިލީހުގެ މެންބަރުންނަށް ފޮނުވުމުގެ މަސައްކަތް މަޖިލީހުގެ އިދާރާއިން މިހާރުވަނީ ފަށާފައި،"
ކޮމެޓީތައް އަލުން އެކުލަވައިލުމާބެހޭ ގޮތުބން މަޖިލީހުން ވަނީ ބަޔާނެއް ވެސް ނެރެފަ އެވެ. އެބަޔާނުގައި ބުނަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންގެ ޢަދަދަށް އައި ބަދަލާ ގުޅިގެން، މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި ދިމާވެފައިވާ ހުރަސްތައް ނައްތާލައި ޕާޓީތަކުގެ މެދުގައި މަޝްވަރާކޮށްގެން ކޮމިޓީތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް މަޖިލީހުގެ ރައީސް ފެއްޓެވި މަސައްކަތުގެ ދަށުން މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުން ކޮމިޓީތައް އެކުލަވާލުމުގައި ހުރިހާ ޕާޓީތަކަށް އެއްބަސްވެވޭ އެއްބަސްވުމެއް އެކުލަވާލައްވައިވާ ކަމަށެވެ.
ކޮމެޓީތައް މިފަހަރު ތަރުތީބު ކޮން ގޮތަކަށްތޯ ސުވާލު ކުރުމުން ޝާހިދު ވިދާޅުވީ ނިމުނުގެ ގޮތް މަޖިލީހުގެ މެންބަރުންނަށް ފޮނުއްވަން ފައްޓަވާފައިިވާ ކަމަށާއި އޭގެ ކުރިން މީޑިއާއަށް ދެއްވުން ރަނގަޅު ނުވާނެ ކަމަށެވެ.
މަޖިލީހުގެ ދާއިމީ 13 ކޮމިޓީ އަލުން އެކުލަވައިލި އިރު މާލިއްޔަތު ކޮމިޓީގެ އަޣުލަބިއްޔަތު އޮތީ ކުރިން އޮތް ގޮތަށް ގޮތަށް އިދިކޮޅު ފަރާތްތަކަށެވެ. އިގްތިސާދީ ކޮމިޓީ އާއި ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ އަޣުލަބިއްޔަތު އެމްޑީޕީއަށެވެ. ކުރިން އެމްޑީޕީ އަށް އަޣުލަބިއްޔަތު އޮތް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ، 241 ކޮމިޓީގެ އަޣުލަބިއްޔަތު މިހާރު ވަނީ އިދިކޮޅު ފަރާތްތަކަށް އެނބުރިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ