ތަރައްގީގެ މަޝްރޫއަކަށް ކައުނުގައިވާ ދިރުންތައް ނައްތާނުލާނެ ގޮތެއް ހޯދަން ޖެހޭ: ނަޝީދު

ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާ އިރު، ކައުނުގައިވާ ދިރުންތައް ނައްތާނުލައި އެކަން ކުރެވޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހިގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ، އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާ އިރު އެ މަސައްކަތް ކުރުމަށް އެ މަގުގައި ހައްދާފައި ހުރި ގަސްތައް ކަނޑާ މައްސަލައާ ގުޅިގެންނެވެ. ނަޝީދު ވިދާޅުވީ، ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދާ އިރު ގުދުރަތީ ދިރުންތަކުގެ މަތިން ހަނދާން ކުރަން ޖެހޭ ކަމަށެވެ. އެ ގޮތުން ގަސްގަހާއި، މަސްމަހާއި، ދޫނިސޫފާސޫފި ފަދަ ތަކެތި ނައްތާ ލުމުގެ ބަދަލުގައި ދެވަނަ ވިސްނުމަކަށް ގޮސް އެހެން ގޮތެއް ހޯދަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
މާލޭގެ މަގުތައް ހެދުމުގެ މަސައްކަތުގެ ދަށުން އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރަން ފަށާފައި ވާ އިރު، އެ މަސައްކަތުގެ ތެރެއިން އެ މަގުގައި ހުރި ގަސްތައް ނަގާ މައްސަލަ ހޫނު ވެ އެކަމާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ޖަލްސާތަކެއްގައި ވެސް ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެކަމާ ގުޅިގެން އާރްޑީސީން ބުނެފައި ވަނީ އެ ގަސްތައް ގެންދާނީ ސަރުކާރުން ތަރައްގީ ކުރާ ކުޑަގިރި އަށް ކަމަށެވެ. އަދި ކުރިން އެ ގަސްތައް ނުނަގާ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައި ވީ ނަމަވެސް މިހާރު ގަސްތައް ނަގަނީ ނަރުދަމާ އާއި އެފަދަ ނެޓްވޯކްތަކުގެ ސަބަބުން ގަސްތައް ބަހައްޓައިގެން މަސައްކަތް ކުރެވެން ނެތީމާ ކަމަށް އާރްޑީސީން ވަނީ ބުނެފައެވެ. އެކަމަށް އިޝާރާތް ކުރައްވާ ނަޝީދު ވަނީ، ގަސްތައް ބަހައްޓައިގެން އަމީނީމަގު ހެދޭނެ ގޮތެއް ހޯދަން ޖެހޭނެ ކަމަށް އޭރު ވެސް ވިދާޅުވެފައެވެ.
އޭގެ ފަހުން ނަޝީދު ވަނީ އަމީނީ މަގުގައި ހުރި ގަސްތައް ނެގި މައްސަލަ ކޯޓަށް ހުށަހަޅުއްވާ ފައެވެ. ނަޝީދުގެ ފަރާތުން އެ މައްސަލަ ހުށަހެޅީ ޝުނާނާ އެންޑް ކޯ ލޯ ފާމުންނެވެ.
އެ ލޯފާމުން ބުނީ އަމީނީ މަގުގައި ހުރި ގަސްތައް ނެގުން ހުއްޓާލުމަށް އެދި މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ކޯޓަށް މައްސަލައެއް ހުށަހަޅާފައި ވާނީ ގަސްތައް ނުނަގައި މަގު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތްތައް ހުރުމާއެކު ކަމަށެވެ. އަދި އަމީނީމަގުގައި ހުރި ގަސްތައް އުފުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ވެސް ވަނީ އެދިފައެވެ.
ނަޝީދުގެ އިތުރުން އެހެން ބަެއް ފަރާތްތަކުންވެސް ގަސްތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައި ވާއިރު، އަމީނީ މަގުގައި ހުރި އޮފިއެލޭ ގަސްތަކަކީ، އެ ގަސްތަކުގެ މުލާ ހެދި މިހާރުވެސް މަގު ހަލާކުވަމުން ދާ ވައްތަރުގެ ގަސްތަކަކަށް ވާއިރު އެގަސްތައް ބަހައްޓައިގެން ތާރު އަޅައިގެން މަގު ހެދިޔަސް ލަސްތަނެއް ނުވެ މަގު ފަޅަފަޅައިގެން ދާނެ ކަމަށް މާހިރުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ