މޭރީ މަރާލިކަން އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ސާބިތުވެއްޖެ

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރާލި މައްސަލާގައި އޭނާގެ ފިރިމީހާ މާވިން (މިހާރުގެ ނަމުން ޔޫސުފް) ގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ. 
މާވިންގެ މައްޗަށް ދައުލަތުން ދައުވާކުރީ އޮކްޓޫބަރު، 2021 ގައި އޭނާގެ އަނބިމީހާ މޭރީއަށް ހަމަލާދީ މަރާލި ކަމަށް ބުނެ އެވެ.
މޭރީ ދަންޖެހިގެން މަރުވީ ކަމަށް ބުނެ އޭނާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، ފުލުހުންގެ ތަހުގީގަށްފަހު، މޭރީ މަރާލީ މާވިން ކަމަށް ދައުލަތުން ތުހުމަތުކުރި އެވެ.
އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި މަޖިލީހުގައި ހުކުމް އިއްވަވަމުން، އެ މައްސަލަ ބައްލަވާ ގާޒީ މުޒައްމިލް ނާޒިމް ވިދާޅުވީ މޭރީ މަރުވީ ދަންޖެހިގެން ކަމަށް ބެލެވޭނެ އެއްވެސް ނިޝާނެއް ނެތް ކަމަށް އޭނާއަށް ފަރުވާދިން ޑޮކްޓަރުންގެ ހެކިބަހުގައި ބުނެފައިވާ ކަމަށެވެ. އަދި އޭނާ މަރުވީ ބޮލަށް ދިން ހަމަލާތަކުގެ ސަބަބުން ކަމަށް ޕޯސްޓްމޯޓަމް ރިޕޯޓުގައިވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. 
ގާޒީ ވިދާޅުވީ މޭރީއަށް ހަމަލާދިން މަންޒަރު ފެނުނު އެއްވެސް މީހަކު ނެތް ނަމަވެސް އޭނާ ދިރިހުއްޓާ އެންމެފަހުން ފެނުނީ އޭނާ ދިރިއުޅުނު ގެއަށް ވަންނަނިކޮށް ކަމަށެވެ. އަދި އޭރު މާވިން ވެސް އެ ގޭގައި ހުރިކަން ހެކިތަކުން އެނގޭއިރު، މޭރީ މަރުވީ ދަންޖެހިގެން ކަމަށް ބުނެ މާވިން ދެއްކި ވާހަކަތަކަކީ ހަގީގަތް އޮޅުވާލައިގެން ދެއްކި ދޮގު ވާހަކަތަކެއް ކަމަށް ބެލެވޭ ކަމަށް ގާޒީ މުޒައްމިލް ވިދާޅުވި އެވެ. 
ގާޒީ ވިދާޅުވި ގޮތުގައި މީހަކު ހާސްކޮށްލާނެ ގޮތުގެ ފޮޓޯތަކެއް މާވިންގެ ފޯނުން ފެނިފައިވާއިރު، އެފަދަ ފޮޓޯތަކެއް ހުންނަންޖެހޭ ސަބަބެއް މާވިންއަށް ބުނެދެވިފައެއް ނުވެ އެވެ. އަދި އެ މައްސަލާގައި ލިބިފައިވާ ހެކިތައް ހުރީ މާވިންއާ ދެކޮޅަށް ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. 
ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުންތަކާ ހަވާލާ ދެއްވައި، މަރުވި މީހާއާ އެކު އެންމެފަހުން އުޅުނު މީހަކީ ގާތިލް ކަމަށް، ގުޅުވާލެވޭ ހެކިތަކުގެ މައްޗަށް ބިނާކޮށް ނިންމިދާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި މޭރީ އެންމެފަހުން ދިރިހުއްޓާ ފެނުނީ މާވިންއާ އެކު ކަން ހެކިތަކުން އެނގޭތީ، ގުޅުވާލެވޭ ހެކިތަކުގެ މައްޗަށް ބަލާއިރު މޭރީ މަރާލީ މާވިން ކަމަށް ބަލަންޖެހޭ ކަމަށް ގާޒީ ވިދާޅުވި އެވެ.  
އެހެންވެ، މާވިންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމީ ކަމަށް ގާޒީ ވިދާޅުވި އެވެ. 
އަދަބާ ބެހޭގޮތުން ވާހަކަ ދައްކަން ފުރުސަތު ދިނުމުން މާވިންގެ ވަކީލް އެދުނީ ދިރާސާ ކުރުމަށް ފަހު އަދަބާ ބެހޭގޮތުން ވާހަކަ ދައްކަން ފުރުސަތު ދިނުމަށެވެ. އެހެންވެ، ގާޒީ ވަނީ އެ ފުރުސަތު ދެއްވައިފަ އެވެ.
އެ މައްސަލާގައި އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމާއި އަދަބު ކަނޑައެޅުން އަންނަ މަހުގެ ފުރަތަމަ ދުވަހު ބާއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. 
އެ މައްސަލާގައި މާވިންގެ އިތުރުން ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށް ވެސް ދައުވާކުރެ އެވެ. ލަމްހާއަށް ދައުވާކުރީ މާވިންއާ ލޯބީގެ ގޮތުން ގުޅިގެން އުޅެމުން، މޭރީ މަރާލުމުގައި ބައިވެރިވި ކަމަށް ބުނެ އެވެ. ނަމަވެސް އޭނާގެ ބަޔާ މެދު މިހާތަނަށް ގޮތެއް ނުނިންމަ އެވެ. 
އެ މައްސަލާގައި ބަންދުގައި ހުއްޓާ މާވިން ވަނީ އިސްލާމްވެ، އޭނާގެ ނަން ޔޫސުފްގެ ނަމަށް ބަދަލުކޮށްފަ އެވެ. 
އެ މައްސަލާގައި އޮކްޓޫބަރު، 2021 ގައި މާވިން އާއި ލަމްހާ ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރި އެވެ. އަދި ފަހުން ކްރިމިނަލް ކޯޓުން ލަމްހާ އެކިފަހަރު މަތިން ބަންދުން ދޫކުރި ނަމަވެސް ހައި ކޯޓުން ފަހުން ވަނީ ލަމްހާ ބަންދުކުރަން އަމުރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ