އޭޕްރީލް، 2025، ގައި ރައީސް މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރަށް ހަރަދު ކުރި އަމިއްލަ ފަރާތުގެ ތަފުސީލު ނުހިމަނައި ރައީސް އޮފީހުގެ މާލީ ބަޔާން އިއްޔެ އާންމުކޮށްފި އެވެ.
އޭޕްރީލް 1، 2025، އިން އޭޕްރީލް 5، 2025، އަށް މުއިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރަށް ދިޔަ ހަރަދުގެ ބޮޑު ބައި ހަމަޖެއްސީ އަމިއްލަ ފަރާތަކުން ކަމަށް އިއުތިރާފުވެވަޑައިގެންނެވީ މުއިއްޒު އެވެ. ނަމަވެސް ހަރަދު ކުރި މީހާ ނުވަތަ ކުންފުނި އެއިރު ވެސް މުއިއްޒު ސިއްރު ކުރެއްވި އެވެ.
ރައީސް އޮފީހުން އިއްޔެ އާންމު ކުރި މާލީ ބަޔާނުގައި ބުނެފައިވާ ގޮތުން އެ އޮފީހުގެ "ލާބަ އާއި މަންފާއަށް" ތިން ވަނަ ފަރާތަކުން އެއްވެސް ހަރަދެއް ކޮށްފައެއް ނުވެ އެވެ.
ރައީސްއަށް ހަރަދު ކުރި ގޮތް ނޭނގޭ އަމިއްލަ ފަރާތަކީ ކޮބައިތޯ ހޯދަން އަދަދު އިން މީގެ ކުރިން ރައީސް އޮފީހަށް ގުޅުމުން އެކަމަށް ކޮމެންޓެއް ކުރަން ވަނީ ދެކޮޅު ހަދައިފަ އެވެ. މި ނޫހުން ގުޅުމުން އަދި މެސެޖު ކުރުމުން ވެސް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް ޖަވާބެއް ނުދެއްވާތީ މާލީ ބަޔާނާ ގުޅޭ ކޮމެންޓެއް ވެސް އަދި ނުލިބެ އެވެ.
އެމަނިކުފާނަށް އަމިއްލަ ފަރާތަކުން ހަރަދު ކުރި ކަމަށް މުއިއްޒު ވިދާޅުވީ އޭޕްރީލް 10، 2025، ގައި އެމަނިކުފާނު ގެނެސްދެއްވި ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަވަމުންނެވެ.
"މި ދަތުރަށް އަޅުގަނޑުމެން ނުކުރަން މާ ބޮޑު ހަރަދެއް އިނގޭތޯ ސަރުކާރުންނެއް. ޕްރައިވެޓް ސެކްޓާ ސްޕޮންސާޝިޕްގައި ގާތްގަނޑަކަށް މުޅި ދަތުރުގެ ހުރިހާ ކަމެއް ކޮށްފައި ވަނީ. މިހާރު ތަފްސީލުތައް ވާނީ ރަސްމީކޮށް ރައީސް އޮފީހުން ހާމަކޮށްފައި. ދޮޅު ލައްކައެއްހާ ރުފިޔާ މި ދަތުރަށް ހަރަދުވީ. އެއީ އަޅުގަނޑުގެ ޓިކެޓަށް ދިޔަ އެއްޗެއް. އެހެން ހުރިހާ އެންމެންނާއި، މުޅި ހަރަދު، ހުރިހާ އެންމެންގެ ޓިކެޓާއި، ހުރުމާއި، ޖުމުލަކޮށް ކުރި ހުރިހާ ކަމެއް ޕްރައިވެޓް ސެކްޓާ ފަންޑިންގެ ތެރެއިން ސްޕޮންސާޝިޕްގެ ތެރެއިން ހަމަޖެއްސީ. އެއީ ކުރިން ވެސް ރޭވި ގޮތް އެގޮތަށް އެކަން ކުރީ،" ރައީސް ވިދާޅުވި އެވެ.
ރާއްޖެ އިސްތިހާރު ކުރަން ލިވަޕޫލް ފުޓުބޯޅަ ކްލަބާއެކު ހެދި އެއްބަސްވުން އިފުތިތާހު ކުރައްވަން ކަމަށް ވިދާޅުވެ ރައީސް އިނިގިރޭސިވިލާތަށް ކުރެއްވި ދަތުރަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވެސް ހަރަދު ކުރި އެވެ. އެ އޮފީހުން އާންމު ކުރި ލިޔުމެއްގައި ބުނީ ރައީސްގެ ދަތުރަށް އެ އޮފީހުން ހަރަދު ކުރީ އެންމެ 153،689 ރުފިޔާ ކަމަށެވެ.
ރައީސްގެ ދަތުރަށް އަމިއްލަ ކުންފުންޏަކުން ހަރަދު ކުރީ ކޮން އުސޫލަކުން، ކޮން އެއްބަސްވުމެއްގެ ދަށުން ކަމެއް ނޭނގެ އެވެ. އަދި ހަރަދު ކުރި ކުންފުންޏާއި ސަރުކާރާ ދެމެދު އޮންނަ ގުޅުމެއް ވެސް ނޭނގެ އެވެ. އެ ބުނާ ކުންފުންޏަކުން ހަރަދު ކުރީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ވެސް ނޭނގެ އެވެ.
ރައީސް ކުރައްވާ ރަސްމީ ދަތުރުތަކަށް ދައުލަތުން ހަރަދު ކުރަންޖެހެ އެވެ.
ކުރިން އަމަލުކުރަމުން ދިޔަ ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމާ ބެހޭ ގާނޫނުގެ 16 ވަނަ ހ. ގައި ބުނެފައި ވަނީ "ދައުލަތުން ކަމަކަށް އެދިގެން އުޅޭ މީހެއްގެ ކިބައިން، ނުވަތަ ދައުލަތާ ގުޅިގެން ނުވަތަ ބައިވެރިވެގެން ކަމެއް ކުރާ ނުވަތަ ކުރަންއުޅޭ މީހެއްގެ ކިބައިން، އެކަމާބެހޭ ދައުލަތުގެ މުވައްޒަފަކު، ނުވަތަ މުވައްޒަފެއްގެ އަންބަކު، ނުވަތަ ފިރިއަކު، އެއްވެސްބާވަތެއްގެ އަމިއްލަކަމެއް ކޮށްދިނުމަށް އެދުމަކީ، ނުވަތަ އެފަދަ މީހަކު ލައްވާ އަމިއްލަކަމެއް ކުރުވުމަކީ، ކުށެއް" ކަމަށެވެ. އެހެންނަމަވެސް މި ގާނޫނުގައި ހިމެނޭ ގިނަ ކުށްތައް ގާނޫނުލްއުގޫބާތުގައި ހިމެނުމާއެކު އެ ގާނޫނު ވަނީ އުވާލެވިފަ އެވެ.
މުއިއްޒުގެ ދަތުރަށް ހަރަދު ކުރި އަމިއްލަ ފަރާތުގެ ތަފުސީލެއް ރައީސް އޮފީހުގެ މާލީ ބަޔާނަކު ނެތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ