މި ފަހުން ރާއްޖޭގެ ގިނަ ރަށްތަކަށް ދަތުރުކުރެއްވި އިރު ފެނިވަޑައިގަތީ، އެމްޑީޕީ ސަރުކާރުން ފަށާފައިވާ ގިނަ މަޝްރޫއުތައް ނިމެން %10 ވެފައި އޮއްވާ، ހުއްޓާލާފައި ވަނިކޮށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ތަފްސީލް - އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ ނަޝީދު މިރޭ ހުޅުމާލޭގައި ބޭއްވެވި ކެމްޕޭން ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅު ބޮޑަށް ބިނާކުރެއްވީ ރާއްޖޭގެ ދަރަނީގެ މައްސަލައަށެވެ. އެގޮތުން އިގްތިސޯދީ ގޮތުން މިހާ ބޮޑު އަނދަވަޅަކަށް ވެއްޓުނު ސަބަބާ ގުޅޭގޮތުން ދިގުކޮށް ވާހަކަ ދެއްކެވި އެވެ.
ނަޝީދު ވިދާޅުވީ، ކެމްޕޭނަށް މިދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި ރާއްޖޭގެ 70އަށް ވުރެ ގިނަ ރަށަށް ވަޑައިގެންނެވި ކަމަށެވެ. އަދި އެ ރަށްރަށުން ގިނައިން ފެނިވަޑައިގަތީ، އެމްޑީޕީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް، %90 ނިމިފައިވަނިކޮށް ހުއްޓާލާފައިވާތީ ކަމަށް ވިދާޅުވި އެވެ.
"ނަރުދަމާތައް އެބަހުރި ޖަންކްޝަންތަކުގައި މަތިއަޅާފައި. ކަރަންޓު ނަރުތައް އެބަހުރި ގޭގޭގެ ފާރުތަކުގެ މައްޗަށް ދިއްވެފައި. އިމާރާތްތައް އެބަހުރި ހަދަން ފަށައި، ފައިދަށްތައް އަޅައި ހިޔާނުކޮށް. ތަންތަން އެބަހުރި ސިމެންތި ޖަހާފައި ދޮރުތައް ނުބަހައްޓައި ކުލަ ނުލައި،" ރަށްރަށުން ފެނުނު މަންޒަރުތައް ސިފަކޮށްދެއްވަމުން ނަޝީދު ވިދާޅުވި އެވެ.
"ކަންކަން އެބަހުރި ފަށާފައި ނުނިންމާ. މިއީ ވަރަށް ބޮޑު ގެއްލުމެއް."
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ ދަރަނި އަދާކުރުމަށް، ނެގި ދަރަނިތައް ބާކީކޮށްލައި، ނޫނީ ބޭކާރުކޮށްލައިފި ނަމަ ދެން ދިމާވާނެ ދަތުރު މާ ނުރައްކަލެވެ.
ނަޝީދު ވަނީ އެމަނިކުފާނު ވެރިކަމުގައި އެކަން ހިނގި ގޮތް ކިޔައިދެއްވާފަ އެވެ.
އެގޮތުން:
2008 ވަނަ އަހަރު އެމްޑީޕީން ފުރަތަމަ ވެރިކަމާ ހަވާލުވި އިރު، ސުނާމީއަށް ފަހު ފަށައި އަދި ނުނިމި 32 މަޝްރޫއުއެއް އޮތް
ވެރިކަމަށް ވަޑައިގެން އެމަނިކުފާނު ފުރަތަމަ އިސްކަން ދެއްވީ އެ މަޝްރޫއުތައް ނިންމަން
އަދި "ދަގަނޑުތަކުގައި ދަބަރު ޖަހައި،" ނުނިންމޭނެހެން ހީވާ މަޝްރޫއުތަކުގައި މަތިޖަހަން
ރާއްޖޭގެ އިގްތިސޯދީ ހާލަތު ރަނގަޅު ނުކޮށްފި ނަމަ ދެން ވާނެ ގޮތް އަންދާޒާ ކުރައްވައި ނަޝީދު ވިދާޅުވީ، "މި ހުރިހާ ކުލަބޮކިތަކާއި މި ހުރިހާ ބިއްލޫރިތަކާއި ކޮންކްރީޓްތައް" އިސާހިތަކު ބީވެ ހިނގައިދާނެ ކަމަށެވެ. އަދި ބުއްދިވެރިކަމާ އެކު އެކަން ނުކޮށްފި ނަމަ ރާއްޖެ ސަލާމަތެއް ނުވާނެ ކަމަށް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އެ މަނިކުފާނު އެމްޑީޕީގެ ޗެއާޕާސަންކަމަށް ނުކުމެ ވަޑައިގެން ހުންނެވީ، ބަދަލުވަމުންދާ ދުނިޔެއެއްގައި، ރާއްޖެއިން ސާބިތުކަމާ އެކު ފައިހަރުކޮށް، ދިވެހިންނަކީ ގަދަރުވެރި އަދި މި ސަރަހައްދާއި ދުނިޔެއަށް ވެސް ފެންނާނެ ބަޔަކަށް ހެދުމަށެވެ.
"އެހެންވެ، މި މަގާމަށް އަޅުގަނޑު ހޮވައިދިނުމަށް އެދެން،" ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީ ސަރުކާރުގެ ގިނަ މަޝްރޫއުތައް މި ސަރުކާރުން ހުއްޓާލީ %10 ބާކީ އޮއްވާ: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ