ކުޅިވަރުކުޅޭ ހުރިހާ ތަނެއް ނަމާދު ވަގުތުތަކުގައި ބަންދުކުރަން އއ. ތޮއްޑޫ ކައުންސިލުން ނިންމައިފި އެވެ.
ތޮއްޑޫ ކައުންސިލުން އިއްޔެ އާއްމުކުރި އެންގުމެއްގައި ބުނީ ކޮންމެ ނަމާދުވަގުތަކަށް 30 މިނެޓަށް އަދި ހަވީރު 6:00 އިން ފެށިގެން ރޭގަނޑު 8:00 އާ ދެމެދު (ދެނަމާދު ދޭތެރޭ ވަގުތު) އަދި ހުކުރު ދުވަހުގެ ހެނދުނު 10:30 އިން ފެށިގެން މެންދުރު ފަހު 2:00 އާ ހަމައަށް ވެސް، ކުޅިވަރުކުޅޭ ތަންތަން ބަންދުކުރާނެ ކަމަށެވެ.
އެންގުމުގައިވާ ގޮތުން އެ ވަގުތުތަކުގައި ކުޅިވަރު ކުޅުމަކީ މަނާކަމެކެވެ.
މަނާ ވަގުތުތަކުގައި ކުޅިވަރު ކުޅޭތޯ ބަލަން ތޮއްޑޫ ކައުންސިލުން ވަނީ ދެ މުވައްޒަފަކު ވެސް ހަމަޖައްސައިފަ އެވެ. އެއީ ޔޫތު އެސޯސިއޭޓާއި ސްޕޯޓްސް ކައުންސިލަރެވެ.
ވެރިކަންކުރާ ޕީއެންސީގެ މެޖޯރިޓީ އޮންނަ ތޮއްޑޫ ކައުންސިލުން މި ގޮތަށް ނިންމާފައި މި ވަނީ ނަމާދު ވަގުތުތަކުގައި ކުޅިވަރު މެދުކަނޑާލައި ކުޅިވަރުގެ މައިދާންތަކުގައި ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖައްސަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިިދިޔަ ހޯމަދުވަހު ވިދާޅުވެފައި ވަނިކޮށެވެ.
The most trusted news source in the Maldives
ކޮންމެ ހޯމަ ދުވަހެއްގައި ސިލްސިލާކޮށް ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ކުޅިވަރު މައިދާނުގައި އުޅޭއިރު ނަމާދު ގަޑި ނިމޭ ވަގުތު ވެސް ކުޅެން ތިބުމަކީ ދިވެހިންގެ ޒަމާންވީ އާދައަކަށް ވެފައިވާ ކަމަށެވެ.
އެހެންވެ، ރާއްޖެއަކީ ސަތޭކަ ޕަސެންޓު މުސްލިމު ގައުމަކަށް ވާއިރު މުޖުތަމައުގައި އަމަލީ ގޮތުން ކަންކަން ތަންފީޒު ކުރެވެން ވާނީ އެ ހަގީގަތުގެ މައްޗަށް ކަމަށް ބިނާކޮށް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސްޕޯޓްސް ކޮމްޕްލެކްސްތަކާއި ސަރުކާރުން އަޅާ ކުޅިވަރާ ގުޅޭ އިމާރާތްތަކުގައި ނަމާދު ކުރެވޭނެ ތަންތަން ހެދުމަށް ނިންމައި މިހާރު އޮތީ ތަންފީޒީ މަރުހަލާގައި ކަމަށެވެ.
މިހާރު ވެސް ކޮންމެ ދުވަހަކު ގިނަ ބަޔަކު ކުޅިވަރު ކުޅުމަށް ގޮސް އުޅޭ މާފަންނު ސްޓޭޑިއަމާއި ކުޅިވަރު އެކުވެނީގައި ނަމާދު ކުރުމަށް ތަނެއް ނުހުރެ އެވެ.
ތޮއްޑޫގައި ކުޅިވަރު ކުޅޭ ތަންތަން ނަމާދުވަގުތަށް ބަންދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ