ރާއްޖެ ބަލިކުރެވުނަސް އަފްގާނިސްތާނުން ބުނީ ފައިނަލް ޔަގީންނުވާ ކަމަށް

ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ކުޅޭ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ އަތުން 1-0 އިން މޮޅުވެވުނު ކަމުގައި ވިޔަސް މުބާރާތުގެ ފައިނަލްގެ ޖާގަައެއް ޔަގީންވި ކަމަށް އަދި ގަބޫލުކުރެވޭނެ ހަމައެއް ނެތް ކަމަށް އަފްގާނިސްތާންގެ ކޯޗު، ބްރެޒިލްގެ ހޯސޭ އެންޓޯނިއޯ ނޮގޭރާ ބުނެފި އެވެ. 
ހަަތަރު ގައުމުގެ މެދުގައި ބާއްވާ ޑައިމަންޑް ޖުބިލީ މުބާރާތުގެ ފުރަތަމަ ދެ މެޗު ނިމުނުއިރު، މޮޅެއް ހޯދި ހަަމައެކަނި ޓީމަކީ އަފްގާނިސްތާން އެވެ. އެއީ، އަނެއް މެޗުން، ބަންގްލަދޭޝްގެ ޒުވާން ޓީމާއި ޕާކިސްތާން ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެގެންނެވެ.
ރާއްޖެ އަތުން މޮޅުވި މެޗަށް ފަހު، ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ނޮގޭރާ ބުނީ، ރާއްޖެ އަތުން މޮޅުވުމަކީ ވަރަށް ރަނގަޅަށް ކުޅެގެން ހާސިލްކުރެވުނު ކަމެއް ކަމަށާއި ކުޅުންތެރިން ދެއްކީ ވަރަށް ފަހުރުވެރިވާ ވަރުގެ ކުޅުމެއް ކަމަށެވެ. އަދި،  މިއީ، އަފްގާނިސްތާންގެ ގައުމީ ޓީމުގައި އޭނާގެ ތިން ވަނަ މެޗު ކަމަށާއި އެކި ދިމަދިމާލުން އާ ކުޅުންތެރިން ހޯދައި، އަފްގާނިސްތާންގެ ކާބުލްގައި ހުރެގެން ލޯކަލް ކުޅުންތެރިން ވެސް ޑިވެލޮޕްކުރަމުން މި ކުރެވޭ  މަސައްކަތުގެ ނަތީޖާ ފެންނާނެ ކަމަށް ނޮގޭރާ ވަނީ ބުނެފަ އެވެ. 
އަފްގާނިސްތާނުން ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފު އެއްކޮށް ޑޮމިނޭޓްކުރި ކަމަށް ނޮގޭރާ ވަނީ ބުނެފަ އެވެ. އެހެން ނަަމަވެސް ގޯލު ޖަހަން ފުރަތަމަ ހާފުގައި އެ ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފިދިޔައިރު، ދެ ވަނަ ހާފުގައި އެ ޓީމަށް ވަރުބަލިކަމުގެ މައްސަލަ ދިމާވިއިރު، ރާއްޖޭގެ ކޯޗު އިސްތަވާން އުރްބާނީ ވަނީ މެދުތެރެއިން ބަދަލުތަކެއް ގެެނެސް ކުޅުން ރަނގަޅުކޮށްފައިކަން ނޮގޭރާ ފާހަގަކުރި އެވެ. އެކަމަކު، އެ އަށް ފަހު، އަފްގާނިސްތާނުން ވެސް ބަދަލުތަކެއް ގެނެސްގެން ދެ ޓީމުން ވެސް ވާދަވެރި ކުޅުމެއް ދެއްކި މެޗަކުން ރަނގަޅު މޮޅެއް ހޯދި ކަމަށް ނޮގޭރާ ވަނީ ބުނެފަ އެވެ. 
ޑައިމަންޑް ޖުބިލީ މުބާރާތުގެ ފައިނަލުގެ ޖާގަ އަކަށް މިހާރު އަފްގާނިސްތާނަށް ޔަގީންކަން ބޮޑުވެފައި އޮތްތޯ ސުވާލުކުރުމުން ނޮގޭރާ ބުނީ އެ ގޮތަށް ގަބޫލުކުރަން ދަތި ސަބަބުތަކެއް އެބަހުރި ކަމަށެވެ. 
"ހުރިހާ ޓީމަކަށް އިހުތިރާމް ކުރަން ޖެހޭ. އަދި އެބައޮތް ދެ މެޗު، ބަންގްލަދޭޝް އަށް އިހުތިރާމް ކުރަން ޖެހޭ. ޕާކިސްތާން އަށް ވެސް އިހުތިރާމް ކުރަން ޖެހޭ. ފައިނަލް މެޗަކީ އެހެން ކަމެއް. މުޅިން ތަފާތުވާނެ. ތިން މެޗުން މޮޅުވިޔަސް، ފައިނަލަށް ތައްޔާރުވާން ޖެހޭނީ ތަފާތުކޮށް،" ކުރިން ޕާކިސްތާންގެ ކޯޗަކަށް މަސައްކަތްކުރި ނޮގޭރާ ބުންޏެވެ. 
"އަހަރެމެން އެއް ފިޔަވަޅު ކުރިއަށް އަޅައިފިން. ތިން ޕޮއިންޓާ އެކު ރަނގަޅު މަގާމެއްގައި މި ފެށީ. އެކަމަކު، ދެ ދުވަހުން މެޗެއް އެބައޮތް. ރިކަވާވެގެން އެ މެޗަށް ނުކުމެ މަސައްކަތްކުރަންޖެހޭ. އިންޝާﷲ. ބޭނުމީ ފައިނަލަށް ދިއުމަށް ރަނގަޅު ހިސާބެއްގައި އޮންނަން،"
މުބާރާތް ފެށުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަފްގާނިސްތާނަކީ ފޭވަރިޓްތޯ ކުރި ސުވާލަށް ދިން ޖަވާބުގައި، ނޮގޭރާ ވަނީ އަމާޒަކީ ފައިނަލަށް ދިިއުން ކަމަށް ބުނެފަ އެެވެ. 
ޑައިމަންޑް ޖުބިލީ މުބާރާތުގެ މެޗުތައް ދެން އެންމެ އަވަހަށް އޮތީ މާދަމާ އެވެ. އެ ގޮތުން، މާދަމާ ހަވީރު ރާއްޖޭން ޕާކިސްތާނާ ދެކޮޅަށް ކުޅޭއިރު، މާދަމާރޭ އަފްގާނިސްތާނުން ބަންގްލަދޭޝްއާ ބައްދަލުކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ