ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ޕްރައިމަރީއަށް އެމްޑީޕީން ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ މިދިޔަ ހަފްތާގައި އަވާހަރުވުމާ ގުޅިގެން ބާއްވާ އެ ދާއިރާގެ ބައި-އިލެކްޝަނަށް އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން މިއަދު ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ އަހަރުން ފެށިގެން ކެންސަރު ބައްޔަށް މެލޭޝިޔާގައި ފަރުވާ ހޯއްދަވަމުން ގެންދެވަނިކޮށް ރިޒާ އަވަހާރަވީ މިދިޔަ ބުދަ ދުވަހުގެ ރެ އެވެ. އެއާ އެކު، އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ދާއިރާގެ ބައި-އިލެކްޝަން 15 އޭޕްރިލްގައި ބޭއްވުމަށް ނިންމާފަ އެވެ.
ތަފްސީލް - އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ:
އަންނަ އަންގާރަ ދުވަހުގެ 4ގެ ކުރިން ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި
ވާދަކުރަން ބޭނުންވާ ފަރާތްތަކުން ފޯމު ހުށަޅާއިރު ޕާޓީގެ 100 މެމްބަރުންގެ ތާއީދު ފޯމު ވެސް ހުށަހަން ޖެހޭ
ގުޅުން ހުރި ކަމެއް - މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސެން ވަހީދު ވެސް 2021 ވަނަ އަހަރު އަވަހާރަވީ ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އޭނާ ދެ އަހަރު ވާންދެން އެ ބައްޔަށް ފަރުވާ ހޯއްދެވި އެވެ. އެ ފަހަރު ބޭއްވި ބައި-އިލެކްޝަން ކާމިޔާބުކުރެއްވީ އެމްޑީޕީގެ މުހައްމަދު ރާޝިދެވެ.
އެނގުން މުހިއްމު - މެމްބަރަކު އަވަހާރަވެއްޖެ ނަމަ ހަ ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން އިއުލާންކުރުމަކީ އީސީގެ މައްޗަށް ގާނޫނު ލާޒިމްކުރާ ކަމަކަށް ވާއިރު، އަންނަ އަންގާރަ ދުވަހުގެ ކުރިން އީސީން އެ އިންތިހާބަށް އިއުލާނު ކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ