އެއްވެސް މީހަކު ޕާޓީން ވަކިވާން ނޭދެން؛ އަމާޒަކީ 1 ލައްކަ މެންބަރުން ހަމަކުރުން: ނަޝީދު

އެއްވެސް ސަބަބަކާ ހުރެ އެއްވެސް މީހެއް އެމްޑީޕީން ވަކިވާން އެދިވަޑައިނުގަންނަވާ ކަމަށާއި އަމާޒަކީ 1 ލައްކަ މެންބަރުން ޕާޓީއަށް ހަމަ ކުރުން ކަމަށް އެޕާޓީގެ ޗެއާޕާސަން ކަމަށް ވާދަ ކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ނަޝީދު މިގޮތަށް ވިދާޅުވީ، އެމަނިކުފާނުގެ ކެމްޕެއިންނަށް އދ. މާމިގިއްޔައް ވަޑައިގެން އެ ރަށު އެމްޑީޕީ ހަރުގޭގައި ބޭއްވި އީދު ކެއިމުގެ ތެރެއިން އެވެ. ކެއުމަށް އިންސާފުކުރުމަށް އިންނަވައި، ނަޝީދު ދެއްވި އެ މެސެޖްގައި ވީޑީއޯ އެމަނިކުފާނު ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓު ކުރައްވާފަ އެވެ.
ބުނީ ކީކޭ؟ - "އެމްޑީޕީން އެންމެ މެންބަރެއް ވަކިވުމަކީ، އަޅުގަނޑު އެދޭނެ ގޮތެއް ނޫން. އަޅުގަނޑު އެދެނީ ވީހާވެސް ގިނަ ބޭފުޅުން އެމްޑީޕީއާ ގުޅުމަށް. އަޅުގަނޑުގެ އަމާޒަކީ [ނުވަތަ] އުންމީދަކީ، އެއް ލައްކައަށްވުރެ ގިނަ މެންބަރުން އެމްޑީޕީގައި ބޭތިއްވުން،" މިދިޔަ ރިޔާސީ އިންތިހާބުގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އޮތް ހިޔާލުތަފާތުވުންތަކުގެ އެމްޑީޕީން ވަކިވެވަޑައިގަތުމަށްފަހު، މިދިޔަ އަހަރު އަލުން ޕާޓީއާ ގުޅިވަޑައިގެންނެވި އެޕާޓީގެ ފުރަތަމަ ޗެއާޕާސަން ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ޗެއާޕާސަން އިންތިހާބުގެ ތެރޭގައި އަދި އިންތިހާބަށްފަހުވެސް، އެމްޑީޕީގެ މެމްބަރުންގެ އަދަދު މާ ބޮޑަށް އިތުރުވާނެ އެވެ.
"އެއްވެސް ސަބަބަކާ ހުރެ، އެއްވެސް ބޭފުޅެއް އެމްޑީޕީ ދޫކޮށްލާކަށް އަޅުގަނޑު ކުޑަކޮށްވެސް ނޭދޭނަން،" ނަޝީދު ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ނަޝީދު މިގޮތަށް މި ވިދާޅުވީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްްއެޕް ގްރޫޕުގައި އެމަނިކުފާނު މީގެ ދެ ދުވަސް ކުރިން ދެއްކި ބައެއް ވާހަކަތަކާ ގުޅިގެން ޕާޓީ ތެރޭގައި ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ. ނަޝީދު އެ ގްރޫޕަށް ކުރެއްވި މެސެޖެއްގައި ވިދާޅުވީ، މި އިންތިހާބުން ބަލިވާ ބޭފުޅުން ޕާޓީގެ ކަންކަމުގައި "ތަންކޮޅެއް ދުރުގައި، އެހެންނަސް ފަހަތުގައި ތިއްބަވާނެ ކަމަށް އުންމީދު ކުރަން" ކަމަށެވެ.
"ކައިރީގައި ތިއްބަވަން ޖެހެނީ މޮޅުވާ ބޭފުޅުން،" ނަޝީދުގެ އެ މެސެޖުގައި ލިޔުއްވާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ