ޔަމާލަށް ސްޕެއިންގެ 19 ނަންބަރު ޖާޒީ

ކުރިއަށް އޮތް ވޯލްޑް ކަޕަށް ސްޕެއިންގެ ގައުމީ ޓީމުގެ ކުޅުންތެރިން ބޭނުންކުރާނެ ޖާޒީ ނަންބަރުތައް ރަސްމީކޮށް އިއުލާންކޮށްފައިވާ އިރު، ޒުވާން ތަރި ލަމީން ޔަމާލް ބޭނުންކުރާނީ 19 ވަނަ ޖާޒީއެވެ.
ސްޕެއިނުން ދެވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ އަމާޒުގައި ނުކުންނަ އިރު، ބާސެލޯނާގައި ވެސް ޔަމާލް ބޭނުންކުރާ 19 ނަންބަރު އޭނާއަށް ވަނީ ދީފައެވެ.
އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ މިޑްފީލްޑަރު ގަވީއަށް ނުވަ ނަންބަރު ޖާޒީ ދިނުމުންނެވެ. މިއީ އާންމުކޮށް ފޯވަޑުން ބޭނުންކުރާ ނަންބަރަކަށް ވުމާއެކު، ސަޕޯޓަރުންގެ މެދުގައި މިކަމަށް ވަނީ ބޮޑު ބަހުސެއް ފެށިފައެވެ. ކުރިން މި ނަންބަރު ބޭނުންކުރީ ފެނާންޑޯ ޓޮރޭސް އަދި އަލްވާރޯ މޮރާޓާ ފަދަ ކުޅުންތެރިންނެވެ.
ޓީމުގެ އެހެން ކުޅުންތެރިންނަށް ބަލާއިރު، ޑެނީ އޮލްމޯއަށް ވަނީ 10 ނަންބަރު ޖާޒީ ދީފައެވެ. ނީކޯ ވިލިއަމްސް 17 ނަންބަރު ބޭނުންކުރާ އިރު، މިކޭލް އޮޔަރްޒަބާލް ބޭނުންކުރާނީ 21 ނަންބަރެވެ. ގޯލްކީޕަރުންގެ ތެރެއިން ޑޭވިޑް ރާޔާއަށް އެއް ނަންބަރު ދީފައިވާ އިރު، އުނާއި ސިމޯންއަށް ދީފައިވަނީ 23 ނަންބަރެވެ.
މުބާރާތަށް ނުކުންނައިރު ޓީމުގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ ހުރީ ވަރަށް ބޮޑު އިތުބާރަކާއެކުގައެވެ. ނަމަވެސް އޭނާ ވަނީ މުބާރާތުގައި ފަރުވާތެރިވުމަށް ކުޅުންތެރިންނަށް އިރުޝާދު ދީފައެވެ. ކޯޗު ބުނެފައިވަނީ ސްޕެއިނަކީ މުބާރާތް ކާމިޔާބުކުރާނެ ކަމަށް ބެލެވޭ ފޭވަރިޓެއް ނަމަވެސް، އިނގިރޭސިވިލާތާއި ފްރާންސަށް ވެސް ސަމާލުވާން ޖެހޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ