ސޯލާ ޕްރޮޖެކްޓާއެކު ކަރަންޓު ބިލަށް ބޮޑެތި ލުއިތަކެއް ލިބިދެވޭނެ: ސްޓެލްކޯ އެމްޑީ

މެގަވޮޓްގެ ސޯލާ ޕްރޮޖެކްޓުގެ ދަށުން ގާއިމުކުރެވޭ ނިޒާމު ސްޓެލްކޯގެ ގްރިޑާއި ގުޅުވާލެވުމުން ކަސްޓަމަރުންނަށް ބޮޑެތި ލުއިތަކެއް ދިނުމަށް މަގުފަހިވެގެންދާނެ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވި ގޮތުގައި، ރާއްޖޭގައި އުފައްދާ ޖުމުލަ ހަކަތައިގެ 33 އިންސައްތަ އިޔާދަކުރަނިވި އުސޫލުން ސޯލާ މެދުވެރިކޮށް އުފެއްދުމަކީ ރައީސްގެ ވައުދުފުޅެކެވެ. މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި 150 މެގަވޯޓްގެ ސޯލާ ޕްރޮޖެކްޓެއް މިހާރުދަނީ ކުރިއަށެވެ.
”މި ހަކަތައިގެ ނިޒާމު ސްޓެލްކޯގެ ގްރިޑާއި ގުޅުވާލެވިއްޖެނަމަ، ހެނދުނު 9:00 އިން ހަވީރު 16:00 އަށް ޖެނެރޭޓަރުތައް ނިއްވާލެވޭނެ. މިއީ ދުވާލަކު 6 ގަޑިއިރު ވަރު ޖެނެރޭޓަރުތައް ނިއްވާލެވޭނެ ކަމެއް،“ ފަހުމީ ވިދާޅުވިއެވެ.
ސްޓެލްކޯގެ މިހާރުގެ ކެޕޭސިޓީއަކީ 132 މެގަވޯޓް ކަމަށް އަންދާޒާކުރެވޭއިރު، 150 މެގަވޯޓްގެ ހަކަތަ ސޯލާ މެދުވެރިކޮށް ލިބުމުން، އެއީ ކުންފުންޏަށް ވަރަށް ބޮޑު ސޭވިންގްއެއް ކަމަށް ފަހުމީ ފާހަގަކުރެއްވިއެވެ. މި ސޭވިންގްތައް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދެވޭނެ ކަމަށާއި، މީގެ ސަބަބުން ރައްޔިތުންނަށް ދޭ ޚިދުމަތްތަކުގެ އަގު ދަށްކޮށް، އަތްފޯރާ ފަށުގައި ޚިދުމަތް ދިނުމަށް މަގުފަހިވެގެންދާނެއެވެ.
މި ނިޒާމަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް އޮތް އަހަރު ތެރޭގައި ހުރިހާ ކަސްޓަމަރުންގެ ގޭގައި ސްމާޓް މީޓަރު ހަރުކޮށް، ޚިދުމަތް އިތުރަށް ހަރުދަނާކުރެވޭނެ ކަމަށް ފަހުމީ ވިދާޅުވިއެވެ. މީގެ ސަބަބުން މީޓަރު ހިނގަމުންދާ ގޮތުގެ މަޢުލޫމާތު ފޯނުން ބަލާލެވޭނެ ކަމަށާއި، ޚިދުމަތްތަކަށް ބޮޑެތި ބަދަލުތައް ގެނައުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށްވެސް އެމްޑީ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ