މިއަދު ހެނދުނާ ހަމައަށް 30،000 ޓަނުގެ ފެން މާލެއިން ހިންދައިފި

އިއްޔެ މާލެއަށް ކުރި ވިއްސާރައިގައި މިއަދު ހެނދުނާ ހަމައަށް 30،000 ޓަނަށް ވުރެ ގިނަ ފެން ހިންދާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އިއްޔެ މާލެއަށް ކުރި ވިއްސާރައިގައި މާލޭގައި ވަނީ ބޮޑަށް ފެންބޮޑުވެފައެވެ. މާލޭގެ ބޮޑު ސރަހައްދެއްގައި ކަކޫތާ ހަމައަށް ފެންހުރި އިރު އަނެއް ބައި ސަރަހައްދުގައި އުނަގަނޑާ ހަމައަށް ފެން ބޮޑުވެފައި ވެއެވެ. މާލޭގައި ހިނގާބިނގާވެ އުޅުމަށް އެތައް ހުރަސްތަކެއް ދީމާވެފައިވާ އިރު، ދުއްވާ އުޅަނދުތަކުގައި ވެސް އިއްޔެ ނިކުމެ އުޅުން ވަނީ ދަތި އުނދަގުލަކަށް ވެފައެވެ.
އިއްޔެ ފަތިހު ވާރޭ ވެހެން ފެށިގޮތަށް ވާރޭ ވެހުން މެދުކަނޑާލާފައި ވަނީ ރޭގެ 7:30 ހާއިރުއެވެ. އެއަށް ފަހު ރޭގެ 10 ޖެހުމާ ހަމައަށް އައި އިރު ވެސް މާލޭގެ މަގުތަކުން ފެން ހިނދިފައެއް ނުވެއެވެ. އާންމުކޮށް މާލޭގައި ފެންބޮޑުވާ ސަރަހައްދުތަކުގައި ހުރި އެތައް ގެތަކަކާއި ފިހާރަތަކެއްގެ ތެރެއަށް ފެން ވަދެ އާންމުން އަމިއްލައަށް ފެންހިނދުމަށް ވަނީ އެތައް މަސައްކަތެއް ކޮށްފައެވެ. އެގޮތުން މާލޭގެ 11 ސަރަހައްދެއްގައި 16 ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
އާންމުންނަށް އެހީވުމަށް މާލެ ސިޓީ ކައުންސިލުންނާއި އެމްއެންޑީއެފްގެ އިތުރުން އެންޑީއެމްއޭ އިން ހަރަކާތްތެރިވެފައިވާ އިރު، މާލޭގެ މަގުތަކުން ފެންހިންދުމަށް ޕަންޕް ޖަހައިގެން މަސައްކަތް ކޮށްފައި ވެއެވެ. ގެއްލުންވި ގެތަކަށް އެހީތެރިކަން ފޯރުކޮށް ދީފައިވާ އިރު އެތައް ގެއެއްގެ ދޮރު ކައިރީ ވެލި ބަސްތާ ޖަހައި ދިނުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
އެންޑީއެމްއޭ އިން ބުނާ ގޮތުގައި މާލެއިން އެހީތެރިކަމަށް އެދި 774 ތަނަކުން ރިޕޯޓްކޮށްފައިވާ އިރު، 554 ރިކުއެސްޓަކީ ވެލި ބަސްތާ ޖެހުމަށް ކޮށްފައިވާ ރިކުއެސްޓެވެ. ހަމައެއާއެކު މާލެއިން ޒަރޫރީ ބޭނުންތަކަށް ހުރަސް އެޅިގެން 53 ގެއަކުން ރިޕޯޓްކޮށްފައިވާ އިރު، އާންމު ދިރިއުޅުމަށް ހުރަސް އެޅިފައިވާ 36 ގޭބިސީގެ 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ވަނީ ފޯރުކޮށް ދީފައެވެ.
އިއްޔެ މާލޭގެ ގިނަ ސަރަހައްދުތަކަކުން ފެން ހިންދުމުގެ މަސައްކަތް ކޮށްފައިވާ އިރު މިހާރު ފެން ހިންދުމުގެ މަސައްކަތް ކުރަމުން ދަނީ ވެސްޓް ޕާކް ސަރަހައްދުގައި އެކަނި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. މިއަދު ހެނދުނު 7:45 އާ ހަމައަށް މަލެއިން ވަނީ 30،406 ޓަނުގެ ފެން ހިންދާފައި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ