އެމްއެމްސީގެ ކުރީގެ މެމްބަރު އާޒިމް ގާނޫނާ ހިލާފަށް ލިވިން އެލަވަންސް އެއް ނުނަގާ: ސުޕްރީމް ކޯޓު

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެމްބަރުން 2011 ވަނަ އަހަރު ގާނޫނާ ހިލާފަށް ލިވިން އެލަވަންސްގެ ގޮތުގައި ފައިސާ ނެގި ކަމަށް ބުނެ ދައުލަތުން ހުށަހެޅި މައްސަލާގައި، އޭރުގެ މެމްބަރު މުހައްމަދު އާޒިމް އަބްދުލްހާދީ ގާނޫނާ ހިލާފަށް ފައިސާއެއް ނަގާފައި ނުވާ ކަމަށާއި ނަމަވެސް އެލަވަންސްގެ ގޮތުގައި އޭނާއަށް ލިބުނު ފައިސާ އަނބުރާ ދައްކަން އެންގީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
މައްސަލައިގެ ފެށުން - މީޑިއާ ކައުންސިލްގެ 10 މެމްބަރަކު 2011 ވަނަ އަހަރު ނެގި ލިވިންގް އެލަވަންސް އަނބުރާ ދެއްކުމަށާއި އިތުރަށް އެލަވަންސް ނުނެގުމަށް އަންގާފައިވަނިކޮށް އެ އެންގުމާ ހިލާފުވި މެމްބަރުންގެ މައްޗަށް ދައުލަތުން ދައުވާ އުފުލި އެވެ.
2011 ވަނަ އަހަރު މީޑިއާ ކައުންސިލްގެ ބަޖެޓުގައި ހިމަނާފައި އޮތް ލިވިން އެލަވަންސްގެ ފައިސާ، އެ ބަޖެޓްގައި ހިމަނާ ފާސްކޮށްފައިވަނީ، ކައުންސިލްގެ މެމްބަރުންނަށް ދެވޭ ލިވިން އެލަވަންސްގެ ގޮތުގައި ކަމަށް އެ ކައުންސިލުގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން ނިންމި 
އެ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 7،500ރ. ކޮންމެ މެމްބަރަކަށް މުސާރައާއެކު ޖަމާކުރަން ފެށި
އެއީ މީޑިއާ ކައުންސިލްގެ މެމްބަރުންނަށް ދޭން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އެލަވަންސަކަށް ނުވާތީ، އެ އެލަވަންސް ދިނުން ހުއްޓާލަން އޭސީސީން 20 އޭޕްރީލް 2011 ގައި އެންގި
އެއަށް ފަހު އެ އެލަވަންސް ދިނުން މީޑިއާ ކައުންސިލުން ހުއްޓާލި
ނަމަވެސް 18 އޯގަސްޓް 2011ގައި ބޭއްވި ކައުންސިލް ބައްދަލުވުމެއްގައި، އެ މުއްދަތުގައި ނުނަގާ ހުރި ލިވިން އެލަވަންސް ގަނޑުކޮށް ނަގަން ނިންމި
ވީ ކިހިނެއް؟ - އެ މައްސަލާގައި ދައުލަތުން ދައުވާ އުފުލި މެމްބަރުންގެ ތެރޭގައި އާޒިމް ހިމެނެ އެވެ. އާޒިމް ގާނޫނާ ހިލާފަށް ކުރި އަމަލެއްގެ ގޮތުގައި ދައުލަތުން ބުނާ އަމަލަކީ، ރައްޔިތުންގެ މަޖިލިހުން މީޑިއާ ކައުންސިލްގެ މެމްބަރުންނަށް ދިނުމަށް ފާސްކޮށްފައި ނުވާ ލިވިން އެލަވަންސްގެ ފައިސާ ހިމަނައިގެން މުސާރަ ޝީޓް ހެދުމަށް މީޑިއާ ކައުންސިލުން ނިންމި ނިންމުމުގައި ބައިވެރިވެ، 2011 ޖެނުއަރީ މަހުން ފެށިގެން ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 7500ރ. ނެގުމެވެ.
އެގޮތުން އާޒިމް މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ހުރެ 2011 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން، ލިވިން އެލަވަންސްގެ ގޮތުގައި 67،500ރ. ނަގާފައިވާ ކަމަށް ބުނެ، އެ ފައިސާ ހޯދަން ދައުލަތުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅި އެވެ.
ނަމަވެސް އާޒިމް ވަނީ އޭނާގެ މައްޗަށް ދައުލަތުން އުފުލި ދައުވާއަށް އިންކާރުކޮށްފަ އެވެ. އޭނާ ބުނީ:
ލިވިން އެލަވަންސްގެ ފައިސާއަކީ ރައްޔިތުންގެ މަޖިލީހުން މެމްބަރުންނަށް ދިނުމަށް ފާސްކޮށްފައިވާ ފައިސާއެއްކަން 2011 ވަނަ އަހަރު މަޖިލިހުން ފާސްކޮށްފައިވާ މީޑިއާ ކައުންސިލުގެ ބަޖެޓުން އެނގޭ ކަމަށް 
އެ ހާލަތުގައި މާލިއްޔަތުގެ ގާނޫނާއި ގަވާއިދުގެ މާއްދާތަކާ ހަވާލާދީ އޭނާގެ މައްޗަށް ދައުވާ އުފުލިގެން ނުވާނެ ކަމަށް 
އެ ފައިސާއަކީ އޭނާ "ނެގި" ފައިސާއެއް ކަމުގައި ނުބުނެވޭނެ ކަމަށް 
އޭނާ ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައި ނުވާނެ ކަމަށް
ރައްދުގައި ދައުލަތުން ބުނީ، މީޑިއާ ކައުންސިލްގެ މެމްބަރުންނަށް ލިވިން އެލަވަންސެއް ދިނުމަށް މަޖިލީހުން ފާސްކޮށްފައި ނުވާކަމަށެވެ.
ސިވިލް ކޯޓުން ނިންމީ ދައުލަތުން އާޒިމްގެ މައްޗަށް ކުރި ދައުވާ ސާބިތުވާ ކަމަށާއި ލިވިން އެލަވަންސްގެ ގޮތުގައި އޭނާއަށް ލިބިދީފައިވާ ފައިސާ އަނބުރާ ދައްކަން ޖެހޭނެ ކަމަށެވެ. ހައި ކޯޓުން ވެސް ވަނީ ސިވިލް ކޯޓުގެ ނިންމުމަށް ތާއީދުކޮށްފަ އެވެ. އެހެންކަމުން، އާޒިމްގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި އެވެ.
ތަފްސީލް - ސުޕްރީމް ކޯޓުން އެ މައްސަލަ ނިންމައި، ފަނޑިޔާރު މަހާޒު އަލީ ޒާހިރު ލިޔުއްވި ރައުޔުގައި ވިދާޅުވީ، އާންމު އިދާރީ ހިންގުމުގެ ތެރެއިން ބަޖެޓްގައި ހިމެނިފައިވާ ފައިސާއެއް ހަރަދު ކުރުމާ މެދު މެމްބަރުން ގޮތެއް ނިންމުމަކީ ގާނޫނު މަނާކުރާ ކަމެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ.
މަހާޒުގެ ރައުޔަށް ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު އަލީ ރަޝީދު ހުސައިން ތާއީދުކުރެއްވި އެވެ.
ސުޕްރީމް ކޯޓުން ބުނީ ވަކި ކަމަކަށް ބަޖެޓްގައި ފައިސާ ކަނޑައަޅާފައި އޮތް ކަމުގައި ވިޔަސް އެކަމަކީ އާންމުކޮށް ހިނގާ ކަމަކަށް ނުވާ ނަމަ، އެ ކަމެއް ފެށުމުގެ ކުރިން ފިނޭންސް މިނިސްޓްރީއަށް ލިޔެގެން ހުއްދަ ހޯދުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުން ލާޒިމު ކުރާ އިރު، އެ ހުއްދަ ހޯދުމުގެ ޒިންމާ ލާޒިމު ކޮށްފައިވަނީ ޒިންމާދާރު ވެރިޔާ ނުވަތަ މާލީ ޒިންމާދާރު ވެރިޔާއާ ކަމަށެވެ. 
ބުނީ ކީކޭ؟ - "ވުމާ އެކު، ދައުލަތުގެ ދައުވާގައި ހަވާލާދީފައިވާ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ މާއްދާތަކާ ޚިލާފަށް މި މައްސަލައިގައި މުހައްމަދު އާޒިމް އަބްދުލްހާދީ ކުރި އަމަލެއް ނުވަތަ ނުކޮށް ދޫކޮށްލި އަމަލެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ،" މަހާޒު ވިދާޅުވި އެވެ.
އެހެންކަމުން، އާޒިމް ގާނޫނާ ހިލާފަށް އަމަލުކުރައްވާފައިވާ ކަމަށް ހައި ކޯޓުން ނިންމީ އުސޫލުތަކާ އެއްގޮތަށް ނޫން ކަމަށް ތިން ފަނޑިޔާރުން އިއްތިފާގުވެވަޑައިގަތެވެ.
އެ ނިންމުމަށް ވާސިލުވުމަށް ބުރަވެވަޑައިގެންނެވި މުހިންމު އެއް ސަބަބު ކަމުގައި މަހާޒު ފާހަގަކުރެއްވީ، މައްސަލައިގައި ދެ ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު، މީޑިއާ ކައުންސިލުން ލިވިން އެލަވަންސް ދިނުމަށް ނިންމި ނިންމުމަކީ ކޮބައިކަން ސާފުނުވުމެވެ. މަހާޒު ވިދާޅުވީ އެ ކައުންސިލުން އެކަމާ މެދު ނިންމި ގޮތެއް، އެ ނިންމުން ނިންމި ޖަލްސާގެ ނުވަތަ ބައްދަލުވުމުގެ ޔައުމިއްޔާ ފަދަ ލިޔުމެއް މައްސަލައިގެ ލިޔުންތަކުގެ ތެރޭގައި ނުހިމެނޭ ކަމަށެވެ.
"މިފަދަ ހެކި ހުރެ، އެއިން ހެއްކަކުން ދައުލަތުގެ ދައުވާއަށް ބާރުލިބޭ ނަމަ މި ނުކުތާއާ މެދު އިތުރު ގޮތަކަށް ވިސްނުމުގެ ފުރުސަތު އޮތީހެވެ،" މަހާޒު ވިދާޅުވި އެވެ.
މީޑިއާ ކައުންސިލްގެ މުސާރައިގެ އޮނިގަނޑުގައި ލިވިން އެލަވަންސް ހިމަނާފައި ނުވި ނަމަވެސް، 29 ޑިސެމްބަރު 2010ގައި ރައްޔިތުންގެ މަޖިލީހުން 2011 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ފާސްކުރި އިރު، މީޑިއާ ކައުންސިލްގެ ބަޖެޓްގައި ލިވިން އެލަވަންސްގެ ފައިސާގެ ގޮތުގައި 1.35 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
އެހެންކަމުން، މުސާރައިގެ އޮނިގަނޑުގައި ލިވިން އެލަވަންސެއް ހިމަނާފައި ނުވިނަމަވެސް، މިޑީއާ ކައުންސިލްގެ ބަޖެޓްގައި އެ އެލަވަންސްގެ ފައިސާ ހިމަނާފައިވުމުން، އެއީ ރައްޔިތުންގެ މަޖިލިހުން މީޑިއާ ކައުންސިލްގެ މެމްބަރުންނަށް ލިވިން އެލަވެންސެއް ދިނުމަށް ނިންމާފައިވާ ނިންމުމެއް ކަމުގައި ބެލިދާނެތޯ އުފެދޭ ސުވާލަށް ސުޕްރީމް ކޯޓުން ޖަވާބުދީފައިވެ އެވެ.
ސުޕްރީމް ކޯޓުން ބުނީ އާންމު އުސޫލެއްގެ ގޮތުން ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވާ ބަޖެޓްގައި ވަކި ކަމަކަށް ހަރަދެއް ކުރުމަށް ކަނޑައަޅާފައިވާ ނަމަ، އެ ހަރަދެއް ކުރުމަށް މަޖިލިހުން ހުއްދަ ދިނީ ކަމުގައި ބެލެވިދާނެ ކަމަށެވެ.
"ނަމަވެސް މިއީ އެކަމަށް ގާނޫނީ އިތުރު ހިފެހެއްޓުމެއް ނެތްނަމަ އެވެ،"
"އަދި މިއީ ދައުލަތުގެ މާލިއްޔަތުގެ އުސޫލުތައް ތަރުތީބު ކުރެވިފައިވާ ގޮތުން ބަޖެޓްގައި ހިމެނިފައިވާ ފައިސާއެއް ހަރަދު ކުރުމުގައި ފުރިހަމަ ކުރަންޖެހޭ އިތުރު އިޖުރާއަތުތައް ފުރިހަމަ ކުރަން ނުޖެހޭނެ ކަމުގައި ބުނާ ބުނުމެއް ވެސް ނޫނެވެ،" ހުކުމްގައި ބުންޏެވެ.
ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނީ:
މީޑިއާ ކައުންސިލުގެ މުސާރައިގެ އޮނިގަނޑު ހިމެނޭހެން 28 ޑިސެމްބަރު 2010ގައި ރައްޔިތުންގެ މަޖިލިހުން ފާސްކުރި މުސާރައިގެ އޮނިގަނޑުގައި ވެސް މެމްބަރުންނަށް ލިވިން އެލަވަންސެއް ދިނުމަށް ނިންމާފައި ނުވާ ކަމަށް 
އެ އޮނިގަނޑުގައި "އެކިއެކި މަގާމުތަކަށް މާލިއްޔަތު ކޮމިޓީން ހުށަހަޅާފައިވާ ޖުމުލަ މުސާރައާއި އެހެނިހެން އެލަވަންސްތަކުގެ އިތުރުން އެކިއެކި ގާނޫނުތަކުގެ ދަށުން އެ ބޭފުޅުންނަށް ލިބިދެވޭ އިނާޔަތްތައް ފިޔަވައި، އެހެން އެއްވެސް އިނާޔަތެއް ލިބި ނުދެވޭނެ" ކަމަށް ބަޔާންކޮށްފައި ވާކަން 
އެހެންކަމުން، މަޖިލިހުން ދިނުމަށް ނިންމާފައި ނުވާ އެލަވަންސެއް ހިމަނައިގެން ބަޖެޓް ތައްޔާރު ކުރެވިގެން ނުވާނެ ކަމަށާއި ލިވިން އެލަވަންސަކީ ރައްޔިތުންގެ މަޖިލިހުން މީޑިއާ ކައުންސިލުގެ މެމްބަރުންނަށް ދިނުމަށް ކަނޑައަޅާފައިވާ އެލަވަންސެއް ކަމުގައި ބަލާނެ ޖާގައެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމި އެވެ.
އަދި ފާސްކޮށްފައިވާ ބަޖެޓަކުން ހަރަދު ކުރުމުގެ ހުއްދަ އާންމު މާނައިގައި ލިބޭނެ ކަމުގައި ބެލި ނަމަވެސް، އެ ހާލަތުގައި އެލަވަންސް ދިނުމާ މެދު ރައްޔިތުންގެ މަޖިލީހުގެ އިތުރު ނިންމުމެއް އޮންނަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.
އެހެންކަމުން، އާޒިމް އަށް ލިވިން އެލަވަންސްގެ ގޮތުގައި ލިބިދީފައިވާ ފައިސާ އަނބުރާ ދެއްކުމަށް އަންގައި ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ ގާނޫނީ އުސޫލުތަކާ އެއްގޮތަށް އަންގާފައިވާ އެންގުމެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި އެވެ.
ސުޕްރީމް ކޯޓުން މައްސަލަ ނިންމި ގޮތް:
ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފަށް ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދުމެއް ނެތި ލިވިން އެލަވަންސްގެ ގޮތުގައި 67،500ރ. އާޒިމް ނަގާފައިވާ ކަމަށް ހައި ކޯޓުން ނިންމި ނިންމުން ގޯސް ކަމަށް
އާޒިމް އަށް ލިވިން އެލަވަންސްގެ ގޮތުގައި ޖަމާވި ފައިސާއަކީ އަނބުރާ ދައުލަތަށް ދައްކަން ޖެހޭ ފައިސާއެއް ކަމުގައި ހައި ކޯޓުން ނިންމީ ރަނގަޅަށް ކަމަށް
ް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ