ނިރުބަވެރި ޖަމާޢަތެއް ކަމުގައިވާ އައިއެސުން ސޮމާލިޔާގައި ބޮމުގެ ޙަމަލާތަކެއް ދިނުމަށް ކުރި މަސައްކަތްތަކެއް އެ ޤައުމުގެ ސަލާމަތީ ބާރުތަކުން ނާކާމިޔާބު ކޮށްލައިފިއެވެ. އައިއެސުން ޙަމަލާ ދިނުމަށް މަސައްކަތް ކޮށްފައި ވަނީ އެ ޤައުމުގެ އިރުދެކުނުގައި އޮތް ޕަންޓްލަންޑްގެ އަސްކަރީ މަރުކަޒަކަށެވެ. ސޮމާލިޔާގެ އަސްކަރިއްޔާއިން ބުނީ، އައިއެސްގެ ނިރުބަވެރިން ރާވާފައި ވަނީ އަމިއްލައަށް ފުރާނަ ނަގައިލައިގެން ޙަމަލާތަކެއް ދިނުމަށް ކަމުގައެވެ.
މިއީ، އައިއެސުން މި ފަދަ ނުރައްކާތެރި އަދި ބޮޑު ޙަމަލާތަކެއް ދިނުމަށް މަސައްކަތް ކޮށްފައިވާ ފުރަތަމަ ފަހަރު ކަން ސޮމާލިޔާގެ އަސްކަރިއްޔާއާއި ދައުލަތުގެ މީޑިޔާއިން ހާމަކުރިއެވެ. އައިއެސުން ނިރުބަވެރި ޙަމަލާތަކެއް ދިނުމަށް މަސައްކަތް ކޮށްފައި މި ވަނީ، އެ ޖަމާޢަތާއި އަލް-ޤާޢިދާއާ ގުޅުން އޮތް އަލް-ޝަބާބް ޖަމާޢަތާ ދެކޮޅަށް ބޮޑު އަސްކަރީ ކެމްޕޭނެއް ފަށާފައިވާ ކަން އިޢުލާނު ކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އައިއެސުން ޕަންޓްލަންޑުގައި ހުންނަ އަސްކަރީ މަރުކަޒުގައި ބޮންތަކެއް ގޮއްވައިލައިގެން ޙަމަލާ ދޭން ރާވާފައި އޮތީ، އެ ސަރަޙައްދުގެ ޤާނޫނުހަދާ މަޖިލީހުގެ ނައިބު ރައީސް އެ މަރުކަޒަށް ކުރެއްވި ޒިޔާރަތަކާ ދިމާކޮށެވެ. ޕަންޓްލަންޑުގެ ނިރުބަވެރިންނާ ދެކޮޅަށް ހަރަކާތްތެރިވާ ޚާއްޞަ ފައުޖުގެ ކޮމާންޑަރު ޔޫސުފް މުޙައްމަދު ވިދާޅުވީ، އަސްކަރީ ޙަމަލާތައް ދިނުމަށް ރާވަމުން ދިޔަ އައިއެސްގެ ގުރޫޕު ފިލައި ތިބި ތަނަށް ސިފައިން ރޭޑު ޖަހާފައިވާ ކަމުގައެވެ.
އަދި، ނިރުބަވެރިންނާއި ސިފައިންނާ ދެމެދު ހިނގި ޙަމަލާ ބަދަލު ކުރުންތަކުގައި އައިއެސްގެ ނުވަ މެންބަރުން މަރައިލާފައިވާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ޙަމަލާ ބަދަލުކުރުންތަކުގައި ސިފައިންގެ ބަޔަކު ޒަޚަމުވެފައިވާ ކަން ވެސް އޭނާ ހާމަކުރެއްވިއެވެ.
ޕަންޓްލަންޑުގެ ދައުލަތުގެ މީޑިޔާއިން ބުނީ ބޮމުގެ ޙަމަލާތައް ދިނުމަށް ރާވަމުން ދިޔަ މީހުން ތިބި އިމާރާތަށް ސިފައިން ރޭޑު ޖަހައި، އޭގެ ތެރެއިން އަށް މީހުން މަރައިލާފައިވާ ކަމުގައެވެ. ސިފައިން ރޭޑު ޖަހާފައި ވަނީ ބާރީ ސަރަޙައްދުގެ ރަށެއް ކަމުގައިވާ ދަރްޖާލީގައި ހުރި އިމާރާތަކަށެވެ. މި ހާދިސާއާ ގުޅޭ ގޮތުން ސޮމާލިޔާގެ މުއާޞަލާތާ ބެހޭ ވުޒާރާއިން އިތުރު މަޢުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.
ޕުންޓްލަންޑުގައިި އޮންނަ ފަރުބަދަމަތީ ސަރަޙައްދެއް ކަމުގައިވާ ބާރީގެ ބައެއް ރަށްތަކަށް އައިއެސްގެ ނިރުބަވެރިން އަތްގަދަ ކޮށްފައި ވަނީ 2017ވަަނަ އަހަރުއެވެ. ސޮމާލިޔާގައި ހަރަކާތްތެރިވާ ނިރުބަވެރި ޖަމާޢަތްތަކުގެ ތެރެއިން އެންމެ ބޮޑު ޖަމާޢަތަކީ އަލް-ޝަބާބެވެ. ސޮމާލިޔާގެ ދެކުނުގެ ބައެއް ސަރަޙައްދުތައް އޮތީ އަލް-ޝަބާބުގެ ބާރުގެ ދަށުގައެވެ. އެ ޖަމާޢަތާ އަޅައިބަލާއިރު، އައިއެސަކީ ނުރައްކާތެރިކަން ކުޑަ ނިރުބަވެރި ޖަމާޢަތެއްގެ ގޮތުގައި ސޮމާލިޔާގެ ސަލާމަތީ ބާރުތަކުން ދިޔައީ ދެކެމުންނެވެ.
ނަމަވެސް، ފަހަކަށް އައިސް ސޮމާލިޔާގައި ހަރަކާތްތެރިވަމުންދާ އައިއެސްގެ ގޮފިން ދަނީ ބާރާއި ނުފޫޒު ގަދަ ކުރަމުންނެވެ. އަދި، ނިރުބަވެރި ހަރަކާތްތައް އިތުރު ކުރަމުންނެވެ. އެ ޖަމާޢަތުގެ ވެރިޔާ، ޢަބްދުލްޤާދިރު މުއުމިނަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވަމުންދާ އައިއެސްގެ ނިރުބަވެރިންގެ އިސްވެރިޔާ ކަމުގައި ބައެއް މީޑިޔާތަކުން ރިޕޯޓު ކޮށްފައިވެއެވެ.
ސޮމާލިޔާގައި ހަރަކާތްތެރިވަމުންދާ އައިއެސްގެ ގޮފީގެ ޤާބިލުކަމާއި ނުރައްކާތެރިކަން އިތުރުވެފައިވާ ކަމުގައި ސަލާމަތީ ދާއިރާގެ މާހިރުން ވެސް ޤަބޫލު ކުރެއެވެ. އެ މީހުން ބުނީ، ބޭރު ޤައުމުތަކުން ގިނަ އަދަދެއްގެ ހަނގުރާމަވެރިން ސޮމާލިޔާއަށް ދަތުރުކޮށް، އައިއެސާ ގުޅެމުންދާ ކަމުގައެވެ. އަދި، ވިޔަފާރިވެރިންގެ އަތުން ފައިސާ ފޭރި، އެ ޖަމުޢިއްޔާއިން މާލިއްޔަތު އިތުރު ކުރަމުންދާ ކަމުގައެވެ.
"ޕުންޓްލަންޑުގެ ބޮންތަކެއް ގޮއްވައިލަން މަސައްކަތް ކުރުމަކީ ކުރިއަށް އޮތް ބޮޑު، އަދި ނުރައްކާތަކެއްގެ ޙަމަލާތަކެއްގެ އިންޒާރުގެ ގޮތުގައި ބެލެވިދާނެ. އެ މީހުން [އައިއެސްގެ ނިރުބަވެރިން] އެއްގަމު އުޅަނދެއްގައި ބޮން ހަރުކޮށްފައިވާ ނަމަ، އޭގެ މާނައަކީ އަލް-ޝަބާބްގެ އުކުޅުތައް ނަކަލު ކުރަން އައިއެސުން މަސައްކަތް ކުރެޔޭ،" ސަލާމަތީ ދާއިރާގެ ޚިދުމަތްތައް ފޯރުކޮށްދޭ ކޮންސަލްޓެންސީ ކުންފުނި، ސްކޯޕަސްގެ ވެރިޔާ ޖައި ބަހާދަރު ވިދާޅުވިއެވެ.
ސޮމާލިޔާގެ ސަލާމަތީ ބާރުތަކުން އައިއެސްގެ ނިރުބަވެރި ޙަމަލާތަކެއް ހުއްޓުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ