ސުޕްރީމް ކޯޓު ހިންގޭނެ ގޮތެއް ހޯދުމަށް އިބްރާ ހައިކޯޓަށް!

ސުޕްރީމް ކޯޓު ހިންގޭނެ ގޮތެއް ހޯދައި ދިނުމަށް އެދި ހައި ކޯޓަށް މައްސަލައެއް ހުށައަޅާފައިވާ ކަމަށް  އާ ގާނޫނުއަސާސީ ޑްރާފްޓުކުރި ކޮމިޓީގެ މުގައްރިރުކަން ކުރެއްވި ސިޔާސީ ދާއިރާގެ ތަޖުރިބާކާރު އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެއެވެ.
އިބްރާހިމް އިސްމާއިލް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުން ސަސްޕެންޑް ކުރުމަކީ އެކޯޓުގައި ތަޅުއެޅުވުން ކަމަށެވެ. އަދި  ކުއްލި ނުރައްކަލުގެ ޙާލަތު މާދަމާ އިޢުލާނު ކުރިއަސް، ރައްޔިތުންގެ ޙައްޤުތައް ގެއްލޭނެ ކަމަށާއި ގާނޫނުއަސާސީގެ ބާރު ދިޔައީ ކަމަށެވެ. އޭނާ ވިދާޅުވީ އެހެންކަމުން ސުޕްރީމް ކޯޓު ހިންގޭނޭ ގޮތެއް ހޯދައިދިނުމަށް އެދި ހައި ކޯޓަށް މައްސަލަ ހުށަހަޅައިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ސިޔާސީ ކަންކަމަށް ޙައްލު ހޯދާނީ ސިޔާސީ ދާއިރާއިން ކަމަށާއި އެއީ ޤާނޫނުއަސާސީއާ ޖުޑިޝަރީ އުވާލައިގެން ކުރާނެ ކަމެއް ނޫން ކަމަށެވެ.
އިބްރާހީމް އިސްމާއިލް މިހެން ވިދާޅުވެފައިވާއިރު ރައްޔިތުންގެ މަޖިލީހަށް ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރުމަށް ބިލެއް ހުށައަޅައި އެބިލު ވަނީ ކޮމިޓީ މަރުހަލާއިންވެސް ފާސްކޮށްފައެވެ. މި ބިލު މަޖިލީހަށް ހުށައެޅުމާއެކު އިދިކޮޅު އެކި ބޭފުޅުންގެ ކަންބޮޑުވުންތަކެއް ހުއްޓެވެވެ. މިހާރު ކޯޓުތަކުގެ ޤާނޫނު އޮންނަގޮތް އިސްލާޙުކޮށް، ސުޕްރީމް ކޯޓު އެކުލެވިގެންވާނީ އުއްތަމަފަނޑިޔާރާއެކު އެ ކޯޓަށް އައްޔަނު ކުރެވިފައިވާ ޖުމުލަ 5 ފަނޑިޔާރުންގެ މައްޗަށް ކަމަށާއި، އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޖުމުލަ އަދަދު ވާންޖެހޭނީ އޮނަހިރި އަދަދަކަށްކަމަށް ކަނޑައެޅުމަށް އެ ބިލުގައި ވަނީ ހިމަނާފައެވެ.
މީގެ އިތުރުން، ސުޕްރީމް ކޯޓަށް އައްޔަނު ކޮށްފައިވާ ފަނޑިޔާރަކު އޭނާގެ މަޤާމުން ވަކި ކުރެވޭނީ ފަނޑިޔާރުކަމުގެ މަޤާމަށް އެމީހަކު ޤާބިލު ނޫންކަމަށް ޖޭއެސްސީއަށް ޤަބޫލު ކުރެވިގެން، އެ ފަނޑިޔާރަކު ވަކި ކުރުމަށް މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުން ފާސްވުމުންކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.
އެގޮތުގެ މަތިން ވަކި ކުރާނެ ފަނޑިޔާރުންގެ ނަންތައް ގާނޫނަށް އަމަލު ކުރަންފަށާތާ ފަސް ދުވަހުގެ ތެރޭގައި ޖޭއެސްސީން މަޖިލީހަށް ފޮނުވަންޖެހޭނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ. އެއަށްފަހު 7 ދުވަހުގެ ތެރޭގައި ފަނޑިޔާރުން ވަކި ކުރުމާމެދު ރައްޔިތުންގެ މަޖިލީހުން ގޮތް ނިންމަންޖެހެއެވެ.އަދި މި މުއްދަތުގެ ތެރޭގައި މަސައްކަތްތައް ނިންމުމަށް އެކަންކަމާ ގުޅިގެން ޤާނޫނާއި ޤަވާއިދުތަކުގައި ބަޔާންކޮށްފައިވާ މުއްދަތުތަކާއި އިޖުރާއަތުތަކަށް އިސްތިސްނާއެއް ދިނުމުގެ ބާރު ޖޭއެސްސީއަށް އަދި މަޖިލީހަށް ލިބިގެންވާނެކަމަށްވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.
ބިލު ފާސްކުރިތާ މާ ގިނައިރުތަކެއް ނުވެ، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ފެންމަތިކޮށް ޖޭއެސްސީން ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު ހުސްނުއް ސުއޫދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރު ސަސްޕެންޑު ކުރިއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅުވައި ތިން ފަނޑިޔާރުން ސަސްޕެންޑު ކުރުމާއި އެކު ފުލް ބެންޗުން ބަލަމުން ދާ ގޮނޑީގެއް މައްސަލައިގެ އިސްލާހުގެ ގޮތެއް ނިންމުން ކެންސަލް ކުރިއެވެ. އެ ފަނޑިޔާރުން ސަސްޕެންޑު ކޮށްފައިވާކަން ޖޭއެސްސީން ސުޕްރީމް ކޯޓަށް އަންގާފައިވަނީ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އެގޮތުން ”ސަންގަށް“ ކަށަވަރު ކުރެވިފައިވާ ގޮތުގައި ޖޭއެސްސީން ސުޕްރީމް ކޯޓަށް އަންގާފައިވަނީ އެ ފަނޑިޔާރުންނާ ގުޅޭ ޖިނާއީ ތަހުގީގެއް ކުރަމުންދާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ޖޭއެސްސީއަށް އަންގާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ