އައްޑޫއަކީ އިޤްތިޞާދީ ބޮޑު މަރުކަޒަކަށް ހެދޭނެ: މުޝްރިފް އަލީ

އައްޑޫ ސިޓީގެ ރައްޔިތުންގެ ކިބައިގައި ހުރި ގާބިލިއްޔަތުކަމާއި ފުރުސަތުތަކުގެ ބޭނުން ފުރިހަމައަށް ހިފައިފިނަމަ، އައްޑޫއަކީ އިގްތިސާދީ ކުރިއެރުމުގެ ބޮޑު މަރުކަޒަކަށް ވުމުގެ ފުރުސަތު އެބައޮތް ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި އައްޑޫ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް މުޝްރިފް އަލީ ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި ”ގްރޭޓަރ އައްޑޫ“ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން މުޝްރިފް ވަނީ އައްޑޫ ރައްޔިތުންގެ ހީވާގިކަމާއި މަސައްކަތްތެރިކަމަށް ތައުރީފު ކުރައްވާފައެވެ. އޭނާ ވިދާޅުވީ އައްޑޫ ސިޓީގެ ރައްޔިތުންނަކީ ތަފާތު އެކި ދާއިރާތަކުން ކާމިޔާބީ ހޯދުމުގެ ގާބިލިއްޔަތުކަން ހުރި، މަސައްކަތަށް ކެރޭ ބައެއް ކަމަށެވެ.
މުޝްރިފް ފާހަގަކުރެއްވި ގޮތުގައި އައްޑޫގެ ރައްޔިތުން އަންނަނީ ޒަމާނުއްސުރެ ސަރުކާރުގެ އެކި ފަންތިތަކުގައާއި އެކި ސިނާއަތްތަކުގައި ގައުމަށް އަގުނުކުރެވޭ ފަދަ ޚިދުމަތްތަކެއް ކުރަމުންނެވެ.
ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި އައްޑޫ ރައްޔިތުން ހޯދަމުންދާ ފަދަ ކާމިޔާބީތައް އައްޑޫ ސިޓީގެ ތެރޭގައި ނުހޯދެންވީ ސަބަބާއި މެދު އޭނާ ސުވާލު އުފެއްދެވިއެވެ.
 ”އައްޑޫގެ ރައްޔިތުންނަށް ރާއްޖޭގެ އެހެން ސަރަހައްދުތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކާމިޔާބީ ހޯދޭނަމަ، އެ ހަކަތައާއި އެ ސާބިތުކަން އައްޑޫއަށް އަނބުރާ ގެނެސްފިނަމަ އައްޑޫ ވާނެ މޮޅު ގޮތް ތަސައްވަރުކޮށްލައްވާ“ މުޝްރިފް ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން މުޝްރިފް ވިދާޅުވީ އައްޑޫގެ ކުރިމަގުގެ ތަރައްގީއަށް، ޚާއްޞަކޮށް ފަތުރުވެރިކަމާއި ޓެކްނޮލޮޖީގެ ދާއިރާއިން ތައްޔާރުވަމުންދާ ކަމަށެވެ. އިންޑިއާ ކަނޑުގެ ވިޔަފާރިތައް ހަލުވިކަމާއެކު ބަދަލުވަމުންދާކަން ފާހަގަކުރައްވައި، އައްޑޫއަކީ އެ ބަދަލުތަކުގައި ބައިވެރިވާން ތައްޔާރުވެފައި އޮތް ތަނަކަށް ވާންޖެހޭނެ ކަމަށާއި، އައްޑޫއަކީ ޒަމާނުއްސުރެ އިންޑިއާ ކަނޑުގެ ވިޔަފާރީގެ މުހިންމު ގުޅުވައިދޭ މަރުކަޒެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ހަމައެކަނި ގުދުރަތީ ގޮތުން ލިބިފައިވާ ފުރުސަތުތަކުން ފުދެން ނެތްކަމަށާއި، ތަރައްގީ އަންނާނީ އައު ޚިޔާލުތަކަށް ހުޅުވާލެވި، އިންވެސްޓްމަންޓްތަކަށް މަރުހަބާ ކިޔައި، ތަރައްގީއަށް މަގުފަހިވާނެ މާހައުލެއް ގާއިމުކޮށްގެން ކަމަށް މުޝްރިފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ގްރޭޓަރ އައްޑޫގެ ތަސައްވަރު ބިނާވެފައިވަނީ އައު އީޖާދުތަކަށް ހުޅުވާލެވުމާއި، އިންވެސްޓްމަންޓާއި އެއްބާރުލުންދިނުމުގެ އުސޫލުތަކުގެ މައްޗަށް ކަމަށެވެ.
މުޝްރިފްގެ ވާހަކަ ނިންމަވާލެއްވީ ވަރުގަދަ އައްޑޫއެއް ބިނާކުރުމަކީ މުޅި ރާއްޖޭގެ އިގްތިސާދަށް ކުރިއެރުން ލިބި، ދެކުނުގެ ސަރަހައްދު ވަރުގަދަވެގެންދާނެ ކަމެއްކަން ފާހަގަކުރައްވަމުންނެވެ. ސިޓީއެއްގެ ހަގީގީ މާނައަކީ އެތަނުގެ ރައްޔިތުންނަށް، ޚާއްޞަކޮށް ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުން ކަމަށާއި، އެންމެން އެއްލަނޑުދަނޑިއަކަށް މަސައްކަތްކޮށްފިނަމަ އައްޑޫއަކީ ތަރައްގީގެ އައު އުސްމިންތަކަކަށް ވާސިލުވުމުގެ ގާބިލިއްޔަތު ހުރި ސިޓީއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ