ސަރުކާރުގެ މަގުބޫލުކަން ދައްވަނީ، ރައްޔިތުންނާއި ގުޅިފައިވާ ކަންކަމަށް ފިޔަވަޅު އަޅައި އިޖްތިމާއީ ނިޒާމުތަކަށް ބަދަލު ގެންނާތީކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ޗެއާޕާސަން އިންތިހާބަށް ހަފްތާއަކަށްވެފައިވާއިރު، މިރޭ ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ދިވެހި ދައުލަތުގެ އާމްދަނީއަކީ މީގެ ކުރިންހަތް ބިލިއަން ނަމަވެސް އެ އަދަދު 40 ބިލިއަނަށް އަރައިގެން ދިޔައީ އެމްޑީޕީގެ ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ.
މިއީ ސިޔާސީ ޕާޓީ އެކުލެވޭ ނިޒާމެއްގެ ސަބަބުން ރައްޔިތުންނަށް ކުރި ބޮޑު ފައިދާއެއްގެ ގޮތުގައި ފާހަގަކުރައްވައި ރައީސް ނަޝީދު ވިދަޅުވީ، ފެހި ގާނޫނުއަސާސީގެ ދަށުން ދިވެހި ރައްޔިތުންނަށް އެތަކެއް ހައްގުތަކެއް ލިބިގެން ދިޔަކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، ޤާނޫނުއަސާސީއަށް 18 އަހަރު ފުރިފައިވާއިރު، މި މުއްދަތުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދާއި، ސިޔާސީ މަސައްކަތްތަކަށް ވެސް ކުރިއެރުން ލިބިފައިވާ ކަމަށެވެ. އެގޮތުން ރާއްޖެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން އުނިވެ، މެދުއާމްދަނީގެ ގައުމަކަށް ބަދަލުވީ މި ނިޒާމުގެ ސަބަބުންކަމަށް ވިދާޅުވި އެވެ.
ދައުލަތުގެ އާމްދަނީ އިތުރުވުމުގެ އެންމެ ބޮޑު ސިއްރަކީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު. ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، އަސާސީ ހައްގުތަކުގެ ސަބަބުން ރައްޔިތުންގެ ތަނަވަސްކަން ވެސް އިތުރުވެގެން ދިޔަ
ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެ މެދުއާމްދަނީގެ ގައުމަކަށް ވުމުން ބައިނަލްއަޤުވާމީ ކެޕިޓަލް މާކެޓުން ދަރަންޏަށް ފައިސާ ނެގުމުގެ ފުރުސަތު ހުޅުވިގެން ދިޔަ ކަމަށެވެ. އަދި ހުޅުމާލެއަކީ އެފަދަ ދަރަނިން އުފައްދާފައިވާ ބޮޑު ހަރުމުދަލެއްކަން ފާހަގަކުރައްވައި ވިދާޅުވީ އެ ދަރަނި އަނބުރާ ދެއްކުމަކީ ދައުލަތުގެ ޒިންމާއެއްކަމަށެވެ. ނަމަވެސް، ދަރަނި އަދާކުރުމަށްޓަކައި ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ނަމުގައި، ރައްޔިތުންނަށް ދިވެހި ދައުލަތެއްގެ ހައިސިއްޔަތުން ދޭ ހިދުމަތްތަކާއި އިނާޔަތްތައް ކަނޑާލުމަކީ ކަންބޮޑުވުމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފާޑުކިއުން އަމާޒު ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ގިނަ ރަށްތަކަކަށް ކުރެއްވި ދަތުރުފުޅުތަކުން ފެނިގެންދިޔައީ އެމްޑީޕީގެ ސަރުކާރުން 90 އިންސައްތަ ނިންމާފައިވާ މަޝްރޫއުތައް މަޑުޖެހިފައިވާ މަންޒަރު ކަމަށެވެ.
އިމާރާތްތަކުގެ ފުރާޅު ނުލެވި މަސައްކަތް ހުއްޓިފައި އެބަހުރި. މިއީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ދެރައެއް..
ރައީސް ނަޝީދު ވިދާޅުވީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ސަރުކާރުން އަޅާ ފިޔަވަޅުގެ އަސަރު ރައްޔިތުންނަށް ކުރާނަމަ، ރައްޔިތުން މި ސަރުކާރާއި ދެކޮޅަށް ނިކުންނާނެކަމަށެވެ. އަދި ސަރުކާރަށް ދުވަހުން ދުވަހަށް ތާއީދު ދަށްވެ، މަގުބޫލުކަން ކުޑަވަނީ އޭގެ ސަބަބުންކަމަށް ވިދާޅުވި އެވެ.
ރައީސް ނަޝީދު ވަނީ އާސަންދަ ފަދަ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތަކަށް ބަދަލު ގެނައުމަކީ އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ރައްޔިތުންނަށް ނުރައްކާވާނެ ކަމެއްގެ ގޮތުގައި ވިދާޅުވެފަ އެވެ.
އާސަންދައާއި، އިޖްތިމާއީ ނިޒާމަށް ފިޔަވަޅު އަޅާނަމަ ސަރުކާރު އިތުރަށް ބަލިކަށިވާނެ: ރައީސް ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ