ބޮޑެތި މުބާރާތްތަކުގައި ކުދިން ބައިވެރިކުރުމުން އެކުދިން ޒިންމާދާރުވާން މަގުފަހިވޭ: ޝިދާތާ

ގައުމީ ފެންވަރުގައި ބާއްވާ މުބާރާތްތަކުގައި ދަރިވަރުން ބައިވެރިކުރުމަކީ އެކުދިން ބޮޑެތިވުމަށްފަހު ޒިންމާދާރު ބަޔަކަށް ހެދުމަށް ލިބޭ ވަރަށް ފަހި ފުރުސަތެއް ކަމަށް ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
ވާހަކަ ދެއްކުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ހަވީރު ދަންފަޅީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސް ޝިދާތާ ޝަރީފު ވިދާޅުވީ އެކަމަނާއަކީވެސް މީގެ ކުރިން މިފަދަ މުބާރާތްތަކުގައި ބައިވެރިވި ބޭފުޅެއް ކަމަށެވެ. މިހާރު ގައުމުގައި ހިނގާ ކަންކަމުގައި ބަސް ބުނެ، އިސްވެރިންގެ ކުރިފުޅުމަތީގައްޔާއި ޕޯޑިއަމްތަކުގައި ވާހަކަދައްކަން ކެރެނީ އޭރު އެފަދަ މުބާރާތްތަކުގައި ބައިވެރިވެފައިވާތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން މިފަދަ މުބާރާތްތަކުގައި ބައިވެރިވުމަކީ މިހާރުގެ ކުޑަކުދިން ބޮޑެތިވުމަށްފަހު ޒިންމާދާރުވެ، ދައުލަތުގެ މަތީ މަގާމްތައް ފުރުމަށް އިތުރު އެހީއަކަށް ވާނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ޝިދާތާ ވިދާޅުވިއެވެ.
މީގެ އިތުރަށް މިމުބާރާތުން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބައިވެރިވުން މުޖުތަމަޢުގައި އިތުރުވެގެން ދިޔަ މިންވަރު ހާމަވެއްޖެ ކަމަށް ވިދާޅުވިއެވެ. އަދިވެސް އެފަދަ ކުދިންނަށް ދޭ ފުރުޞަތުތައް އިތުރުކުރުމަށް މިނިސްޓަރު ވަނީ ގޮވާލައްވާފައެވެ. މީގެ ކުރިން ނުފެންނަ ގިނަ އުފާވެރި މަންޒަރުތަކެއް ފެނިގެން ހިނގައްޖެ ކަމަށާއި އެގޮތުން އެއްވެސް ތަފާތުކުރުމެއް ނެތި ހުރިހާ ކުދިންނަށް ބައިވެރިވެވޭ ފަދަ ގޮތަކަށް މުބާރާތް ކުރިއަށް ގެންދިޔުމުގެ ސަބަބުން މުޖުތަމައުގައި އެކަހެރިވެފައިވާ ކުދިންނަށް ގިނަ ފުރުސަތުތަކެއް މުބަރާތުން ލިބިގެން ގޮސްފައިވާކަން މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި މިކުދިންނަށް ދެވޭ ފުރުސަތުތައް އަދިވެސް އިތުރުކުރެވޭނެ ގޮތްތައް ހޯދައި އެފުރުސަތު ދިނުމަށް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވާފައެވެ.
ވާހަކަދެއްކުމުގެ 34 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ ތަރަހަ ގިންތިއާއި، ދަށު އިބްތިދާއީ ގިންތިއާއި، ތަފާތުގޮތަކުން ކުޅަދާނަ ކުދިންގެ ބައިންނާއި 18 އަހަރުން ދަށުގެ ބައިން ވާދަކުރި ކުދިންގެ ނަތީޖާ ފާޅުކޮށް ވަނަވަނައަށް ދިޔަ ދަރިވަރުންނަށް އިނާމާއި ތަށްޓާއި ހަނދާނީ ލިޔުން ދީފައެވެ. އެގޮތުން ތަރަހަ ގިންތީގައި އެންމެ މޮޅު 5 ސްކޫލަކަށް ހޮވިފައިވަނީ ދޮންދޫނި ލިޓްލް ލަރނަރސް ޕްރީ ސްކޫލާއި، އަޙްމަދިއްޔާ އިންޓަނޭޝަލް ސްކޫލާއި، ބްރިޖް ލިޓްލް ލާނަރސް ޕްރީ ސްކޫލާއި، އަމީރު އަޙްމަދު ސްކޫލާއި ގަލޮޅު މަދަރުސާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ