އަމުރާ ހިލާފަށް ނިންމާ ހުރިހާ ނިންމުމެއް ބާތިލް ވާނެ: ސުޕްރީމް ކޯޓު

ސްޕްރީމް ކޯޓުގެ ނިންމުމާ ޚިލާފަށް ޖޭއެސްސީން ނިންމާ ކޮންމެ ނިންމުމަކީ ބާޠިލު އަދި ޣައިރުޤާނޫނީ ނިންމުމެއްކަމަށް ސްޕްރީމް ކޯޓުން ބުނެފިއެވެ.
ފަނޑިޔާރު ދީދީގެ ސަސްޕެންޝަން ފަސްކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައިވީ ނަމަވެސް ޖޭއެސްސީން ވަނީ އެ އަމުރު ބަލައިނުގަނެ ދީދީގެ ސަސްޕެންޝަން ދަމަހައްޓާފައެވެ. އަދި ޖޭއެސްސީގެ ނިންމުން ސައްހަ ކަމަށް ކަނޑައެޅުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ރޭ ވަނީ ފާސްކޮށްފައެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނީ ފަނޑިޔާރު ދީދީގެ ސަސްޕެންޝަން ފަސްކުރުމަށް ނެރުނު އަމުރު ގަބޫލު ނުކުރަން ޖޭއެސްސީއިން ނިންމި ނިންމުމަކީ ޖޭއެސްސީގެ މެމްބަރުންގެ ސުލޫކީ މިންގަނޑާ ކަނޑައެޅިގެން ހިލާފަށް، ކޯޓުގެ ހުރުމަތްކެނޑޭ ގޮތަށް އަދި އަދުލު އިންސާފަށް ހުރަސްއެޅޭ ގޮތަށް ނިންމާފައިވާ ޣައިރު ދުސްތޫރީ އަދި ޣައިރު ގާނޫނީ ނިންމުމެއް ކަމަށެވެ.
"ސުޕްރީމް ކޯޓުގެ ބުނެވުނު އަމުރާ ހިލާފަށް އެ ކޮމިޝަނުން ނިންމާ ކޮންމެ ނިންމުމަކީ އެއަށް ގާނޫނީ އެއްވެސް ހައިސިއްޔަތެއް ލިބިގެންނުވާ މުތުލަގު ސިފައެއްގައި ބާތިލު ނިންމުމެއް. އަދި އެ އަމުރާ ހިލާފަށް އެ ކޮމިޝަނުން ނިންމާ ކޮންމެ ނިންމުމެއް ނިންމުމަށްޓަކާ އެ ކޮމިޝަނުން ހިންގާ ކޮންމެ އިޖުރާއަތަކީ ވެސް ބާތިލު އިޖުރާއަތެއް" އެ އަމުރުގައި ބުނެފައިވެއެވެ.
މީގެއިތުރުން އަމުރާ ހިލާފަށް ޖޭއެސްސީން ނިންމާފައިވާ އެއްވެސް ނިންމުމެއްގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހާއި އަދި އެ މަޖިލީހުގެ ކޮމިޓީއަކުން ނުވަތަ ދައުލަތުގެ ކަމާބެހޭ އެއްވެސް މުއައްސަސާއަކުން ނުވަތަ އިދާރާއަކުންވިޔަސް ނިންމާ ކޮންމެ ނިންމުމަކީ ބާތިލު ނިންމުމެއް ކަނޑައަޅާ ކަމަށް އެ އަމުރުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ