ރާއްޖޭގައި ކިޑްނީ ޓްރާންސްޕްލާންޓާއި އެހެނިހެން ގުނަވަންތައް ބަދަލު ކުރުމާ ގުޅޭ ގާނޫނުގެ ޑްރާފްޓް ނިންމައި ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުގެ ކުރިން ބައެއް އިތުރު މަޝްވަރާތައް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ރޭ ވިދާޅުވެއްޖެ އެވެ.
ނާޒިމް އެސްއެސްޓީވީ ގެ ޕްރޮގްރާމެއްގައި ވިދާޅުވީ ގުނަވަން ބަދަލުކުރުމާއި ގުޅޭ ގާނޫނުގެ ފުރަތަމަ ޑްރާފްޓް އެކުލަވާލީ ބޭރުގެމާހިރުންނާއި ރާއްޖޭގެ ސިއްހީ ދާއިރާގެ މީހުންގެ ލަފަޔާއި އިރުޝާދުގެ ދަށުން ކަމަށެވެ.
"ދުނިޔޭގެ އެކްސްޕާޓުންނާއި ދިވެހިރާއްޖޭގެ ހެލްތު ޕްރޮފެޝަނަލްސްގެ ލަފަޔާއި އިރުޝާދުގެ ދަށުން އެ ގާނޫނު މިހާރު އެކުލަވާލެވި ފުރަތަމަ ޑްރާފްޓް ތައްޔާރު ކުރެވި، ދެން އަދި އިތުރަށް މަޝްވަރާ ކުރަން ޖެހޭ ފަރާތްތަކާއި އަޅުގަނޑުމެން މިދަނީ މަޝްވަރާ ކުރަމުން. މަޝްވަރާތައް ނިމުމާއެކު އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހަށް އެ ގާނޫނު ފޮނުވާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
ގުނަވަން ބަދަލުކުރުމުގެ ގާނޫނު މަޖިލީހަށް ފޮނުވައި ފާސްކުރުމާއެކު ގާނޫނީ އިޖުރާއަތްތައް ތަރުތީބު ކުރެވި، އެ ހިދުމަތް ރާއްޖޭގައި ދޭން ފެށޭނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ރާއްޖޭގެ ސިއްހީ ނިޒާމު އިތުރު ހަރުފަތަކަށް ގެންދަން ގުނަވަން ބަދަލު ކުރުމުގެ ހިދުމަތް ދޭން ޖެހޭކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ އެފަދަ ހިދުމަތް ދެވޭނެ ފެންވަރަށް ރާއްޖޭގެ އޮޕަރޭޝަން ތިއޭޓަރުތައް ވެސް އަޕްގްރޭޑް ކުރަން ޖެހޭ ކަމަށެވެ.
ނަމަވެސް ބިލް މަޖިލީހަށް ފޮނުވޭނެ ދުވަހެއް ނާޒިމު ވިދާޅެއް ނުވެ އެވެ.
ރާއްޖޭގެ އަމިއްލަ ބައެއް ހޮސްޕިޓަލްތައް މިހާރު ވެސް ހުރީ ކިޑްނީ ބަދަލު ކުރެވޭ ފެންވަރަށް ވަސީލަތްތައް ގާއިމުކޮށްފަ އެވެ. އެ ހޮސްޕިޓަލްތައް އެފަދަ އޮޕަރޭޝަންތައް ފެށުމަށް ހުއްދަ ނުދީ އުޅެނީ، ސަރުކާރުން ހާއްސަ ގާނޫނެއް އެކުލަވާލަމުންދާ ކަމަށް ބުނެ އެވެ. އެހެން މިހާތަނަށް ރާއްޖޭގެ އެއްވެސް ހޮސްޕިޓަލަކަށް އެ ހުއްދަ ނުދެ އެވެ.
ގުނަވަން ބަދަލުކުރުމާ ގުޅޭ ގާނޫނުގެ ޑްރާފްޓު ނިންމައިފި ގުނަވަން ބަދަލުކުރުމާ ގުޅޭ ގާނޫނުގެ ޑްރާފްޓު ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ