ޔާމީން ވާނުވާގައި ނުބަހައްޓާ ދޫކޮށްލާ: ގާސިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކުރަން ކުރި ހުކުމް އުވާލައި އެމަނިކުފާނު ދޫކޮށްލަން ޖެހޭ ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވެފައިވަނީ ޖޭޕީގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރުކަމަށް ވާދަކުރާ ކެންޑިޑޭޓް އަލްހާން ފަހުމީގެ ކެމްޕޭނު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ގާސިމް ވިދާޅުވީ، މައްސަލަ ނިމެންދެން ޖަލުގައި ބަންދުކުރާ މީހުންނަށް ކިޔަނީ ވާނުވާގައި ބަހައްޓާ މީހުން ކަމަށެވެ.
އަދި މިސަރުކާރުން އެގޮތަށް އަމަލުކުރުން ގަބޫލުނުކުރެވޭ ކަމަށް ނުސީދާ ގޮތުން ގާސިމް ވަނީ ވިދާޅުވެ، ސަރުކާރަށް ފާޑުކިޔާފައެވެ. ނިމިގެން ދިޔަ ސަރުކާރުގައި އޭރު އިދިކޮޅުގައި މަސައްކަތް ކުރި ވަރަށް ގިނަ ބަޔަކު ވަނީ ޝަރީއަތް ނިމެންދެން ޖަލަށް ލެވިފައެވެ.
އަދި ވަރަށް އަވަސް މުއްދަތެއްގައި ޝަރީއަތް ހިންގި ވަރަށް ގިނަ ސިޔާސީ ފަރާތްތަކުން ވަނީ ދިގު މުއްދަތަށް ޖަލަށްވެސް ލެވިފައެވެ.
ކުރީގެ ރައީސް ޔާމީން ހައްޔަރުކޮށްފައިވަނީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލާގައި ހެކި ނައްތާލަން އުޅުއްވާ ކަމުގެ ތުހުމަތުގައެވެ.
ގާސިމް މިރޭވެސް ޔާމީން ދިފާއުކުރައްވައި ވާހަކަ ދައްކަވާފައިވާއިރު ޔާމީން ނިސްބަތްވާ ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ޖުމުހޫރީ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދުކޮށް 27 ދާއިރާއަކަށް ކެންޑިޑޭޓުން ނުނެރުމަށް ނިންމާފައެވެ.
ޔާމީން ދޫކޮށްލުމަށް ގާސިމް ގޮވާލުމުގެ ފަހަތުގައިވާ ސަބަބަކީ އެއީ ކަމަށް ވެސް ބައެއް މީހުން އަންނަނީ ތުހުމަތު ކުރަމުންނެވެ. ގާސިމް ވަނީ ޕާޓީ ޓިކެޓު ދޭއިރު އިސްކަން ދޭނީ ހޮވޭނެ ކެންޑިޑޭޓުން ކަމަށް ވެސް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ 20 އަހަރު ޕާޓީގައި ހުއްޓަސް ނުހޮވޭނެ ކެންޑިޑޭޓަކަށް ޓިކެޓު ނުދެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ