ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެނަށް“ ސްކީމްގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލާފައިވާ ފުރުސަތު ރޭ ހަމަވެއްޖެއެވެ.
ރޭ 23:59ގައި މުއްދަތު ހަމަވާން ކުޑަ އިރުކޮޅަކަށް ވެފައި ވަނިކޮށް ފޯމު ހުށަހަޅާ ޕޯޓަލްގެ ހިދުމަތް މެދުކެނޑި، ފަހު ވަގުތު ފޯމު ލާން މަސައްކަތް ކުރަމުންދިޔަ ގިނަ ބަޔަކަށް ދަތިތަކެއް ކުރިމަތިވިއެވެ. ހައުސިން މިނިސްޓްރީން ބުނީ ހިދުމަތް މެދުކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ.
މައްސަލަ ހައްލުކޮށް ފޯމު ހުށަހެޅޭ މުއްދަތު އިތުރު ދެ ގަޑިއިރަށް ދަންމާލަން ވެސް ހައުސިން މިނިސްޓްރީން ރޭ ނިންމިއެވެ. އެއާއެކު ބޯހިޔާވަހިކަަމަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވީ ރޭ ދަންވަރު 2:00ގައެވެ.
މި މަޝްރޫއަކީ ރާއްޖޭގައި ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި އަމާޒަކީ ބޯހިޔާވަހިކަން ބޭނުންވެފައިވާ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ފުރުސަތުތައް ފަހިކޮށްދިނުމެވެ.
ފްލެޓުތައް ދިނުމުގައި 15 ކެޓަގަރީއެއް ވަނީ ކަނޑައަޅައިފައެވެ. މި 15 ކެޓަގަރީގެ އިތުރުން މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓު އަދި މާލޭގައި ރަށްވެހިފައިނުވާ، މާލޭގައި ދިރިއުޅޭ ފަރާތްތަކަށް 1،500 ފްލެޓު ކަނޑައަޅާފައިވެއެވެ.
މި 4،000 ފްލެޓުގެ ތެރެއިން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 2،200 ފްލެޓު، ވިލިމާލޭގެ ގެއެއްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 300 ފްލެޓު މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 1،000 ފްލެޓު އަދި ފަހުން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 500 ފްލެޓު ވަނީ ކަނޑައަޅައިފައެވެ.
ކެޓަގަރީ 1، މާލޭ ރަށްވެހިންނަށް އަދި ހާއްސަ އިސްކަންދެވޭ ކެޓަގަރީތަކަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގްރޭޓަ މާލޭ ސަރަހައްދުންނާއި ރަސްމާލެއިންނެވެ. އަދި ކެޓަގަރީ 2، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޫކުރަން ހަމަޖެހިފައިވަނީ ރަސްމާލެއިންނެވެ.
އެގޮތުން މާލޭގެ ރަށްވެހިންގެ ކެޓަގަރީން 10000 ގޯތި އަދި މާލޭގެ ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންގެ ކެޓަގަރީއިން 3000 ގޯތި ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް 500 ގޯތި އަދި މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުންނާއި އަދި އެ ބިމެއް ތަރައްގީކުރުމަށް ދަތިވާ ގޯތިތަކާ ލާޖައްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1،500 ގޯތި ވަނީ ކަނޑައަޅައިފައެވެ.
ބޯހިޔާވަހިކަމަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ