ޖީއެމްސީއީ ޕްރޮމޯޓު ކުރަން އުޅޭ 7 ދިވެހިން ދެނެގަނެވިއްޖެ: ޕޮލިސް

ޖީއެމްސީއީގެ ނަމުގައި ހިންގާ ޕޮންޒީ ސްކީމު ހިންގާ ބަޔަކު ހޯދަން ކުރި މަސައްކަތުން މިހާތަނަށް އެ ސްކީމު ހިންގަނީ ސީދާ ކޮން ބައެއްކަން ދެނެގަނެވިފައި ނުވާ ކަމަށާއި ނަމަވެސް ރާއްޖޭގައި މި ސްކީމު ޕްރޮމޯޓުކުރުމުގައި އިސްކޮށް އުޅޭ ހަތް މީހެއްގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ޖީއެމްސީއީ ނުވަތަ ޖެމްކިޔުގެ ނަމުގައި ހިންގަނީ ޕޮންޒީ ސްކީމެއް ކަމަށާއި އެ ސްކީމަކީ ގާނޫނާ ހިލާފަށް ހިންގާ ސްކީމެއް ކަމަށް ފުލުހުންނާއި ސީއެމްޑީއޭ އިން ވަނީ ބުނެފަ އެވެ.
ތަފްސީލް - ޖީއެމްސީއީ ސްކޭމްއާ ގުޅޭ ގޮތުން 'ދައުރު'އާ ވާހަކަ ދައްކަވަމުން ހެޑް އޮފް އެންޓި ސްކޭމް ސެންޓަރު އާދަމް ނަވީދު މިއަދު ވިދާޅުވީ މި ސްކީމު ޕްރޮމޯޓުކުރުމުގައި އިސްކޮށް އުޅެނީ ހުސް ދިވެހިން ކަމަށާއި އެއީ އަންހެނަކާއި ހަ ފިރިހެނުން ކަމަށެވެ.
ޖީއެމްސީއީ ފެށިގެން އައީ ރާއްޖެއިން ކަމަށް މިހާތަނަށް ބެލިބެލުމުން ދެނެގަނެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ލިބިފައި ހުރި ފެކްސްޓްއަށް ބަލާއިރު މި ސްކީމު ފެށިފައި މި އޮތީ ރާއްޖެއިން ކަމަށް އަޅުގަނޑުމެންނަށް ބުނެވޭ ގޮތަށް އިންޑިކޭޝަންތައް މިހާތަނަށް ފާހަގަކުރެވިފައި އެބަހުރި. ނަމަވެސް މި ސްކީމަކީ ސީދާ ރާއްޖެ ބަޔަކު ހަދައިގެން އުޅޭ އެއްޗެއް ކަމަށް ކަނޑައެޅިގެން ދެންނެވޭކަށް ނެތް،" ނަވީދު ވިދާޅުވި އެވެ.
"މީގެ ތެރޭ މިހާރު އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި އެބަހުރި ބޭރުގެ ފަރާތްތައް ވެސް. މި ފާހަގަކުރެވުނި ބޭރުގެ ފަރާތްތަކަކީ ކޮން ބައެއްކަން [އަދި] ނޭނގޭ. އެކަމަކު އެއީ ކޮން ގައުމެއްކަން އެނގޭ. ޔޫރަޕުގެ ގައުމެއް އެބަ ހިމެނޭ މީގެ ތެރޭ."
މިވަގުތު އެއީ ކޮން ގައުމެއްކަން އަދި ހާމަ ކުރެވެން ނެތް ކަމަށް ނަވީދު ވިދާޅުވި އެވެ.
"ރާއްޖޭގެ އިތުރަށް އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ އެންމެ ގައުމެއް. އެ ވެދާނެ މި ސްކީމުގެ ފެށުމަކީ. ރާއްޖޭގައި މި ސްކީމު ފެށުނު އިރު ބައިވެރިވި ބޭރުގެ ފަރާތަކީ އެއީ ކަމަށް ވެދާނެޔޭ ސްކީމުގެ ފެށުމަކީ،" ނަވީދު ވިދާޅުވި އެވެ.
ފުލުހުންނަށް މި މައްސަލަ ހުށަހެޅުމުން މިހާތަނަށް ބެލި ބެލުމުން މިއީ ދުނިޔޭގައި ވެސް އާ ގޮތަކަށް ހިންގާ ސްކީމެއްކަން ފާހަގަވެފައިވާ ކަމަށް ނަވީދު ފާހަގަކުރެއްވި އެވެ.
"އެހެން ގައުމުތަކަށް ވެސް މިއީ އާ ކަމެއް. ހާއްސަކޮށް ޖީއެމްސީ ނުހިންގާ އެހެން ގައުމެއްގައި. އެކަން އެބަ ކަށަވަރުކޮށްދޭ އިންޓަޕޯލްއިންނާއި އެހެން ގައުމުތަކުގެ ފުލުހުން. އެހެންވީމާ މި ސްކީމު މި ހިންގަނީ ރާއްޖޭގައި،" އޭނާ ފާހަގަ ކުރެއްވި އެވެ.
މިއީ އެމެރިކާގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏަކުން ހިންގާ ސްކީމެއް ކަމަށް ބުނެ އިންވެސްޓަރުންގެ އިތުބާރު ހޯދަން މަސައްކަތް ކުރާ ކަމަށް ނަވީދު ވިދާޅުވި އެވެ. އެ ކުންފުނީގެ ރަޖިސްޓްރޭޝަން ސެޓްފިކެޓު ކަމަށް ބުނެ އިންވެސްޓަރުންނަށް ދައްކަނީ ސައްހަ ސެޓްފިކެޓެއް ނޫން ކަމަށް އެމެރިކާގެ ކަމާ ބެހޭ އިދާރާތަކާ ހަވާލާދީ އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން އެ ސެޓްފިކެޓު ވެސް ބެލިން. އެމެރިކާގެ އެޖެންސީތަކަށް ފޮނުވައިގެން އެއީ ސައްހަ ކުންފުންޏެއް ތޯ ބެލިން. އެއީ އެއްވެސް ގޮތަކަށް އެމެރިކާގެ އެއްވެސް ތަނެއްގައި ރަޖިސްޓްރީކޮށްފައި އޮތް ކުންފުންޏެއް ނޫން،" އޭނާ ވިދާޅުވި އެވެ.
'ހައިލެވެލް ސްކޭމް ސްކީމް'ތަކަކީ އަބަދު ވެސް މިފަދަ ގޮތްގޮތަށް މީހުންގެ ހިތް ލަންބުވާލައި މީހުންގެ އިތުބާރު ހޯދަން މަސައްކަތް ކުރާ ބައެއްކަން ނަވީދު ފާހަގަކުރެއްވި އެވެ.
ސީއެމްޑީއޭ އާއި ފުލުހުން ގުޅިގެން ބަޔާން ނެރުމުން، އެ ސްކީމު ޕްރޮމޯޓު ކުރަން ކުރިއަށް ވުރެ ވަރުގަދަކޮށް ޕްރޮމޯޝަން ޖެއްސިކަން ވެސް ނަވީދު ފާހަގަކުރެއްވި އެވެ. އެގޮތުން:
އެ ދުވަހު ވަކި އަދަދެއް އިންވެސްޓު ކުރުމުން އެ އަދަދު ދެގުނަވާނެ ކަމަށް ބުނެ ޕްރޮމޯޓު ކުރި 
ޖީއެމްސީއީއަކީ ބޮޑު އޮޅުވާލުންގަނޑެއްކަން އޭގައި ބައިވެރިވެގެން ނުވަތަ އިންވެސްޓުކޮށްގެން އުޅޭ އެންމެންނަށް ވެސް މިހާރު ކަށަވަރު ވާނެ
"މިއަދު އިރުއެރި އިރު މި އިވެނީ އެއްކަލަ ޑަބަލް ކުރަން އިންވެސްޓު ކުރި މީހުންގެ ޕޭއައުޓަށް ޖެހީމާ މިއަދު ފައިސާ ނުނެގިގެން އުޅޭ ވާހަކަ. އަދި މި ގްރޫޕުތަކުގައި ޖީއެމްސީ ހިންގާ މީހުން ބުނާ ކަމަށް އިންވެސްޓަރުން ކައިރީ އެމެރިކާގެ އިދާރާތަކުން ތަހުގީގު ކުރާތީވެ ވޮލެޓުތައް ފްރީޒްކޮށްފައި ހުރީމާ ފައިސާ ނުދޫކުރެވިގެންނޭ. އެއީ ސީދާ ކަނޑައެޅިގެން ދޮގެއް،" އޭނާ ވިދާޅުވި އެވެ.
ނަވީދު ވިދާޅުވީ ޖީއެމްސީއީގެ މައްސަލަ ދިވެހި ފުލުހުން ފިޔަވައި އިތުރު ބަޔަކު ތަހުގީގު ނުކުރާ ކަމަށެވެ.
ޖީއެމްސީއީ ވޮލެޓް ފްރީޒު ކުރުން ފަދަ ފިޔަވަޅެއް ދިވެހި ފުލުހުން ވެސް އަދި އަޅާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މި ސްކީމް ޕްރޮމޯޓުކުރާ މީހުންނާ މެދު ވެސް މިހާތަނަށް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ