އައްޑުއަށް ކަރަންޓުދޭން ގެނައި ޖެނެރޭޓަރުން މިއަދު ކަރަންޓު ދޭން ފަށާނެ

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އިއްޔެ ގެނައި ދެ ޖެނެރޭޓަރު މިހާރުވަނީ ބަހައްޓައި ނިމިފައި ކަމަށް ފެނަކަކޯޕަރޭޝަންގެ އައްޑޫ އޮފީހުން ވިދާޅުވެއްޖެއެވެ.
އެތަނުން ވިދާޅުވީ ދެ ޖަނަރޭޓަރު ބަހައްޓައި ނިމުމަށްފަހު މިހާރު ކުރަމުންދާ މަސައްކަތަކީ ނެޓްވޯކާ ގުޅުމުގެ މަސައްކަތް ކަމަށެވެ. އެ ދެ ޖެނެރޭޓަރުގެ ތެރެއިން 1.2 މެގަވޯޓު ޖަނަރޭޓުން މިއަދު ބާރަޖަހައި އެހައިކަންހާއިރު ކަރަންޓު ދެވެން ފެށޭވަރުވާނެ ކަމަށްވެސް އެތަނުން ވިދާޅުވިއެވެ. އެއިން ކަރަންޓު ދޭން ފެށުމުން ވަގުތީ ޙައްލެއް ލިބިގެންދާނެ ކަމަށާއި އެހެންނަމަވެސް އަދިވެސް މަދުންނަމަވެސް ކަރަންޓު ދިޔުނަކީ އެކަށީގެންވާ ކަމެއް ކަމަށް އެތަނުން ވިދާޅުވިއެވެ.
މި ދެޖަނަރޭޓަރުގެ ތެރެއިން 800 ކިލޯވޯޓުގެ ޖަނަރޭޓަރުން ކަރަންޓު ދިނުމަށް އަދި ދެދުވަހެއްވަރު ހޭދަވާނެ ކަމަށް ވެސް އެ އޮފީހުން ވިދާޅުވިއެވެ. މި ދެ ޖަނަރޭޓަރުގެ އިތުރަށް 2000 ކިލޯވޯޓާއި 1500 ކިލޯވޯޓުގެ ދެ ޓްރާންސްފޯމާވެސް ފެނަކަ ކޯޕަރޭޝަނުން އިއްޔެ އައްޑުއަށް ފޮނުވިއެވެ.
އައްޑޫސީޓިއަށް ކަރަންޓު ދިނުމަށް ބޭނުންކުރަމުން ގެންދިޔަ 2 މެގަވޯޓުގެ ޖަނަރޭޓަރަކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ލޯޑުބޮޑުވެ މިމަހު 20 ވަނަ ދުވަހުން ފެށިގެން އެކިސާބުން ކަރަންޓު ކެނޑެމުންދެއެވެ. އެކަން ޙައްލު ކުރުމަށް ފެނަކައިން ގެންދަނީ މަސައްކަތް ކުރަމުންނެވެ.
މިމައްސަލައަށް އޮތް ދާއިމީ ޙައްލަކީ 4 މެގަވޯޓާއި 2 މެގަވޯޓުގެ ދެ އިންޖީން ހޯދައިން އެއިން ޚިދުމަތް ދޭން ފެށުން ކަމަށް ފެނަކައިން ވަނީ ވިދާޅުވިއެވެ. އެ ދެ ޖަނަރޭޓަރު ހޯދުމުގެ މަސައްކަތް އެކުންފުނިން ދަނީ ކުރަމުންނެވެ.
އެންމެ ހޫނުގަދަވާ ވާގުތުން އައްޑޫގެ އެކި ހިސާބުތަކުން ކަރަންޓު ކެނޑޭތީ ރައްޔިތުންގެ ޝަކުވާ ވެސް ވަނީ ބޮޑުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ