މާވަށު ދާއިރާގެ ތިން ވޯޓު ފޮއްޓެއް އަލުން ގުނަނީ

ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ ތިން ވޯޓު ފޮއްޓެއް އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
މަޖިލިސް އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވަގުތީ ނަތީޖާ އިއުލާން ކުރުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ގިނަ ކެންޑިޑޭޓުން ވާދަ ކުރި ދާއިރާއެއްގައި ވޯޓުގެ ކުޑަ ފަރަގެއް އުޅޭނީ، ތިން ވޯޓު ފޮށްޓެއް އަލުން ގުނުމަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެ ދާއިރާގެ ނަމެއް ޝަރީފް ވިދާޅެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި، ވޯޓުގެ ފަރަގު ކުޑަވުމުންނާއި ބާތިލު ވޯޓު ގިނަވުމުން، އިލެކްޝަންސް ކޮމިޝަނުން އަލުން ގުނަން ނިންމާފައި ވަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެކެވެ.
މާވަށު ދާއިރާއަށް ވާދަ ކުރި ހަތަރު ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުންގެ މެދުގައި އުޅެނީ 13 ވޯޓުގެ ފަރަގެކެވެ. މިއީ މި އިންތިހާބުގައި ވޯޓުގެ ފަރަގު ކުޑަ ދާއިރާއެއްގެ ގޮތުގައިވަނީ ފާހަގަ ކުރެވިފަ އެއެ.
ވަގުތީ ނަތީޖާއިން ދައްކާ ގޮތުން އެންމެ ގިނަ ވޯޓު ހޯއްދަވާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. އޭނާއަށް 815 ވޯޓު ލިބިފައިވާއިރު، ވާދަ ކުރެއްވީ ޕާޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެންޑިޑޭޓެއްގެ ގޮތުގައި އެވެ. ދެވަނަ އަަށް ދިޔަ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ފަލާހު ލިބިފައިވަނީ 802 ވޯޓެވެ.
ބާތިލު ވޯޓުގެ އަދަދު 30 އަށް އަރައެވެ.
ފަލާހަކީ މިދިއަ 2014 ވަނަ ބޭއްވި މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި އެގޮނޑިއަށް ވާދަކޮށް، ނާކާމިޔާބުވި ފަރާތެކެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޝަރީފު ވިދާޅުވީ އިންތިހާބާ ގުޅިގެން 21 ޝަކުވާއެއް އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން 15 ޝަކުވާއަކީ ރީރަޖިސްޓްރޭޝަނާ ގުޅޭ ޝަކުވާތައް ކަމަށާއި ވޯޓުލާ މަރުކަޒުތަކުގައި އަމަލު ކުރި ގޮތާ ގުޅޭ ގޮތުން ހަތަރު ޝަކުވާއެއް ލިބިފައިވާ ކަމަށަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި ދެ ޝަކުވާއެއް އީސީއަށް ހުށަހަޅާފައިވާ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ