އެމްޑީޕީގެ ރައީސަކީ ރައީސް ސޯލިހު، ނަޝީދެއް ނޫން: ގާސިމް

އެމްޑީޕީގެ ރައީސަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ބަލައި ނުގަންނަ ކަމަށާއި އެޕާޓީގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ އަބްރާހީމް މުހައްމަދު ސޯލިހު ކަމަށް ސަރުކާރު ކޯލިޝަން ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށާއި އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އަންނަ ހެންވޭރު އުތުރު ދާއިރާއަށް ކުރިމަތި ލައްވާފައިވާ އަލްހާން ފަހުމީގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ރޭގައި ބޭއްވި ހަފްލާގައި ގާސިމް ވިދާޅުވީ، އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާގޮތުން އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާވަގުތެއްގައި އެޕާޓީގެ ވެސް އެންމެ އިސް ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ އެވެ.
އެހެންކަމުން އެމްޑީޕީގެ އެންމެ އިސްވެރިޔަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް ގާސިމް ވިދާޅުވި އެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާގޮތުން އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި އިބްރާހީމް މުހައްމަދު ސޯލިހު ހުންނެވިހާ ދުވަހަކު އެމްޑީޕީގެ އެންމެ އިސްފަރާތަކީ އެމަނިކުފާނެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާގޮތުން، އެމްޑީޕީގެ މަގުސަދުތައް ހާސިލް ކުރުމަށްޓަކައި އަދި ޕާޓީގެ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި ޕާޓީގެ އަސާސީ ގަވައިދުގެ ހުދޫދުގެ ތެރޭގައި ޕާޓީގެ ގުނަންތަކާ މަޝްވަރާ ކުރައްވައި އެ ފަރާތްތަކާ އެކީ މަސައްކަތް ކުރެއްވުމަކީ ޕާޓީގެ އެންމެ އިސްފަރާތުން ކުރަންޖެހޭ ކަމެކެވެ. އަދި އެމްޑީޕީގެ ގައުމީ މަޖިލިހާއި ގައުމީ ހިންގާ ކޮމިޓީ އާއި ޕާލަމެންޓްރީ ގުރޫޕްގެ މަޝްވަރާގެ މަތިން ޕާޓީގެ ސިޔާސަތުތައް އެކަށައެޅުމާއި އެ ސިޔާސަތުތައް ތަންފީޒު ކުރުމަކީ ވެސް ޕާޓީގެ އެންމެ އިސްވެރިޔާގެ ވާޖިބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ނަމަވެސް ރައީސް ނަޝީދުއަކީ އެމްޑީޕީން އިންތިހާބު ކޮށްފައިވާ އެޕާޓީގެ ރައީސެވެ. އެހެންކަމުން ޕާޓީގެ ގިނަ ކަންކަން، ނިންމަވަނުން ގެންދަވަނީ އެމަނިކުފާނެވެ. އަދި ޕާޓީގެ އެންމެ އިސްވެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ނުބައްސަވައި ސީދާ ނަޝީދު ޕާޓީގެ ކަންކަން ނިންމަވައި ތަންފީޒު ކުރައްވާތީ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.
ގާސިމް އެފަދަ ގޮތަކަށް ވާހަކަފުޅު ދެއްކެވިއިރު، އެމްޑީޕީއާއި އަދި ރައީސް ނަޝީދުއާމެދު ހިތްހަމަ ނުޖެހުންތަކެއް ހުރިކަމުގެ ވާހަކަތަކެއް ދަނީ ފެންމަތިވަމުން ނެވެ. އަދި ޖުމްހޫރީ ޕާޓީއަކީ ސަރުކާރު ކޯލިޝަންގެ ޕާޓީއެއް ނަމަވެސް ސަރުކާރަށް އެއްބާރުލުން ދެމުންދާތަނެއް ނުފެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ