ފޯނު ބޭނުންކޮށްގެން ފައިސާ ދެއްކޭ ބީއެމްއެލް މޯބައިލް ޕޭ ތައާރަފުކޮށްފި

ބޭންކް އޮފް މޯލްޑިވްސް އިން މޯބައިލް ފޯނާއި ޕޮއިންޓް އޮފް ސޭލްސް (ޕީއޯއެސް) ބޭނުންކޮށްގެން ފައިސާ ދެއްކޭ ބީއެމްއެލް މޯބައިލް ޕޭ މިރޭ ތައާރަފު ކޮށްފި އެވެ. މިރޭ ބީއެމްއެލް އިން ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ތައާރަފު ކޮށްދެއްވީ ބީއެމްއެލްގެ ރީޓެއިލް ބޭންކިން ޑައިިރެކްޓަރު މުހައްމަދު ޝަރީފާއި ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ އެވެ. އެ ޚިދުމަތް ބޭނުންކުރެވޭނީ ފިހާރަތަކުގައި ހުންނަ ޕީއޯއެސް މެޝިންތަކާއި ސްމާޓު ފޯނު ބޭނުންކޮށްގެންނެވެ. މި ޚިދުމަތަށް ޚާއްސަ "ބީއެމްއެލް މޯބައިލް ޕޭ" އެޕްލިކޭޝަނެއް ބޭނުންވާ އިރު، އެ އެޕްލިކޭޝަން ގޫގްލް ޕްލޭސްޓޯރާއި އެޕަލް އެޕްސްޓޯރުން ލިބެން ހުންނާނެ އެވެ. މޯބައިލް ޕޭ ޚިދުމަތް ބޭނުންކުރުމަށް ކަސްޓަމަރުގެ މައި އެކައުންޓުން ޓްރާންސްފާކޮށްގެން ޓޮޕްއަޕް ކުރެވޭ ޕްރީޕެއިޑް އެކައުންޓެއް އުފައްދަ އެވެ. އެއަށް ފަހު ކަސްޓަމަރުން އެ ކަސްޓަމަރެއްގެ ޑެބިޓް ކާޑު ނުވަތަ ކްރެޑިޓު ކާޑުކާޑު ބޭނުންކޮށްގެން ޚިދުމަތަށް ރެޖިސްޓާ ކުރެވެ އެވެ. ރެޖިސްޓަރު ކުރުމުން ކަސްޓަމަރުގެ ބޭންކު ކާޑު މޯބައިލްޕޭ އެޕްއަށް އިންޓަގްރޭޓު ކުރެވެ އެވެ. މި ޚިދުމަތް ދެ ގޮތަކަށް ބޭނުންކުރެވެ އެވެ. ފުރަތަމަ ގޮތަކީ ފީލްޑް ކޮމިއުނިކޭޝަން ނުވަތަ އެންއެފްސީ އެންއޭބަލް ކޮށްފައިވާ ސްމާޓްފޯނުން ޕީއޯއެސް ޓާމިނަލެއްގައި ފޯނު ޖައްސާލައިގެން ޕޭމެންޓު ހެދުމެވެ. އެންއެފްސީ އެނޭބަލް ނުކޮށް ހުރި ސްމާޓުފޯނުތަކުން ޖެހޭނީ، ޕީއޯއެސް ޓާމިނަލަށް ފޯނު ނަމްބަރު އެންޓަރުކޮށް، ޕީއޯއެސް އިން ފޯނަށް ޕޭމެންޓް ފޮނުވާ ރިކުއެސްޓެއް ފޮނުވާށެވެ. ފޯނުން އެ ރިކުއެސްޓް ގަބޫލުކުރުމުން ޕޭމެންޓް ހެދޭނެ އެވެ. މީގެ އިތުރުން މި ޚިދުމަތް ބޭނުންކޮށްގެން އެއް ކަސްޓަމަރަކު އަނެއް ކަސްޓަމަރަކަށް ފައިސާ ޓްރާންސްފާ ކުރުމުގެ ޚިދުމަތް ވެސް ލިބެ އެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ މީގެ އެއް އަހަރު ކުރިން ރާއްޖޭގައި ފުރަތަމަ ފަހަރަށް މޯބައިލް ބޭންކިން އެޕްއެއް ތައާރަފު ކުރި އިރު، ބޭންކިންގެ ޚިދުމަތް ވަރަށް ފަސޭހަކަމާ އެކު ކަސްޓަމަރުންނަށް ލިބޭނެ ގޮތެއް ހަދައިދޭނެ ކަމުގެ ވައުދު ވެވަޑައިގެންފައިވާ ކަމަށެވެ. "ފިހާރަ ކައުންޓަރުތަކާއި ކެފޭތަކުގައި އަދި އާއިލާއާ ރަހުމަތްތެރިންނަށް ފައިސާ ފޮނުވުމުގައި ބީއެމްއެލް މޯބައިލް ޕޭގެ ބޭނުން ކުރުމުން އެ ޚިދުމަތް މާ ބޮޑަށް ފަސޭހަވެ، ހަލުއި ވާނެ،" އެންޑްރޫ ވިދާޅުވި އެވެ. މި ޚިދުމަތް ބީއެމްއެލްއިން ތައާރަފުކުރީ ސްރީލަންކާގެ ކުންފުންޏެއް ކަމުގައިވާ އެޕިކް ޓެކްނޮލޮޖީ ގްރޫޕުގެ ޓެކްނިކަލް އެހީތެރިކަމާ އެކުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ