ވައިއާރްއެފްގެ "ވޯ 2"އަށް ވުރެ "އަލްފާ"އަށް ލިބެމުން އަންނަ ތަރުހީބު ބޮޑު

އިއްޔެ ސިނަމާތަކުގައި ރިލީޒްކުރި ޔަޝް ރާޖް ފިލްމްސްގެ ސްޕައި ފިލްމު "އަލްފާ" އަކީ މިދިޔަ އަހަރު ވައިއާރްއެފުން ގެނެސްދިން "ވޯ 2"އަށް ވުރެ މާބޮޑަށް ވެސް ރަނގަޅު ފިލްމެއް ކަމަށް ބެލުންތެރިންގެ ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ޝިވް ރަވައިލް ޑައިރެކްޓްކޮށް އަދިތިޔަ ޗޯޕްރާ ޕްރޮޑިއުސްކުރި ފިލްމު "އަލްފާ" އިއްޔެ ރިލީޒް ކުރިތާ މާގިނައިރުތަކެއް ނުވެ ފިލްމު ކްރިޓިކް އަދި ޓްރޭޑް އެނަލިސްޓު ތަރަން އަދަޝް ވަނީ ވައިއާރްއެފްގެ ސްޕައި ޔުނިވާސްއަށް ވަރަށް ބޮޑަށް ފާޑުކިޔައި ފިލްމަށް އެންމެ ތަރިއެއް ދީފައެވެ. އެހެންނަމަވެސް ބުކްމައިޝޯގައި ފިލްމަށް ރިވިއުދިން ގިނަ ބަޔަކު ބުނެފައި ވަނީ، މިއީ ޑައިރެކްޓަރު ޝިވް ރަވައިލްގެ އުފެއްދުންތެރިކަން ވަރަށް ބޮޑަށް ދައްކުވައިދިން ފިލްމެއް ކަމަށެވެ. ހަމައެއާއެކު ބަތަލާ އާލިއާ ބަޓް އަދި ޝަރުވަރީ ވާގްގެ ކެރެކްޓާ ގެނެސްދީފައި ވަނީ ވަރަށް ފުރިހަމައަށް ކަމަށާއި ފިލްމުގައި ގެނެސްދިން އެކްޝަން ސީންތަކަށް ވެސް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ. 'އަލްފާ'ގެ މަންޒަރެއްގައި ރިތިކް ރޯޝަން -- ފޮޓޯ/ މިޑްޑޭ ފިލްމުގައި އެކްޓަރު ރިތިކް ރޯޝަންގެ "ކަބީރު"ގެ ކެރެކްޓާގައި ހިމެނުމަކީ، "އަލްޕާ"އަށް އިތުރު ފުރިހަމަކަމެއް ގެނެސްދިން ކަމެއްގެ ގޮތުގައި ބެލުންތެރިންގެ ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ. މިފަހަކަށް އައިސް ފިލްމުތަކުން ވިލެންގެ ރޯލްއިން ފެންނަ ކުރީގެ އެކްޓަރު ބޮބީ ޑިއޯލްގެ ރޯލް ވެސް ވަރަށް ފުރިހަމަ ކަމަށާއި ބޮބީގެ ބޭނުން ފިލްމުގައި ވަރަށް ރަނގަޅަށް ހިފާފައިވާ ކަމަށް ބެލުންތެރިން ބުނެފައި ވެއެވެ. އާލިއާ ބަޓް، ޝަރުވަރީ ވާގް އަދި ބޮބީ ޑިއޯލްގެ އިތުރުން އެކްޓަރު އަނިލް ކަޕޫރު ވެސް މި ފިލްމުގެ މުހިއްމު ރޯލެއް ކުޅެފައި ވެއެވެ. އެންޑީޓީވީއިން "އަލްފާ" ރިވިއުކުރުމަށްފަހު ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ، ވައިއާރްއެފްގެ މި ސްޕައި އެކްޝަން ފިލްމުގެ މަސައްކަތަށް އޭ ތަރިއެއް ހައްގު ކަމަށެވެ. ފިލްމުގައި އެކްޝަން މަންޒަރުތަކާ އެއްވަރަށް ބެލުންތެރިން ޖަޒުބާތުގައި ޖައްސުވާލި ގިނަ މަންޒަރުތަކެއް ހިމަނާފައިވާކަން ވެސް މި ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. ސްޕައި ޔުނިވާސްގެ އެންމެ ފުރަތަމަ އަންހެން ފައިޓަރުން ފެންނަ ފިލްމު "އަލްފާ" އަކީ ނެޝަނަލް އެވޯޑު ކާމިޔާބުކޮށްފައިވާ ބަތަލާ އާލިއާ އެ ސްޓޫޑިއޯއަށް ކުޅެދިން ފުރަތަމަ ފިލްމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ