ވަލު ދޮރާށިން ފަނޑިޔާރުން ވަކި ކުރުމަކީ ގާނޫނީ ހަމައެއް ނޫން: މައުމޫން

ޝަރުތު ހަމަނުވާނަމަ ފަނޑިޔާރުން މަގާމުން ވަކިކުރުމަކީ ރައްޔިތުންގެ މަޖިލީހަށް ކުރެވިދާނެކަމެއް ކަމަށާ ނަމަވެސް ވަލުދޮރާށިން ފަނޑިޔާރުން ވަކިކުރުމަކީ ގާނޫނު ދަންނަ ހަމައެއް ނޫންކަމަށް މަޝްހޫރު ޤާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.
މައުމޫން ހަމީދު ކުރައްވާފައިވާ ޓްވީޓްތަކެއްގައި ވިދާޅުވީ ފަނޑިޔާރަކު ނުވަތަ ގިނަ ފަނޑިޔާރުންތަކެއްވެސް މަގާމުން ދުރުކުރުމަކީ ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ގާނޫނީ ބާރެއްކަމަށެވެ. ނަމަވެސް ގާނޫނުން ލިބިދީފައިވާ މި ބާރު ބޭނުންކުރަން ޖެހޭނީ ގާނޫނީ އިމުގެ ތެރެއިންކަމަށްވެސް މައުމޫން ހަމީދު ވިދާޅުވިއެވެ.
މައުމޫން ހަމީދު ވިދާޅުވީ ގާނޫނުން މަޖިލީހަށް ލިބިފައިވާ ބާރުގެ ބޭނުންނުކޮށް، އެހެން ގޮތަކަށް މެންބަރުން އަމަލުކުރައްވާނަމަ އެކަމުގެ ގެއްލުން ގައުމާއި، ރައްޔިތުންނަށް ލިބިގެންދާނެކަމަށެވެ.
މައުމޫން ވިދާޅުވީ ފަނޑިޔާރުންގެ މައްސަލަ ބެލުމުގެ ފުރުސަތު ޖުޑިޝަލް ސާރވިސް ކޮމިޝަނަށް ލިބިދީފައިވާކަމަށެވެ. އަދި ފަނޑިޔާރެއްގެ ކިބައިގައި ފަނޑިޔާރުކަމުގެ ޝަރުތު ފުރިހަމަނުވާނަމަ އެ ފަނޑިޔާރަކު މަގާމުން ދުރުކުރުމަކީ މަޖިލީހަށް ކުރެވޭނެކަމެއްކަމަށާ އެކަން މަޖިލީހުން ކުރަންވެސް ޖެހޭނެކަމަށް މައުމޫން ވިދާޅުވިއެވެ.
ނަމަވެސް އެއިން ކޮންމެ ކަމަކީވެސް ގާނޫނީ އިމުގެ ތެރެއިން ނޫނީ ނުކުރެވޭނެ ކަންކަން ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ބެލުމަށް ޖޭއެސްސީ އަށް ހުށަހަޅާ ގަރާރެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާއިރު، އެއީ މަޖިލީހުން ނިންމާފައިވާ ގާނޫނާއި ޚިލާފު ނިންމުމެއްކަމަށްވެސް މައުމޫން ވިދާޅުވިއެވެ. އަދި އެފަދަ ނިންމުމަކަށް ޖޭއެސްސީން އަމަލުކުރުމަކީވެސް ގާނޫނާއި ޚިލާފުކަމަކަށް ވެގެންދާނެކަމަށް މައުމޫން ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ ވަލުދޮރާށިން ފަނޑިޔާރުން ވަކިކުރުމަކީ ގާނޫނު ދަންނަ ހަމައެއް ނޫންކަމަށެވެ.
ސުޕްރީމް ކޯޓާއި، ޖޭއެސްސީގެ ނިންމުންތައް ތަފާތުވެ ޝަރުއީ ނިޒާމުގެ ތެރޭގައި ބޮޑެތި އަރައިރުންތަކެއް އުފެދިފައިވާއިރު، ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓްގެ ނިންމުމްތައްވެސް ތަފާތުވެ އެ ދެ ބާރުގެ މެދުގައިވެސް ވަނީ ބޮޑު ނުތަނަވަސްކަމެއް އުފެދިފައެވެ.
ފަނޑިޔާރު އަބުދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ޖޭއެސްސީން ނިންމުމުން، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ވަނީ އެ ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް އަމުރުކޮށްފައެވެ. ނަމަވެސް ސުޕްރީމް ކޯޓްގެ އަމުރަކީ ގާނޫނު އަސާސީ އާއި ގާނޫނާއި ޚިލާފު އަމުރެއް ކަމަށާއި، ޖުޑީސަލް ސާވިސް ކޮމިޝަނުން ފަނޑިޔާރު ސަސްޕެންޑް ކުރުމަށް ނިންމި ނިންމުން ދެމި އޮންނާނެ ކަމަށް އެކޮމިޝަނުން ވަނީ ނިންމާފައެވެ. އަދި މަޖިލީހުންވެސް ވަނީ ޖޭއެސްސީގެ ނިންމުން ދިފާއުކޮށް ގަރާރެއް ފާސްކޮށްފައެވެ. އޭގެ ފަހުންވެސް ސުޕްރީމް ކޯޓުން ވަނީ ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ފުށުއަރާ ކޮންމެ ނިންމުމެއް ބާތިލްކަމަށް ބުނެ އަމުރެއް ނެރެފައެވެ. އޭގެ ފަހުން މަޖިލީހުން ވަނީ ސުޕްރީމް ކޯޓަށް ގޮންޖަހާ އިތުރު ގަރާރެއްވެސް ފާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ