ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުން ފަސްކުރުމަށް ސުޕްރީމް ކޯޓުން ކުރި އަމުރަކީ ކޯޓުގެ އިހްތިސޯސުގެ ބޭރުން ނެރެފައިވާ އަމުރެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ވަފުދާއެކު ސްރީ ލަންކާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނަޝީދު ވިދާޅުވީ މަޖިލިހާއި ޖޭއެސްސީ ވެސް މަސައްކަތް ކުރާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.
"ޖޭއެސްސީ ވެސް ގާނޫނާއި ގަވައިދާ އެއް ގޮތްވާ ގޮތަށް ކުރިއަށް ދާނީ. ޖޭއެސްސީގެ މެމްބަރުން ކޮމިޓީއަށް ހާޒިރުކޮށް ދެއްކެވި ވާހަކަތަކަށް ބިނާކޮށް ކޮމިޓީން ނިންމާ ނިންމުން މަޖިލިހުގެ ރައީސަށް ލިބި، މަޖިލިހުގެ ތަޅުމުގައި އެއަށް ބަހުސްކޮށް، މެމްބަރުން ވޯޓުން ނިންމާ ގޮތަކަށް މަޖިލިހުން ކަންކުރާނީ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ޖޭއެސްސީ އަށް ހަވާލުވެފައިވާ ކަމެއްގެ ފަހު ބަސް ޖޭއެންސީއިން ނެރުމުން ސުޕްރީމް ކޯޓަށް ލިބިފައިވާ ގާނޫނީ ބާރުގެ ބޭރުން އެކަމުގެ ތެރެއަށް ވަދެ ގޮތް ނިންމުމަކީ އެ ކޯޓަށް ލިބިފައިވާ އިހްތިސޯސުން ބޭރުން ކުރި ކަމެއް ކަމަށެވެ.
ސުޕްރީމް ކޯޓުން އެހެން ބައެއްގެ މަސައްކަތުގެ ތެރެއަށް ވަނުމަކީ ގާނޫނީ ހަމަތަކުގެ މަތިން ކުރާ ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެކަމާ ގުޅިގެން ވަކިން ގާނޫނު އަސާސީ އަށް ބަދަލު ގެންނަން ޖެހޭ ކަމަށް ނުފެންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ގާނޫނު އަސާސީ އަށް އެކަމާ ގުޅޭ ބަދަލެއް ގެންނާކަށް ނުޖެހޭ. ހުރިހާ ރައްޔިތުން ބުނާނީ ގާނޫނު އަސާސީ އަށް ބަދަލު ގެންނަން ޖެހޭ ނަމަ،" ނަޝީދު ވިދާޅުވި އެވެ.
މަޖިލިހުގެ ކޮމިޓީގައި ވާހަކަދައްކަވަމުން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގައި ވަނީ ޖޭއެސްސީ އަށް ހުރަސް އެޅުމަށް ސުޕްރީމް ކޯޓުން މަސައްކަތް ކުރާ ކަމަށް ވިދާޅުވެފަ އެވެ. އަދި މަޖިލިހުގެ މެމްބަރުންގެ މަސައްކަތުން އެކަން ހުއްޓުވައި ދިނުމަށް އެދިވަޑައިގެންނެވި އެވެ.
ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަނަށް އަމަލު ނުކުރުމަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރުނީ އެ ފަނޑިޔާރު ކޯޓަށް ދުސްތޫރީ މައްސަލައެއް ވެއްދުމުންނެވެ. ކޯޓުން ގޮތެއް ނިންމަން ދެން އެ މައްސަލައިގެ އެއްވެސް ކަމެއް ޖޭއެސްސީން ނުކުރަން ވަނީ އަންގާފަ އެވެ.
އެކަމާ ގުޅިގެން ޖޭއެސްސީގެ ބުނީ ސުޕްރީމް ކޯޓުގެ އަމުރަކީ އެ ކޮމިޝަނުގެ މަސައްކަތަށް ހުރަސް އަޅާ އަމުރެއް ކަމަށް ބުނެފަ އެވެ. އެ އަމުރަށް އަމަލު ނުކުރާނެ ކަމަށާއި، ފަނޑިޔާރު ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ ކަމަށް ވެސް ނިންމި އެވެ.
ސުޕްރީމް ކޯޓު ވަނީ ގާނޫނީ ހަމަތަކުން ބޭރުވެފައި: ރައީސް ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ