ބައްޕަ ސަލީމް ޚާންގެ ލަފާ ކަންކަމުގައި އަދިވެސް ހޯދާކަމަށް ސަލްމާން ބުނެފި
ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާން އަކީ ހިންދީ ފިލްމީ ސިނާއަތުގައި ހުރި އެންމެ ނުފޫޒުގަދަ އެއް ފަންނާނު ކަމަށްވީ ނަމަވެސް، އޭނާގެ ކެރިއަރުގެ މުހިންމު ނިންމުންތައް ނިންމުމުގައި އަދިވެސް ބަރޯސާ ވަނީ ބައްޕަ ސަލީމް ޚާންގެ އިރުޝާދާއި ލަފާގެ މައްޗަށް ކަމަށް އެކްޓަރު ބުނެފިއެވެ. ސަލްމާންގެ ކުރިއަށް ހުރި އާ މަޝްރޫއުތަކާ ގުޅޭގޮތުން ވާހަކަދައްކަމުން ތަޖުރިބާކާރު އެކްޓަރު ވަނީ ބައްޕައާ އޮންނަ ގާތް ގުޅުމާއި، ފިލްމީ ސްކްރިޕްޓްތަކާ މެދު ގެންގުޅޭ ވިސްނުމުގެ އިތުރުން، މި ދާއިރާގައި ދިގު މުއްދަތަކަށް ދެމިހުރުމަށް ސަލްމާން ގެންގުޅޭ އުސޫލުތައް އާއްމުންނާ ހިއްސާކޮށްފައެވެ. އިންޑިއާގައި ނެރޭ ނޫސް މަޖައްލާ 'ވެރައިޓީ އިންޑިއާ'އަށް ދިން ބަސްދީގަތުމެއްގައި ސަލްމާން ހާމަކުރި ގޮތުގައި، މިއަދުވެސް އޭނާއަށް އެންމެ އިތުބާރު ހުރި އިރުޝާދެއް ލިބެނީ ބައްޕަގެ ފަރާތުންނެވެ. "އަހަރެންގެ ބައްޕަ. މިއަދުވެސް ކަމަކާ މެދު އޮޅުން އަރާނަމަ، އަބަދުވެސް ބައްޕަގެ ލަފާ ހޯދަން. ބައްޕަ ބުނި ކޮންމެ ކަމެއް އަހަރެން ކުރަން. އާންމުކޮށް މީހުން އެހެން މީހުންގެ ގާތަށް ލަފާ ހޯދަން ދަނީ އެމީހުން ކުރަން ބޭނުންވާ ކަމެއް ކުރުމުގެ ކުރިން، އެކަމަކު އަހަރެންގެ ކަންތައް ހުންނަނީ އެހެންނެއް ނޫން،" ސަލްމާން ބުންޏެވެ. މީގެ އިތުރުން، އެތައް އަހަރެއް ވަންދެން ސަލްމާންގެ މަގުބޫލުކަން ދެމެހެއްޓުނު ސަބަބާ ގުޅޭގޮތުން ވާހަކަދައްކަމުން އެކްޓަރު ބުނީ، އެއީ ކިހިނެއް ވާކަމެއްކަން ސީދާ ބުނަން ނޭނގޭ ކަމަށެވެ. ސަލީމް ޚާންގެ ފުރަތަމަ ކައިވެންޏަށް ލިބުނު ހަތަރު ކުދިންނާ އެކު--ފޮޓޯ/އިންޑިއާޓުޑޭ "މީހުން ބުނެފާނެ ބުރަ މަސައްކަތާއި، ޑިސިޕްލިންއާއި، ދިރިއުޅުމުގެ އާދަކާދައިގެ ވާހަކަ. އެކަމަކު ސަޕޯޓަރުންނަށް ކަމުދާނީ ކޮން ކަމެއް ކަމެއް އަބަދަކު ނޭނގޭނެ. އަހަރެން ގަބޫލުކުރަނީ ކަމެއް ކުރާއިރު އެކަމަކީ އަޚްލާގީ ގޮތުންނާއި، އުސޫލީ ގޮތުން އަދި ޖަޒުބާތީ ގޮތުން ރަނގަޅު ކަމަކަށް ވާންޖެހޭނެ ކަމަށް. އަދި މިހާރު ސިޔާސީ ގޮތުންވެސް،" ސަލްމާން އިތުރަށް ބުންޏެވެ. ފިލްމުތައް އިޚްތިޔާރު ކުރުމުގައި ސަލްމާން ގެންގުޅޭ ތަފާތު އުސޫލާ ގުޅޭގޮތުން ވާހަކަ ދައްކަމުން އުމުރުން 60 އަހަރުގެ އެކްޓަރު ބުނީ، މުޅި ހަޔާތުގައިވެސް ފިލްމެއްގެ ސްކްރިޕްޓް ކިޔާލާފައި ނުވާނެ ކަމަށެވެ. "އަހަރެން ސްކްރިޕްޓްތައް ލިޔުނިން، އެކަމަކު ދުވަހަކުވެސް ކިޔައެއް ނުލަން. އަހަރެން އަބަދުވެސް ބޭނުންވަނީ ސްކްރިޕްޓް އަޑުއަހަން. އެއީ ކިޔަން ފަށާއިރު ތިންވަނަ ފޮޅުވަތަށް ދާއިރު ސިކުނޑި އޮންނަނީ ފަސްވަނަ ފޮޅުވަތަށް ގޮސްފައި ކަމަށްވާތީ. އަހަރެން އިސްކަންދެނީ ލިޔުންތެރިޔާ ނުވަތަ ޑައިރެކްޓަރުގެ ފަރާތުން ސްކްރިޕްޓް އަޑުއަހަން. އޭރުން އޭނާ އެ އުފައްދަނީ ކޮންކަހަލަ ފިލްމެއްކަމާއި އޭނާގެ ތަސައްވުރަކީ ކޮބައިކަން އެނގޭނެ. ނޫންނަމަ އަހަރެން އަމިއްލައަށް ކިޔައިފިނަމަ، އަހަރެން އެ ފިލްމު އުފައްދާނެ ގޮތުގެ ތަސައްވުރާ ޑައިރެކްޓަރުގެ ވިސްނުމާ ފުށުއަރާފާނެ" ސަލްމާން ކިޔައިދިނެވެ. ސަލްމާން ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަހަރުގެ އޮގަސްޓް މަހު ރިލީޒްކުރާނެ ކަމަށް ބެލެވޭ ފިލްމު "މާތުރޫބޫމީ: މޭ ވޯ ރެސްޓް އިން ޕީސް"އިންނެވެ. ކުރިން "ބެޓްލް އޮފް ގަލްވާން"ގެ ނަމުގައި އިއުލާންކުރި މި ފިލްމަށް މިހާރު ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ސަލްމާން ޚާން ފިލްމްސްގެ ބެނާގެ ދަށުން ސަލްމާ ޚާން ޕްރޮޑިއުސްކޮށް، އަޕޫރްވާ ލަކިއާ ޑައިރެކްޓްކުރާ މި ފިލްމުގައި ސަލްމާން ކުޅެނީ އިންޑިއާ އަސްކަރިއްޔާގެ ކާނަލްއެއްގެ ރޯލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ